ހިޔާ ފްލެޓްތައް. (ދައުރު ފޮޓޯ/ އަބްދުﷲ އިޔާން)

ހިޔާ ފްލެޓްތައް

ހިޔާގެ ކުލި 7 އަހަރު ވަންދެން 6،300ރ.އަށް ކުޑަކޮށް، މުއްދަތު 27 އަހަރަށް ދަންމާލައިފި

މިހާރު މެއިންޓެނަންސް ފީއަށް ނަގާ 1،000ރ.އާ އެކު މަހަކު 8،500ރ. ދައްކަން ޖެހޭ؛ ދެން މެއިންޓެނަންސްއާ އެކު ދައްކަން ޖެހޭނީ 6،300ރ.

ކުރިއަށް އޮތް ހަތް އަހަރު ވަންދެން ހިޔާ ފްލެޓުތަކުގެ ކުއްޔަކީ، މެއިންޓެނަންސް ފީއަށް ނަގާ 1،000ރ.އާ އެކު މަހަކު 6،300ރ. ކަމަށް ކަނޑައަޅައި ކުލި ދައްކަން ޖެހޭ މުއްދަތު 25 އަހަރުން 27 އަހަރަށް ދަންމާލައިފި އެވެ.

ވީ ކިހިނެއް؟ - ހިޔާ ފްލެޓުތަކުގެ ކުލި ދެއްކުމަށް ލުޔެއް ގެނެސް، އެކަން އިއުލާނުކުރުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހައުސިންގެ ސްޓޭޓު މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިިދާޅުވީ މި ލުއި ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވީ ހިޔާ ޔޫނިއަންގެ ފަރާތުން އެ މަނިކުފާނާ ބައްދަލުކޮށް އެދުނު ކަންތައްތަކެއްގެ މައްޗަށް ކަމަށެވެ.

ތަފްސީލް - މި މަހުން ފެށިގެން ހަތް އަހަރަށް ކުލި ކުޑަކޮށްދޭން ނިންމީ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އަކްރަމް ވިދާޅުވި އެވެ.

"ހިޔާ ފްލެޓަކީ އޭރުގެ ސަރުކާރުން އެ ތަނުގެ ފިނިޝިން ނުނިންމައި އޭރުގެ ސަރުކާރުން ހަވާލުކޮށްފައިވާ ތަނެއް. އޭގެ ސަބަބުން ރައްޔިތުން ވަރަށް ގިނަ ތަކުލީފުތަކެއް އުފުލަން ޖެހުނު. ވަރަށް ބޮޑު ހޭދައެއް ކުރަން ޖެހުނު އެތައް ލައްކަ ރުފިޔާ އަކުން،" އޭނާ ވިދާޅުވި އެވެ.

އަކްރަމް ވިދާޅުވީ ކުލި ކުޑަކުރީ ނޫން ކަމަށާއި ކުލި ދެއްކުމަށް ލުއި ގޮތެއް ހަމަޖައްސައިދިނީ ކަމަށެވެ.

ބުނީ ކީކޭ؟ - އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ކުއްޔަށް ލުއި ދޭން ނިންމީ އެވްރެޖުކޮށް ހިޔާގެ ފިނިޝިން މަސައްކަތަށް 130،000ރ. ހަރަދުވާނެ ކަމަށް ބެލުމަށް ފަހު ކަމަށެވެ.

"ބޭސިސް އަކީ [ފިނިޝިންއަށް ނަގައި] މިހާރު ދައްކަމުންދާ ލޯނަށް ލުޔެއް ދިނުން. މި ބަދަލާ އެކު ހަތް އަހަރުގެ މުއްދަތަށް 5،300ރ.އަށް ކުލި ދައްކާ އަދަދު ކުޑަވެގެން ދިޔައީ،" އާތިފް ވިދާޅުވި އެވެ.

އާތިފް އިތުރަށް ވިދާޅުވީ:

  • ޕްރޮޖެކްޓު ނިންމުމަށް ފަހު އިއުލާނުކުރި އިރު، އެ ތަނުގެ ކުލީގެ ގޮތުގައި ނަގަން ފުރަތަމަ ނިންމީ މަހަކު 10،000ރ.؛ އެއީ ތަން އިމާރާތް ކުރުމަށް ދިޔަ ހަރަދާއި ބިމުގެ އަގު އަދި ޕްރޮޖެކްޓުގެ އަގާއި އެހެނިހެން އިދާރީ ހަރަދުތައް ވެސް ހިމަނައިގެން

  • ނަމަވެސް، ފްލެޓް ލިބުނު މީހުން ލުއިކޮށްދިނުމަށް، އިމާރާތްކުރުމަށް ހޭދަވި މިންވަރު އެކަނި ހިމަނައި ކުޑަ ކުއްޔެއް ކަނޑައެޅި

  • މިހާތަނަށް ކުލި ނަގަމުން އައީ އެޕާޓުމެންޓަކަށް 555،000ރ. ސަބްސިޑައިޒްކޮށްގެން

  • މުޅި މަޝަރޫއުއަށް މީގެ ކުރިން ވެސް 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒްކޮށްފައިވޭ

  • ތަން ހަވާލުކުރުމަށް ފަހު ހަތް މަސް ވަންދެން އެއްވެސް ކުއްޔެއް ނުނަގާ

ހިޔާ ފްލެޓުތަކުގެ ކުއްޔަށް ގެނައި ބަދަލާ އެކު، އެ މަޝްރޫއަށް ނެގި ލޯނު ދެއްކުމުގެ ކަންކަން ހަމަޖައްސާނީ ކުންފުންޏަށް ލިބޭ ފައިސާ އިން ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

"މިއާ އެކު، އެއްވެސް ސަބްސިޑީއެއް މި ބަދަލަކަށް ނުގެންނާނެ. އެއީ ކުލި ކުޑަ ކުރަނީއެއް ނޫން. ވަކި މުއްދަތަކަށް ލުޔެއް ދެނީ. މިއީ ކުންފުނީގެ ކޭޝްފްލޯ އިން މެނޭޖު ކުރާނެ ބަދަލެއް،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު - ހިޔާ ފްލެޓުތަކުގައި މީހުން އާބާދުވާން ފެށީ ޖުލައި 2021ގަ އެވެ. ފްލެޓުތަކުން ކުލި ނަގަން ފެށީ އޭޕްރީލް 2022ގަ އެވެ.

ކޮމެންޓް (1)

ރޮދި

11 މޭ 2023
7 އަހަރަކަށް ނޫނޭ ކުޑަކުރީއެއް. 7 އަހަރު އިތުރުކުރީ. ކުލި ދައްކާނިމެންދެން ދެން ދައްކަން ޖެހޭނީ އެވަރު.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް