ރުޕޭކާޑު: ދުނިޔޭގެ 300 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރޭ

ބީއެމްއެލް

ބީއެމްއެލް ޕީއޯއެސްތަކުން ރުޕޭ ކާޑުގެ މުއާމަލާތް މިހާރު ކުރެވޭނެ

ރުޕޭ ކާޑަކީ ދުނިޔޭގެ 300 މިލިއަންއަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކް

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރުން މިއަދު އިފްތިތާހުކުރުމާ އެކު ގައުމީ ބޭންކް، ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓާމިނަލްތަކުގައި އެ ކާޑު ބޭނުންކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެނގުން މުހިއްމު- ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ރުޕޭ ކާޑަކީ ދުނިޔޭގެ 300 މިލިއަނަށް ވުރެ ގިނަ މީހުން ބޭނުންކުރަމުން އަންނަ އިންޑިއާގެ ފުރަތަމަ ގްލޯބަލް ކާޑު ޕޭމަންޓް ނެޓްވޯކެވެ.

ތަފްސީލް - ބީއެމްއެލްގެ އޭޓީއެމް އާއި ޕީއޯއެސްތަކުން ރުޕޭ ކާޑު ގަބޫލުކުރަން ފެށުމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ ރާއްޖޭގައި ރުޕޭ ކާޑު ބަލައިގަތުން މަގުފަހިކުރަން ނޭޝަނަލް ޕޭމަންޓް ކޯޕަރޭޝަން އޮފް އިންޑިއާއާ އެކު ބައިވެރިވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އިންޑިއާގެ ރީޓެއިލް ޕޭމަންޓް ސިސްޓަމްތަކަށް ރުޕޭގެ ސަބަބުން ފާހަގަކުރެވޭ ބޮޑު ބަދަލެއް އައިސްފައިވާއިރު، ރާއްޖޭގެ އެންމެ ފުޅާ ބޭންކިން ނެޓްވޯކްގައި،  ރުޕޭ ކާޑުގެ ހިދުމަތް ދޭން ފެށުމުން ރުޕޭ ކާޑުގެ ކަސްޓަމަރުންނަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ،" ނިމާލް ވިދާޅުވި އެވެ.

އެނގުން މުހިއްމު - ރުޕޭ ކާޑު ރާއްޖޭގައި ތައާރަފްކުރީ ރައީސް މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާޗުއަލްކޮށެވެ.

ރުޕޭ ކާޑް ރާއްޖެއަށް ތައާރަފްކުރަން އެންޕީސީއައި އާއި ބީއެމްއެލްއިން އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޑިސެމްބަރު 2019ގަ އެވެ.

އެނގުން މުހިންމު - ރާއްޖެއަށް ޔުނިފައިޑް ޕޭމެންޓްސް އިންޓަފޭސް (ޔޫޕީއައި) ތައާރަފުކުރަން ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)އާ އެކު މިދިޔަ އޮގަސްޓް މަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ އެއްބަސްވުމުގައި ސޮއިކުރީ އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް