އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓުކުރާ ޑޯނިއާ ބޯޓު ދުއްވުމުގެ ތަމްރީނު ހޯދި ދިވެހިންގެ ޕައިލެޓަކަށް އެކަމުގެ ބެޖު ހަވާލުކުރަނީ. (ފޮޓޯ/އެމްއެންޑީއެފް)

ރާއްޖެ-އިންޑިއާ

ރާއްޖޭގައި އިންޑިއާގެ 75 ސިފައިން؛ ދިވެހިން ތަމްރީނު ކުރިޔަސް ބޯޓު ދުއްވަން އިންޑިއާ ސިފައިން ހަރަކާތްތެރިވާނެ

އަސްކަރީ ޑޯނިއާ ބޯޓާއި ދެ ހެލިކަޕްޓަރު ދުއްވަން އިންޑިއާގެ 75 ސިފައިން ތިބޭ، އެކަމަކު ފްލައިޓް ދުއްވޭނީ އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކަމަށް އެމްއެންޑީއެފް އިން ބުނޭ

އަސްކަރީ ޑޯނިއާ ބޯޓު ދުއްވަން އެއްބަސްވެފައި ވަނީ ދެ ގައުމު ގުޅިގެން ކަމަށާއި ދިވެހި ޕައިލެޓުން ތަމްރީން ކުރިޔަސް އިންޑިއާ ސިފައިން އެ އޮޕަރޭޝަންގައި ހަރަކާތެރިވާނެކަން ރާއްޖެ އާއި އިންޑިއާ ދެމެދު ވެފައިވާ އެއްބަސްވުމުން ހާމަވެއްޖެ އެވެ. އޭގެ އިތުރުން، ރާއްޖޭގައި ގެންގުޅޭ އިންޑިއާގެ ވައިގެ އުޅަނދުތަކުގެ އޮޕަރޭޝަންގައި އެ ގައުމުގެ 75 މީހުން ހަރަކާތްތެރިވާކަން ވެސް ވަނީ ހާމަވެފަ އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އެކު ރާއްޖެއިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޓީއަށް ޑިފެންސާއި އެމްއެެންޑީއެފްގެ އިސްވެރިން ރޭ ވަނީ ހާޒިރުކޮށްފަ އެވެ. މި ބައްދަލުވުމުގައި ސުވާލުކޮށްފައި ވަނީ:

  • އިންޑިއާ އެކު ހަދާފައިވާ ޑޯނިއާ ފްލައިޓް އެއްބަސްވުމާއި ހައިޑްރޯގްރަފީ ސާވޭގެ އެއްބަސްވުމާ ގުޅޭ ގޮތުން

  • ކޮމިޓީ ހުޅުވާލައިގެން ބޭއްވި ބައިގައި ދެ އެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައި

  • ސިއްރުކޮށްގެން ބޭއްވި ބައިގައި ދެ އެއްބަސްވުން ވެސް ވަނީ ކޮމިޓީގެ މެންބަރުންނަށް ދައްކާފައި

ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގެ އޯޑިއޯ ރެކޯޑިން.

ބުނީ ކީކޭ؟ - ޕްރެޒެންޓޭޝަންގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކުރިން ވެސް އެތައް ފަހަރަކު ދިފާއެއްގެ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކައެއް ތަކުރާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ދެ އެއްބަސްވުމަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2016ގައި ރާއްޖެ އާއި އިންޑިއާ އިން އެކުލަވާލި އެކްޝަން ޕްލޭންގެ ދަށުން ހެދި އެއްބަސްވުންތަކެއް ކަމަށެވެ.

"ހައިޑްރޯގްރަފީ އެގްރިމަންޓް އަދި ޑޯނިއާ އެގްރިމަންޓް، ދެ އެގްރިމަންޓަކީ ވެސް އެކްޝަން ޕްލޭންގައި ލިޔެވިފައި ހުރި ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެގްރިމަންޓްތަކެއް،" އޭނާ ވިދާޅުވި އެވެ.

އިންޑިއާއެކު ރާއްޖެ އިން ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަކުރުމަށް ރޭ ޑިފެންސް މިނިސްޓްރީގެ އިސް ވެރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްފައި. (ފޮޓޯ/ މަޖިލިސް)

ޑޯނިއާ ބޯޓު އޮޕަރޭޓުކުރުމާ ގުޅޭ ގޮތުން ހަދާފައިވާ ދެ އަހަރުދުވަހުގެ އެއްބަސްވުމުގައިވާ ގޮތުން އެ ބޯޓު ދުއްވަން ޖެހޭނީ އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެންނެވެ. ކުރަން ޖެހޭ ގިނަ ހަރަދުތައް އިންޑިއާ އިން ކުރަން އޮންނަ އިރު، ފްލައިޓު ދުއްވޭނީ އެމްއެންޑީއެފްގެ ހުއްދައާ އެކު އެވެ. 

"[އެއްބަސްވުމުގައިވާ ގޮތުން] ޑޯނިއާ އެއާކްރާފްޓް އެއްވެސް ކަމެއްގައި އުދުހެން ބޭނުން ކަމުގައި ވާނަމަ، އެމްއެންޑީއެފްގެ ފަރާތުން ހުއްދަ ލިބިގެން، ޗީފް އޮފް ޑިފެންސް ފޯސްގެ އޮތަރައިޒޭޝަންއާ އެކު، ކޯސްޓްގާޑް ކޮމާންޑުގެ ޓާސްކިން އޯޑަރަކާ އެކު ޑޯނިއާ ރާއްޖެ ސަރަހައްދުގައި ފްލައި ކުރާނީ،" އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ކޮމިޓީ ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ވިދާޅުވި އެވެ.

"އެއީ، އެ މީހުންގެ [އިންޑިއާގެ] މެއިންޓެނަންސް ކަމެއްގައި ވިޔަސް، މެޑިކަލް އިވެކުއޭޝަންއެއް ކަމުގައި ވިޔަސް، ކޮންމެ ކަމެއްގައި އުދުހެން ބޭނުން ވާނަމަ، އެމްއެންޑީއެފްގެ ޓާސްކިން އޯޑަރެއް ލިބިގެން މެނުވީ ރާއްޖެ ސަރަހައްދުގައި ފްލައިއެއް ނުކުރެވޭނެ."

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި ޑޯނިއާ މަތިންދާބޯޓު: އެ އޮޕަރޭޝަންގައި އިންޑިއާގެ 25 މީހުން ހަރަކާތްތެރިވޭ. (ފޮޓޯ/ އެމްއެންޑީއެފް)

ޑޯނިއާ ބޯޓުގެ އޮޕަރޭޝަންގައި ރާއްޖޭގައި ގާއިމްވެގެން އިންޑިއާގެ 25 މީހުން ތިބޭނެ ކަމަށް އެމްއެންޑީއެފް އިން ކޮމިޓީގައި ވަނީ ހާމަކޮށްފަ އެވެ. އެއީ:

  • ތިން ޕައިލެޓުން 

  • އެއް އޮބްޒާވަރު 

  • 21 ޓެކްނިކަލް މީހުން

އޭގެ އިތުރުން، އިންޑިއާގެ ދެ ހެލިކަޕްޓަރު އޮންނަ ދެ ސަރަހައްދުގައި، ކޮންމެ ތަނެއްގައި އިންޑިއާގެ 25 މީހުން ރާއްޖޭގައި ތިބޭނެ ކަމަށް އެމްއެންޑީއެފް އިން ކޮމިޓީގައި ވަނީ ބުނެފަ އެވެ.

އިންޑިއާ އިން ރާއްޖޭގައި ދުއްވާ ހެލިކަޕްޓަރު: ދެ ހެލިކަޕްޓަރުގެ އޮޕަރޭޝަނަށް ޖުމްލަ 50 އިންޑިއާ މީހުން ހަރަކާތްތެރިވޭ.

އެހެންކަމުން، ޑޯނިއާ ބޯޓު އަދި ދެ ހެލިކަޕްޓަރަށް ޖުމްލަ 75 އިންޑިއާ މީހުން ތިބޭނެ އެވެ.

މިފަހުން އިންޑިއާ އިން ވަނީ ދިވެހި ތިން ޕައިލެޓަކު ޑޯނިއާ ދުއްވުމަށް ތަމްރީންކޮށްފަ އެވެ. އަދި އޭގެ ތެރެއިން ދެ ޕައިލެޓަކަށް މިދިޔަ އަންގާރަ ދުވަހު ވަނީ ބެޖު ހަވާލުކޮށްފަ އެވެ.

ދިވެހި ޕަލެޓުން ތަމްރީން ކުރުމުން އަދިވެސް އިންޑިއާ ސިފައިން ހަރަކާތްތެރިވާނެތޯ ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މިހާރު މެންބަރު އާދަމް ޝަރީފް ކުރެއްވި ސުވާލަށް ސީދާ ޖަވާބެއް ނުދެއްވާ ޝަމާލް ވިދާޅުވީ، ކުރީގެ ސަރުކާރުން އޭރު ވެސް މަޝްވަރާކޮށްފައި އޮތީ ދެ ގައުމު ގުޅިގެން ފްލައިޓު ދުއްވަން ކަމަށާއި އެއްބަސްވުމުގައި ވެސް ވަނީ އެގޮތަށް ކަމަށެވެ. އަދި ބަޖެޓުގައި ހުރި ދަތިކަމުގެ ސަބަބުން ދިވެހި ޕައިލެޓުން އެމްއެންޑީއެފް ވަޒީފާގައި ދެމިތިބުމަށް ގޮންޖެހުންތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ކޮމިޓީ ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ވައިގެ އުޅަނދެއް ރާއްޖެއަށް މުހިންމުވާ ސަބަބުތަކާއި ޑޯނިއާ ފްލައިޓުގެ އެއްބަސްވުމަކާ ހަމައަށް އާދެވުމުގެ ޓައިމްލައިން އަދި އެއްބަސްވުމުގައި ހިމެނޭ ބައެއް މުހިންމު ބައިތަކަށް އަލިއަޅުވާލެއްވި އެވެ. 

ކޯސްޓްގާޑު އޭވިއޭޝަން ސްކޮޑްރަންގެ ބެޖު ހަވާލުކުރި ދިވެހި ސިފައިންގެ ދެ ޕައިލެޓުން ޑޯނިއާ ބޯޓުގެ ކޮކްޕިޓުގައި. (ފޮޓޯ/ އެމްއެންޑީއެފް)

ވައިގެ އުޅަނދެއް ރާއްޖެއަށް މުހިންމުވާ ސަބަބުތަކުގެ ގޮތުގައި އެމްއެންޑީއެފް އިން ފާހަގަކުރީ:

  • ރާއްޖެއަކީ %99.7 ކަނޑު ހިމެނޭ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށްވުން 

  • ރާއްޖެ އޮތް ސަރަހަދުން ބޮޑެތި ޝިޕިން ލޭންތައް ދަތުރުކުރޭ އަދި ޑްރަގުގެ ބޮޑެތި ޝިޕްމަންޓުތައް ވެސް ގެންދިއުމަށް ބޭނުންކުރާ ރޫޓެއް

  • ގާނޫނާ ހިލާފަށް ރާއްޖޭގެ އިގްތިސާދީ ސަރައްދުގައި ބޮޑެތި އަދަދުން އެއްފަހަރާ މަސް ބޭނުން

  • ކަނޑުފޭރުމާއި މެރިޓައިމް ޓެރަރިޒަމްގެ ހަމަލާއެއް ކުރިމަތިވުމުގެ ބިރު

  • ކަނޑުމަތީގައި ހިނގާ ނުރައްކާތަކުގެ މައުލޫމާތު އަވަހަށް ލިބި އެކަމަށް އަވަހަށް ހަރަކާތްތެރިވުން

  • ގުދުރަތީ ކާރިސާތަކާއި ސިއްހީ އިމަޖެންސީ ހާލަތްތައް އަދި ތިމާވެށީގެ ގޮތުން ދިމާވާ ކަންކަމަށް ހަރަކާތްތެރިވުން 

  • ޝައްކުވާ އުޅަނދެއް ނުވަތަ ހާލުގައި ޖެހޭ އުޅަނދެއް މޮނީޓާ ކުރުން އަދި އެހީވުން

އިންޑިއާ އެކު ރާއްޖެ އިން ވެފައިވާ އެއްބަސްވުންތަކުގެ މައުލޫމާތު ހާމަ ކުރުމަށް ރޭ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފްގެ އިސް ވެރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ  ބެހޭ ކޮމިޓީގެ ބައްދަލުވުން. (ދައުރު ފޮޓޯ)

ޑޯނިއާ ފްލައިޓް އެއްބަސްވުމަކާ ހަމައަށް ދިޔަ ޓައިމްލައިން:

  • 15 އޮކްޓޯބަރު 2015ގައި - ދިވެހި ސަރުކާރުން ޑޯނިއާ ފްލައިޓަކަށް ފުރަތަމަ އެދިފައިވަނީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އަދި އިންޑިއާގެ އޭރުގެ އެކްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު ބޭއްވި ބައްދަލުވުމުގައި (މޯލްޑިވްސް-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ފަސް ވަނަ ބައްދަލުވުން).

  • މާޗު 2016 - ޑޯނިއާ ފްލައިޓް ވީހާ ވެސް އަވަހަކަށް ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އިންޑިއާ އެކު މަޝްވަރާތައް ކުރި؛ އެމްއެންޑީއެފްގެ ފަރާތުން އެދިފައި ވަނީ، ރާއްޖޭގެ ދެކުނު އިންޑިއާގެ ހެލިކޮޕްޓަރުން އޭރު ބަލަހައްޓަމުން އައި އިރު، އިތުރު ބެލެހެއްޓުމަށް ހަނިމާދޫގައި ޑޯނިއާ ފްލައިޓް ބާއްވަން ބޭނުންވާކަން.

  • 17 މެއި 2016 - ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އޭރުގެ އިންޑިއާ ސަފީރު އަކިލޭޝް މިޝްރާއަށް ފޮނުއްވި ސިޓީއެއްގައި ލިޔުއްވާފައިވާ ގޮތުުން، ރާއްޖޭގައި ބޭނުން ކުރަމުން އަންނަ އިންޑިއާގެ ހެލިކަޕްޓަރުގެ މުހިންމުކަމާއި ޑޯނިއާ ފަދަ އެއާކްރާފްޓެއް ރާއްޖެއަށް މުހިންމުކަން ފާހަގަކުރައްވާފައިވޭ.

  • ޖުލައި 2016 - އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވި ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި ޑޯނިއާ ބޯޓު ލ. ކައްދޫއަށް ވީހާ ވެސް އަވަހަކަށް ގެނައުމަށް މަޝްވަރާކުރެވުނު އަދި ބޯޓު ދުއްވަނީ ދެ ގައުމު ގުޅިގެން ކަމަށާއި ދިވެހި ޕައިލެޓުން ތަމްރީނުކުރަން ދެ ގައުމުން އަނގަބަހުން އެއްބަސްވި؛ ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އަދި އެމްއެންޑީއެފްގެ މޭޖޭ ޖެނެރަލް އަހްމަދު ޝިޔާމް.

  • މެއި 2017 - އިންޑިއާ-ރާއްޖޭގެ ސްޓާފް ޓޯކްސްގައި ޑޯނިއާ ގެނައުމުގެ ކުރިން ލެޓާ އޮފް އެކްސްޖޭޖް (އެލްއޯއީ) މުހިންމުކަން އިންޑިއާގެ ސަރުކާރުން ފާހަގަކުރި. 2016ގައި ދެ ގައުމުގެ ދެމެދު ބަދަލުކުރި އެލްއޯއީ އަދިވެސް ދިރާސާ ކުރަމުން އަންނަ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވޭ. އެ ބަައްދަލުވުމުގައި އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި.

  • ޖޫން 2018 - ރާއްޖޭގައި ބޭއްވި ތިން ވަނަ ޖޮއިންޓް ސްޓާފް ޓޯކްސްގައި އެލްއޯއީ އަދިވެސް ފައިނަލައިޒް ނުކުރެވޭތީ އިންޑިއާގެ ފަރާތުން އެކަން ފާހަގަކުރި. ވީހާ ވެސް އަވަހަކަށް އެކަން ފައިނަލައިޒް ކުރާނެ ކަމުގެ ޔަގީންކަން އެމްއެންޑީއެފް އިން ދިން. އެ ބައްދަލުވުމުގައި އޭރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ބައިވެރިވެވަޑައިގެންނެވި.

  • 24 ޖެނުއަރީ 2019 - ނިއު ދިއްލީގައި ބޭއްވި ދެވަނަ އިންޑިއާ-ރާއްޖެ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި ޑޯނިއާ ބޯޓު ރާއްޖެ ގެނައުމުގެ އެމްއޯޔޫގައި ވަރަށް އަވަހަށް ސޮއިކުރުމަށް ދެ ގައުމަށް ވެސް އެއްބަސްވެވުނު. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މެޖާ ޖެނެރަލް އަބްދުﷲ ޝަމާލް.

  • ޖުލައި 2019 - ނިއު ދިއްލީގައި ބޭއްވި ހަތަރު ވަނަ ޖޮއިންޓް ސްޓާފް ޓޯކްސްގައި ޑޯނިއާ ބޯޓު ގެނައުމާ ގުޅޭ އެލްއޯއީ ފަސް އަހަރުގެ މުއްދަތަކަށް ސޮއިކުރުމަށް އިންޑިއާގެ ފަރާތުން އެދުނު. ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެލްއޯއީގައި ސޮއިކުރާނެ ކަމުގެ ޔަގީންކަން ރާއްޖެ އިން ދިން. ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ބްރިގޭޑިއާ ޖެނެރަލް ހާމިދު ޝަފީގް.

  • 10 ޖޫން 2020 - ރާއްޖޭގެ ފަރާތުން މިނިސްޓަރު މާރިޔާ އެލްއޯއީގައި ސޮއިކުރެއްވި

  • 29 ސެޕްޓެމްބަރު 2020 - އެމްއެންޑީއެފްގެ ނޮދަން އޭރިއާ ކޮމާންޑް، ހދ. ހަނިމާދުއަށް ޑޯނިއާ ބޯޓު ގެންދިޔަ

"މި ޓައިމްލައިނަށް ބަލާލުމުން އެނގޭ، ރާއްޖޭގެ އޭރުގެ ސަރުކާރުން އަދި އެމްއެންޑީއެފްގެ އެންމެ މަތީ ލީޑާޝިޕުން ރާއްޖޭގައި މިފަދަ އެއާ އެސެޓެއް [ވައިގެ އުޅަނދެއް] އޮތުމުގެ މުހިންމުކަން ގަބޫލުކުރައްވައި ހަމައެކަނި ޑިފެންސްއަކަށް ނޫން، ހާލުގައި ޖެހޭ މިހުންނަށް އެހީވާން ވެސް މިފަދަ އެސެޓެއް އިންޑިއާ އިން ހޯދުމުގެ ވިސްނުން ގެންގުޅުއްވާފައި އޮތްކަން،" ޕްރެޒެންޓޭޝަން ހުށަހެޅުއްވި ކާނަލް ހަސަން އާމިރު ވިދާޅުވި އެވެ.

ޕްރެޒެންޓޭޝަން ހުށަހެޅުއްވި ކާނަލް ހަސަން އާމިރު (ވ): ކޮމިޓީގައި މުޅިން ވެސް ވާހަކަތައް ބައްޓަންކޮށްފައި ވަނީ އެއީ ކުރީގެ ސަރުކާރުން ފެށި މަޝްވަރާތަކާއި އެ ސަރުކާރުން ދިން ޔަގީންކަމާ އެކު ސޮއިކުރި އެއްބަސްވުންތަކެއްގެ ގޮތުގައި. (ދައުރު ފޮޓޯ)

އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައެއް ކަންކަން:

  • ފްލައިޓް ދުއްވަން ޖެހޭނީ އިންޑިއާ މީހުންނާއި އެމްއެންޑީއެފްގެ ކްރޫ ގުޅިގެން

  • ފްލައިޓް މަރާމާތު ކުރުމާއި ތެލަށް ކުރާ ހަރަދުތައް ވެސް ކުރަން ޖެހޭނީ އިންޑިއާ ސަރުކާރުން

  • ފްލައިޓް އޮޕަރޭޝަންގައި އުޅޭ އިންޑިއާ މީހުންގެ ހުރުމާއި ކެއުން ފަދަ ލޮޖިސްޓިކް ހުރިހާ ކަމެއް ވެސް ބަލަހައްޓާނީ އިންޑިއާ އިން

  • ޑޯނިއާ ފްލައިޓު އޮޕަރޭޝަންތަކުގައި އުޅޭ އިންޑިއާގެ ސިފައިންނާއި ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ދޭން ޖެހޭ 

  • އެމްއެންޑީއެފްގެ ޕައިލެޓުން އިންޑިއާ އިން ތަމްރީނުކުރާ ގޮތަށް އެއްބަސްވުމުގައި ހިމެނީ 2020ގައި؛ 2016ގެ މަޝްވަރާތަކުގައި އެބައި ނުހިމެނޭ 

  • ފްލައިޓުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވާ މީހުން އަދި ވަސީލަތްތަކަށް ރެސްޕޮންސިބަލް ވާން ޖެހޭނީ ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން އިން 

  • ފްލައިޓު ދުއްވާ އިންޑިއާ ސިފައިންނާއި ޓެކްނިކަލް މީހުން އަދި ފްލައިޓުގެ އެއްވެސް ވަސީލަތެއް ވެސް ބަދަލުކުރެވޭނީ ރާއްޖޭގެ ހުއްދައާ އެކު 

  • ފްލައިޓް ބޭނުން ކުރެވޭނީ: ގެއްލޭ އަދި ހާލުގައި ޖެހޭ މީހުން ހޯދުމާއި ސަލާމަތްކުރުމަށް، އަނިޔާ ނުވަތަ ޒަހަމްވާ މީހުން އިވެކުއޭޓުކުރުމަށް، ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް، ކޯސްޓަލް ސަވަޔަލަންސް އަދި ދެ ގައުމުގެ ދޭތެރޭ އެއްބަސްވެގެން ކުރެވޭ އެހެނިހެން ދަތުރުތައް

ސަލާމަތީ ކޮމިޓީން ރޭ ބެއްވި ބައްދަލުވުމުގެ އިތުރު ފޮޓޯތައް

އެެނގުން މުހިންމު - މީގެ ކުރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ، އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމަށް އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ވެސް ޑިފެންސް މިނިސްޓްރީ އާއި އަސްކަރިއްޔާގެ ވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

ކޮމިޓީން އޭރު ބުނި ގޮތުގައި، އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރަައްކަލެއް ނެތެވެ. ނަމަވެސް، އިދިކޮޅުން އަދިވެސް ބުނަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި އެގްރިމެންޓެއް ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް