އިންޑިއާގެ ޔޫޕީއައި ހިދުމަތް ދޭ ކުންފުނީގެ ބައިނަލްއަގުވާމީ ގޮތްޕާއެކު ރާއްޖޭން އެމްއޯޔޫގައި ސޮއިކުރުން (ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ)

ރާއްޖެ-އިންޑިއާ

ޑިޖިޓަލް ޕޭމަންޓު ނިޒާމު ތަރައްގީކުރަން އިންޑިއާއާ އެކު އެމްއޯޔޫގައި ސޮއިކޮށްފި

މި އެމްއޯޔޫގެ ދަށުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓާ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނި

ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އިންޑިއާގެ ޔޫޕީއައި ހިދުމަތް ފޯރުކޮށްދޭ ކުންފުންޏާ އެކު އެމްއޯޔޫގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ތަފްސީލް - މި އެމްއޯޔޫ ގާއިމް ކުރީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ ނެޝަނަލް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި)ގެ ބައިނަލްއަގުވާމީ ވިޔަފާރިއާ ބެހޭ ކުންފުނި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމެންޓްސް ލިމިޓެޑް (އެންއައިޕީއެލް)އާ ދެމެދު އެވެ.

އެމްއޯޔޫއާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ އެމްއޯޔޫއާ އެކު:

  • ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކްރިއޭޓާ އިކޮނޮމީގެ ފުރުސަތުތައް ދިވެހިންނަށް ހޯދައިދިނުމަށް މަސައްކަތް ކުރާނެ

  • އީކޮމާސްގެ ދާއިރާ ތަރައްގީކުރެވޭނެ

  • މާލީ ބާޒާރުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރެވޭނެ

  • މާލީ ބާޒާރު ފުޅާ ކުރެވޭނެ

މި އެމްއޯޔޫގެ މަގުސަދަކީ، އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި:

  • ޑިޖިޓަލް ޕޭމަންޓު ސިސްޓަމް ތަރައްގީ ކުރުން؛ ފަސޭހަކަމާއި ރައްކާތެރިކަމާ އެކު ފައިސާ ފޮނުވުމުގެ ހިދުމަތް ދިނުމަށް ޒަމާނީ ޓެކްނޮލަޖީ ގާއިމް ކުރުން

  • މާލީ ބާޒާރުގައި ފަރުދުންގެ ބައިވެރިވުން އިތުރުކުރުން

  • ފަސޭހަކަމާ އެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ނެޓުވޯކުތަކާ ގުޅިލާމެހުން އިތުރު ކުރުން

  • އީކޮމާސްގެ ނިޒާމުތައް އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ރާއްޖޭގެ މާލީ ހިދުމަތް ދޭ ފަރާތްތަކަށް ފޯރުކޮށްދިނުން

މިނިސްޓްރީން ބުނީ، އެންޕީސީއައިއާ އެކު ގާއިމުކުރި ގުޅުމާ އެކު ޑިޖިޓަލް ޓެކްނޮލަޖީ ބޭނުންކޮށްގެން އިގްތިސޯދުގެ ހަކަތަ އިތުރު ކުރުމަށް ކުރާ މަސައްކަތުގަައި ކުރިއެރުން ލިބިއްޖެ ކަމަށެވެ.

ބުނީ ކީކޭޭ؟ - އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ހުކުރު ދުވަހުގެ ރޭ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާއި ރާއްޖޭގެ ފޮރިިން މިނިސްޓަރު މޫސާ ޒަމީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ދުނިޔޭގެ ޑިޖިޓަލް ޕޭމެންޓު މުއާމަލާތްތަކުގެެ %40 މިހާރު ހިނގަނީ އިންޑިއާގައި ކަމަށެވެ.

"މި އެމްއޯޔޫގެ ދަށުން ކުރިއެރުންތަކެއް ލިބި، ރާއްޖޭގައި ޔޫޕީއައި މެދުވެރިކޮށް ފުރަތަމަ މުއާމަލާތް ކުރެވޭ ތަން ވަރަށް އަވަހަށް ފެންނާނެ ކަމަށް އުއްމީދު ކުރަން. މިއީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ،" ޖައިޝަންކަރު ވިދާޅުވި އެވެ.

ފާހަގަ ކުރެވޭ - އިންޑިއާގެ ޔޫޕީއައި ހިދުމަތުގެ ދަށުން ފަސޭހަކަމާ އެކު، އެކި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތައް މެދުވެރިކޮށް ވަގުތުން މޮބައިލް ފޯނު ބޭނުންކޮށްގެން ފައިސާ ފޮނުވާ ހެދެ އެވެ.

ކޮމެންޓް (1)

ފަވަރަ

11 އޯގަސްޓު 2024
ރާއްޖޭގަ ފަވަރަ އަބައޮތް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް