ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއް މަތިން ފެންނަ ފޮޓޯއެއް. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ހިޔާގެ ކުލި ކުޑަކުރިޔަސް ގެއްލުމެއް ނުވާނެ؛ އާމްދަނީ ހޯދާނަން: އާބަންކޯ
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކައި އެ ތަނުގައި އުސް ޓަވަރުތަކެއް އެޅުމުގެ މަޝްރޫއު ފެށީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށެވެ. ހުޅުމާލޭގެ ބިމުގެ ވެރިފަރާތް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ނުވަތަ މިހާރުގެ ގޮތުން ނަމަ އާބަންކޯގެ ނަމުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ޗައިނާގެ އެގްޒިމް ބޭންކުން 434 މިލިއަން ޑޮލަރު (6.6 ބިލިއަން ރުފިޔާ)ގެ ލޯނު ނެގި އެވެ.
ފްލެޓުތަކުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށިއިރު، ތަނަށް މީހުންނަށް ވަދެވުނީ ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދުތެރޭގަ އެވެ. އޭރު، އެ ސަރުކާރުން ފްލެޓުގެ ކުލީގެ ގޮތުގައި ކަނޑައެޅީ މެއިންޓެނެންސް ފީއާ އެކު 8،500ރ. އެވެ. އާންމުންގެ އެންމެ ބޮޑު ޝަކުވާއަކަށްވީ، ފިނިޝިން މަސައްކަތް ނުނިންމައި ބޮޑު އަގުގައި ތަން ދިން އިރު، އެ ތަނުގައި ދިރިއުޅުމަށް އަތުން ބޮޑު ހަރަދެއް ކުރަންޖެހުމެވެ.
އޭރު ސަރުކާރުން ބުނެފައިވަނީ، އެ މަޝްރޫއު ފެށިއިރު ރާވާފައި އޮތީ ވެސް ތަނުގެ ފިނިޝިން ނުނިންމާ ހަވާލުކުރާ ގޮޮތަށް ކަމަށެވެ.
އާންމުންގެ ޝަކުވާތަކަށް ބަލައި މި އަހަރުގެ މެއި މަހު، އާބަންކޯ އިން ވަނީ ކުލި ދެއްކުމަށް ލުޔެއް ދީފަ އެވެ. އެގޮތުން:
-
ހަތް އަހަރު ވަންދެން ހިޔާ ފްލެޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއަށް ނަގާ 1،000ރ.އާ އެކު މަހަކު 6،300ރ. ކަމަށް ކަނޑައެޅި
-
ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް ދަންމާލި
އޭރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި އަހުމަދު އާތިފް ވިދާޅުވީ، ކުއްޔަށް ލުއި ދޭން ނިންމީ އެވްރެޖުކޮށް ހިޔާގެ ފިނިޝިން މަސައްކަތަށް 130،000ރ. ހަރަދުވާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެގޮތަށް ނިންމީ، ފިނިޝިންގެ މަސައްކަތް ކުރުމަށް އާންމުން ނަގާފައިވާ ލޯނުތައް ދެއްކުމުގަައި ލުއި ގޮތްތަކެއް ހޯދައިދިނުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އާތިފް ވިދާޅުވެފައި ވަނީ، ޕްރޮޖެކްޓު ނިންމުމަށް ފަހު އިއުލާނުކުރި އިރު، އެ ތަނުގެ ކުލީގެ ގޮތުގައި ނަގަން ފުރަތަމަ ނިންމީ މަހަކު 10،000ރ. ކަމަށެވެ. އެއީ ތަން އިމާރާތް ކުރުމަށް ދިޔަ ހަރަދާއި ބިމުގެ އަގު އަދި ޕްރޮޖެކްޓުގެ އަގާއި އެހެނިހެން އިދާރީ ހަރަދުތައް ވެސް ހިމަނައިގެން ކަމަށާއި، ނަމަވެސް ފްލެޓް ލިބުނު މީހުން ލުއިކޮށްދިނުމަށް، އިމާރާތްކުރުމަށް ހޭދަވި މިންވަރު އެކަނި ހިމަނައި ކުޑަ ކުއްޔެއް ކަނޑައެޅީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
ފުރަތަމަ ކަނޑައެޅި އަދަދަށް ވުރެ ކުޑަ ކުއްޔެއް ކަނޑައެޅީ އެޕާޓްމެންޓަކަށް 555،000ރ. ސަބްސިޑައިޒްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. މުޅި މަޝްރޫއުއަށް ކުރިން ވެސް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކުރިކަން އޭރު އާތިފް ފާހަގަކުރައްވާފައިވެ އެވެ.
ހިޔާ މަޝްރޫއުގެ މަސައްކަތް ފެށިއިރު ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ރައީސް މުހައްމަދު މުއިއްޒެވެ. ހިޔާގެ ކުލި ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން އިއުލާނު ކުރީއްސުރެ، ރައީސް މުއިއްޒު ވިދާޅުވަމުން ގެންދެވި ވާހަކަފުޅަކީ، ފްލެޓުތަކުން މަހަކު 5،600ރ. ނަގައިގެން ވެސް ދެކޮޅު ޖެއްސޭނެ ކަމުގެ ވާހަކަ އެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕޭނުގައި ވެސް އެ ވާހަކަފުޅު ތަކުރާރު ކުރެއްވި އެވެ. ފިނިޝިންއަށް ދިޔަ ހަރަދުގެ އެވްރެޖެއްގެ ގޮތުގައި 200،000ރ. ކަނޑައަޅައި ފްލެޓު ލިބުނު ކޮންމެ މީހަކަށް އެ ވަރުގެ ޑިސްކައުންޓެއް، ފްލެޓުގެ އަގުން ދެއްވަން ވަނީ ނިންމަވައިފަ އެވެ.
މި ނިންމެވުމާ އެކު ވެސް އާބަންކޯއަށް އެއްވެސް ގެއްލުމެއް ނުވާނެ ކަމަށް އެ ކުންފުނީގެެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. ކުންފުންޏެއް އޭގެ ޒާތުގައި ބައެއް ފަހަރު ފައިދާއަށް މަސައްކަތް ނުކޮށް، ރައްޔިތުންގެ މަންފާއަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏަކަށް އިރާދަކުރެއްވިއްޔާ އޭގެ އަސަރެއް ނުކުރާނެ. އެހެން މި ދަންނަވަނީ ސަރުކާރާއި އަޅުގަނޑުގަނޑުމެންނާ [އާބަންކޯ]އާ ގުޅިގެން ރައްޔިތުންނަށް ދެވޭނެ ލުޔެއް ކަނޑައެޅުމުގެ މަސައްކަތްތައް އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ފަޒުލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާބަންކޯ އިން ވިޔަފާރި އުސޫލުން ލޯނެއް ނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއަކުން، ކޮންޒިއުމާއަށް ނުވަތަ ފްލެޓު ލިބުނު ފަރާތަށްް ޑިސްކައުންޓު ދޭން ނިންމި ނަމަވެސް، ކުންފުންޏަށް އޭގެ އަސަރެއް ނުކޮށް، ކުންފުނި ކުރިއަށް ދާނެ ކަމަށެވެ.
"ސަރުކާރާއި އަޅުގަނޑުމެންނާ ދޭތެރެއަށް ރައްޔިތުން ވައްދާކަށް ބޭނުންފުޅެއް ނުވޭ ރައީސްއެއް. ސަރުކާރާއި ކުންފުންޏާ ދޭތެރޭ އޮންނަ މުއާމަލާތްތައް، ކޮންސާންތައް އަޅުގަނޑުމެން ރަނގަޅު ކުރަމުން ދާނަން. އެހެންވީމާ ކުންފުންޏަކަށް ވެސް އޭގެ ސަބަބުން ގެއްލުމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ރައީސް މުއިއްޒުގެ 'ޕްރޯ މޯލްޑިވްސް' ސިޔާސަތުގެ ބޭނުމަކީ ރައްޔިތުންނަށް ދިމާވެފައިިވާ މައްސަލަތައް ހައްލުކުރުން ކަމަށް ފަޒުލް ވިދާޅުވި އެވެ.
"ރައްޔިތުންނަށްޓަކާ ކުރެވޭ މަސައްކަތެއް މިއީ. ރައްޔިތުންނަށް މިކަން ޕާސް ކުރުމުގެ ވިސްނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
މާލީ ހިސާބުތައް ބުނަނީ އެހެން ވާހަކައެއް
ދައުލަތުގެ ކުންފުނިތަކުގެ ކަންކަން ބަލަހައްޓާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އާންމު ކުރި 2021 ވަނަ އަހަރުގެ މާލީ ރިޕޯޓުތައް ދައްކާ ގޮތުން، ހިޔާ މަޝްރޫއުގެ ސަބަބުން އެ އަހަރު ކުންފުންޏަށް 175 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވެ އެވެ.
ރައީސް މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި އިރު ވިދާޅުވި ގޮތަށް އަދި ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓުތަކުގެ ކުލި 5،600ރ. ނުވަތަ މެއިންޓެނެންސްއާ އެކު 6،600ރ. ނެގި ނަމަވެސް، ކޮންމެ ފްލެޓަކުން އާބަންކޯ އަށް 1.1 މިލިއަން ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް އޮޑިޓް އޮފީހުން ހެދި އޮޑިޓަކަށް ފަހު އާންމުކުރި ރިޕޯޓެއްގައި ވެސް ވަނީ ބުނެފަ އެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން، ހިޔާ ފްލެޓުތަކުން ގެއްލުން ނުވާނީ އެ ތަންތަނުގެ ކުލި 11،000ރ.އަށް ހަދައިގެންނެވެ. އެއަށް ވުރެ ކުޑަ އަގުގައި އެ ތަންތަން ދޭ ނަމަ، ދައުލަތުން އާބަންކޯއަށް ސަސްސިޑީ ދޭން ޖެހޭނެ ކަން ވެސް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ހިޔާ ފްލެޓުތަކުގެ ކުލި ހަތް އަހަރު ވަންދެން ކުޑަކޮށް، ފައިސާ ދައްކަން ޖެހޭ މުއްދަތު ދަންމާލިދަންމާލުމުގެ ސަބަބުން އާބަންކޯއަށް ލިބޭ މާލީ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން އެ ކުންފުންޏަށް 177 މިލިއަން ރުފިޔާ ދޭން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފަ އެވެ.
އެ ފްލެޓުތަކުގެ އަގުން ޑިސްކައުންޓެއް ދިނުމުން، އޭގެ ސަަބަބުން މާލިއްޔަތަށް ކުރާނެ އަސަރަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އެއަށް ސީދާ ޖަވާބެއް އާބަންކޯއަކުން ނުދެ އެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް އިއްޔެ ވިދާޅުވީ އޭގެ ބުރަ ރައްޔިތުންނަށް ނުޖައްސާނެ ކަމަށެވެ.
އޮޑިޓް އޮފީހުން އާންމުކޮށްފައިވާ 2022 ވަނަ އަހަރުގެ އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން، އެ އަހަރުގެ ނިޔަލަށް އެ ކުންފުނިން ލޯނުގެ ގޮތުގައި ސަރުކާރާއި މާލީ އެހެން އިދާރާތަކުން 10.7 ބިލިއަން ރުފިޔާ ހޯދާފައިވެ އެވެ.
-
އެ ކުންފުނިން ނަގާފައިވާ ދިިގު މުއްދަތުގެ ލޯނުގެ ޖުމްލަ 8 ބިލިއަން ރުފިޔާއަށް އަރާ
-
ކުރު މުއްދަތުގެ ލޯނުތަކުގެ ޖުމްލަ 1.8 ބިލިއަން ރުފިޔާއަށް އަރާ
'ދަރަނި ބޮޑަސް، އާމްދަނީ އިތުރު ކުރާނަން'
ފަޒުލް އިއްޔެ ވިދާޅުވީ އެ ކުންފުންޏަށް ލިބޭ މާލީ ގެއްލުންތައް ފޫބެއްދޭނެ އެހެން ގޮތްތައް އެބަހުރި ކަމަށެވެ. އާބަންކޯގެ މިލްކުވެރިކަމުގެ ދަށުގައި ގިނަ އަދަދެއްގެ ބިން އެބަހުރި ކަމަށާއި، ބިމުގެ އަގަކީ ދަށްވާ އެއްޗެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކެޕޭސިޓީ އިތުރުވާނެ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ލޭންޑުގެ ވެލިއު އަކީ ދުވަހުން ދުވަހަށް އިތުރުވާ އެއްޗެއް. އެއީ ޑެޕްރެޝިއޭޓު [އަގު ދަށްވާ] ވާ ވެލިއުއެއް ނޫން. އެހެންވީމާ ލޭންޑުގެ ވެލިއު ދުވަހުން ދުވަހަށް ދާނީ އިންކްރީޒް [އިތުރު] ވަމުން،" ފަޒުލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވާނީ ބިން އިތުރު ކުރަން ކަމަށާއި އެގޮތަށް މަސައްކަތް ކުރެވިއްޖެ ނަމަ ކުންފުނީގެ ނަމުގައި ހުރި ބިމުގެ އަދަދު އިތުރުވާނެ ކަމަށެވެ.
"އެހެންވިމާ އެ ބިމާއެކު އަޅުގަނޑުމެންގެ ބުކްސް [މާލީ ހިސާބުތައް] ރަނގަޅު ކުރެވޭނެ. އޭގެ މާނަ އަކީ މާލީ އިދާރާތަކަށް ގޮސްގެން މި ދަމަހައްޓާ ކަންތައް ދަމަހައްޓައި އިންވެސްޓުމެންޓު ހޯދަން ހުރި ކަންތައް ކުރެވޭނެއޭ،" ކުންފުނި އޮތީ ސްޓޭބަލްކޮށްކަން ފާހަގަކުރައްވައި ފަޒުލް ވިދާޅުވި އެވެ.
ބިމުގެ އަގާ ގުޅޭ ގޮތުން ފަޒުލް އެހެން ވިދާޅުވިޔަސް، ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބީޗު ސައިޑުން ވިއްކަން އާބަންކޯ އިން އެންމެ ފަހުން އިއުލާންކުރި 55 ގޯއްޗަށް ހުށައެޅި އަގު ވަރަށް ބޮޑު ތަނުން ކުޑަވެ، ދެވަނަ ފިޔަވަހީގެ ބިމުގެ އަގު ވެއްޓިފައިވާކަން ވަނީ ހާމަވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށް ގެންދިޔަ އެ މުއާމަލާތުގައި، އެންމެ ބޮޑު އަގަކަށް އޮތީ އަކަފޫޓަކަށް 6،060ރ. އެވެ. އެއީ މިދިޔަ އަހަރުގެ ކުރީކޮޅު ބީޗު ސައިޑުން ވިއްކަން އިއުލާންކުރި ބިންތަކަށް ހުށަހެޅި އަގާ އަޅާބަލާއިރު ވަރަށް ކުޑަ އަގެކެވެ.