ރޭ ބޭއްވި މަޖިލީހުގެ ސަލާމަތީ ކޮމިޓީގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އާއި އެމްއެންޑީއެފްފެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ. (ދައުރު ފޮޓޯ)
ހައިޑްރޯގްރަފީ އެއްބަސްވުން: ރާއްޖޭގެ ކަނޑުގެ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް ބޮޑު މާލީ ފައިދާއެއް
ރާއްޖޭގެ ކަނޑުތަކުގެ ސިފަތަކާއި ކަނޑުގެ ދިރުންތައް ދެނެގަނެ ދިރާސާކުރުމަށް އިންޑިއާއާ އެކު ހަދާފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމުން އިންޑިއާއަށް ބޮޑު މާލީ ފައިދާއެއް ލިބޭނެކަން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - އިންޑިއާއާ އެކު ރާއްޖެ އިން ހަދާފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން ރޭ އެ ކޮމިޓީން ބޭއްވި ބައްދަލުވުމަށް އެމްއެންޑީއެފްގެ އިސް ވެރިން ވަނީ ހާޒިރުކޮށްފަ އެވެ. މި ބައްދަލުވުމުގައި ވާހަކަދައްކާފައި ވަނީ:
-
އަސްކަރީ ޑޯނިއާ މަތިންދާބޯޓު އޮޮޕަރޭޓުކުރަން އިންޑިއާއާ އެކު ހަދާފައިވާ އެއްބަސްވުމާއި ހައިޑްރޯގްރަފީ ސާވޭގެ އެއްބަސްވުމާ ގުޅޭ ގޮތުން
-
ކޮމިޓީގެ ބައްދަލުވުމުގައި ހުޅުވާލައިގެން ބޭއްވި ބައިގައި ދެ އެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައި
-
ސިއްރުކޮށްގެން ބޭއްވި ބައިގައި ދެ އެއްބަސްވުން ވެސް ވަނީ ކޮމިޓީގެ މެންބަރުންނާ ހިއްސާކޮށްފައި
ބުނީ ކީކޭ؟ - ޕްރެޒެންޓޭޝަންގެ ކުރިން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވަނީ ކުރިން ވެސް އެތައް ފަހަރަކު ދިފާއެއްގެ ގޮތުން ދައްކަވަމުން ގެންދަވާ ވާހަކައެއް ތަކުރާރުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އެ ދެ އެއްބަސްވުމަކީ ވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2016ގައި ރާއްޖެ އާއި އިންޑިއާ އިން އެކުލަވާލި އެކްޝަން ޕްލޭންގެ ދަށުން ހެދި އެއްބަސްވުންތަކެއް ކަމަށެވެ.
"ހައިޑްރޯގްރަފީ އެގްރިމަންޓް އަދި ޑޯނިއާ އެގްރިމަންޓް، ދެ އެގްރިމަންޓަކީ ވެސް އެކްޝަން ޕްލޭންގައި ލިޔެވިފައި ހުރި ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެގްރިމަންޓްތަކެއް،" އޭނާ ވިދާޅުވި އެވެ.
އެމްއެންޑީއެފްގެ ޕްލޭންސް، ޕޮލިސީ އެންޑް ރިސޯސް މެނޭޖްމަންޓްގެ ޕްރިސިޕަލް ޑިރެކްޓަރު، ލެފްޓިނެންޓް ކާނަލް ހަސަން އާމިރު ކޮމިޓީ ބައްދަލުވުމުގައި ޕްރެޒެންޓޭޝަން ހުށަހަޅުއްވަމުން ވަނީ، ހައިޑްރޯގްރަފީ ސާވޭއެއް ރާއްޖެއަށް މުހިންމުވާ ސަބަބާއި އެއްބަސްވުމަކާ ހަމައަށް އާދެވުމުގެ ޓައިމްލައިން އަދި އެއްބަސްވުމުގައި ހިމެނޭ ބައެއް މުހިންމު ބައިތަކަށް އަލިއަޅުވާލައްވައިފަ އެވެ.
ހައިޑްރޯގްރަފީ ސާވޭއެއް މުހިންމުވާ ސަބަބުތައް ކަމަށް އޭނާ ވިދާޅުވީ:
-
ރާއްޖެއަކީ %99.7 ކަނޑު ހިމެނޭ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމަކަށް ވުން
-
ރާއްޖޭގެ އިންތައް ވަކިކޮށް، މެރިޓައިމް ބޯޑަރުތައް އަދި ކަނޑުގެ ސަރަހައްދު ދެނެގަތުން
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ހުރިހާ އުޅަނދުތަކަށް ދަތުރުފަތުރުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުން
-
ދަތުރުފަތުރުގެ ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެފަދަ ސާވޭއެއްކޮށް، އެންމެ ފަހުގެ އިލެކްޓްރޯނިކް ނެވިގޭޝަން ޗާޓުތަކާއި ނޯޓިކަލް ސާވިސްތައް ފޯރުކޮށްދިނުން
-
ރާއްޖެ މީގެ ކުރިން ސޮއިކޮށްފައިވާ ބޭރުގެ މުއާހަދާތަކުން އެފަދަ އެންމެ ފަހުގެ ޗާޓުތައް ފޯރުކޮށްދިނުމަށް ލާޒިމްކުރޭ؛ އެކަން އަމިއްލައަށް ކުރުމުގެ ގާބިލުކަން ރާއްޖޭގައި ނެތް
-
ނޫ އިގްތިސާދެއް ތަރައްގީކޮށް، ކަނޑުގެ ސަރަހައްދުން ލިބެން އޮތް މުއްސަނދިކަން ހޯދުން
-
އެ މުއްސަނދިކަން ހޯދުމަށް ކަނޑު އަޑި އޮތީ ކިހިނެއްކަން ދެނެގަންނަ ޖެހޭ
-
ކަނޑުތައް ތަގައްޔަރުވުން ހުއްޓުވަން ފަސޭހަވުން
-
ބޮޑެތި ބޯޓުފަހަރުތައް ރާއްޖެއަށް ބަނދަރުކުރަން ފަސޭހަވުން
ހައިޑްރޯގްރަފީ އެއްބަސްވުމަކާ ހަމައަށް ދިއުމުގެ ޓައިމްލައިން:
-
15 އޮކްޓޯބަރު 2015 - ހައިޑްރޯގްރަފީ ދާއިރާ އިން ރާއްޖެއަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ފުރަތަމަ އެދިފައިވަނީ އޭރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި އިންޑިއާގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖާ އެކު ބޭއްވި ބައްދަލުވުމުގައި؛ އެ ދާއިރާ އިން ރާއްޖެއަށް އެހީތެރިވާނެ ކަމަށް އިންޑިއާގެ ސަރުކާރުން އޭރު ބުނެފައިވޭ (މޯލްޑިވްސް-އިންޑިއާ ޖޮއިންޓް ކޮމިޝަންގެ ފަސް ވަނަ ބައްދަލުވުން).
-
މާޗް 2016 - ރާއްޖޭގައި ބޭއްވި ފުރަތަމަ އިންޑޯ-މޯލްޑިވްސް ސްޓާފް ޓޯކްސްގައި، ރާއްޖޭގައި ހައިޑްރޯގްރަފީ ސާވޭ ހެދުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން މަޝްވަރާ ކުރެވުނު. އޭރު އެއްބަސްވެވުނީ އެކަމުގެ މަޝްވަރާއަށް އިންޑިއާ ނޭވީގެ ހައިޑްރޯގްރަފީ ޓީމެއް އޭޕްރީލް ނުވަތަ މޭގައި ރާއްޖެ ޒިޔާރަތް ކުރުމަށް. ރާއްޖޭގެ ފަރާތުން އެ ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެވަޑައިގެންނެވީ އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރްގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު.
-
އޭޕްރީލް 2016 - އޭރުގެ ރައީސް ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޑިފެންސް އެކްޝަން ޕްލޭންގައި ސޮއިކުރެއްވި؛ އެ އެކްޝަން ޕްލޭންގައި، ހައިޑްރޯގްރަފީ ދާއިރާ އިން އެހީތެރިވުމަށް ދެ ގައުމުގެ ދެމެދުގައި އެމްއޯޔޫއެއްގައި ސޮއިކުރުމަށް ހިމަނާފައިވޭ.
-
ޖުލައި 2016 - އިންޑިއާ އާއި ރާއްޖެއާ ދެމެދު ބޭއްވި އަސްކަރީ ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާތަކުގައި ހައިޑްރޯގްރަފީ ދާއިރާ އިން އެހީތެރިވުމަށް އެމްއޯޔޫއެއްގައި ސޮއިކުރަން ދެ ގައުމުން ރަސްމީކޮށް އެއްބަސްވި. ރާއްޖޭގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޑިފެންސް މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އަދި އެމްއެންޑީއެފްގެ މޭޖަ ޖެނެރަލް އަހްމަދު ޝިޔާމް
-
މެއި 2017 - ނިއު ދިއްލީގައި ބޭއްވި އިންޑިއާ-ރާއްޖޭގެ ދެވަނަ ސްޓާފް ޓޯކްސްގައި، ހައިޑްރޯގްރަފީ އެމްއޯޔޫގެ ޑްރާފްޓް ދިރާސާކުރަމުން އަންނަ ކަމަށާއި އެ އެއްބަސްވުމުގެ ކަންތައް ބަލަމުން ގެންދަނީ ފޮރިން މިނިސްޓްރީގެ ފަރާތުން ކަމަށް އެމްއެންޑީއެފް އިން ބުނެފައިވޭ. އެމްއޯޔޫގައި ސޮއިކުރާނެކަމުގެ ޔަގީންކަން ވެސް ދީފައިވޭ. އެ ބައްދަލުވުމުގައި އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި.
-
ޖޫން 2018 - ތިން ވަނަ އިންޑޯ-މޯލްޑިވްސް ސްޓާފް ޓޯކްސް ބަައްދަލުވުމުގައި، ހައިޑްރޯގްރަފީ އެމްއޯޔޫއާ ގުޅޭ ގޮތުން މަޝްވަރާކުރި. އެ ބައްދަލުވުމުގައި އޭރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރްގޭޑިއާ ޖެނެރަލް އަހްމަދު ޝާހިދު ބައިވެރިވެވަޑައިގެންނެވި.
-
24 ޖެނުއަރީ 2019 - ނިއު ދިއްލީގައި ބޭއްވި ދެވަނަ އިންޑިއާ-ރާއްޖެ ޑިފެންސް ކޯޕަރޭޝަން ޑައިލޮގްގައި، ކުރީގެ ސަރުކާރުން އެއްބަސްވެފައިވާ ގޮތަށް ހައިޑްރޯގްރަފީ އެމްއޯޔޫގައި ސޮއިކުރުމަށް ދެ ގައުމުން އެއްބަސްވި؛ ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް، މެޖާ ޖެނެރަލް އަބްދުﷲ ޝަމާލް.
-
8 ޖޫން 2019 - އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި، ހައިޑްރޯގްރަފީ އެއްބަސްވުމުގައި ސޮއިކުރި. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކްލޭ އަދި ރާއްޖެއިން ސޮއިކުރެއްވީ ޑިފެންސް މިިނިސްޓަރު މާރިޔާ.
"ހައިޑްރޯގަރަފީ އެމްއޯޔޫއަކީ، އެތައް އަހަރެއްގައި ކުރެވުނު މަސައްކަތް އަދި 2016 ވަނަ އަހަރު ސޮއިކުރެވުނު އެކްޝަން ޕްލޭންގައި ހިމެނޭ އެއް އެކްޝަން ޕޮއިންޓް،" ޕްރެޒެންޓޭޝަން ހުށަހެޅުއްވި އާމިރު ވިދާޅުވި އެވެ.
ޗާޓު ވިއްކައިގެން އިންޑިއާއަށް ބޮޑު ފައިދާއެއް، ރާއްޖެއަށް ކުޑަ ޕަސެންޓެއް
ޑިފެންސް މިނިސްޓރީން ކޮމިޓީއާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި، ހައިޑްރޯގްރަފިކް ސާވޭ ހަދައިގެން ކުރަހާ ޗާޓުތަކުން މާލީ ފައިދާ ނެގުމުގެ ފުރަސަތު ދެ ގައުމަށް ވެސް އޮވެ އެވެ. ނަމަވެސް، އޭގެ ބޮޑު ފައިދާއެއް ކުރަނީ އިންޑިއާ އަށެވެ. އެގޮތުން:
-
އިންޑިއާ އިން ރާއްޖޭގައި ވިއްކާ ނަމަ، ދިވެހި ސަރުކާރަށް %35 ކޮމިޝަން
-
އިންޑިއާ އިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި %25
މީގެ ކުރިން ވެސް ހައިޑްރޯގްރަފިކް ސާވޭ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ކޮށްފައި އެބަހުރި. އިނގިރޭސީންނާ ގުޅިގެން ވެސް އަދި އިންޑިއާއާ ގުޅިގެން ވެސް.
ހައިޑްރޯގްރަފީ އެމްއޯޔޫގައި ހިމެނޭ މުހިންމު ކަންކަން:
-
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް، އިންޓަނޭޝަނަލް ހައިޑްރޯގްރަފީ ސްޓޭންޑަޑަށް ޗާޓު ހެދުން
-
މުހިންމު ބަނދަރުތަކުގެ ބޮޑެތި ޗާޓުތައް ހެދުން
-
ހައިޑްރޯގްރަފީ ދާއިރާ އިން ދިވެހިން ތަމްރީނުކުރުން
-
އެމްއެންޑީއެފްގެ ތެރޭގައި ހައިޑްރޯގްރަފީއަށް ހާއްސަ އޮފީހަކާއި ވަސީލަތްތައް ގާއިމްކުރުން
-
އެމްއޯޔޫގެ ދަށުން ކުރާ ކަންކަމަށް އެއްބަސްވާނީ ދެ ގައުމުގެ ވެސް ގާނޫނުތަކާއި ގަވާއިދުތައް ތަންދޭ ގޮތަށް
-
ސާވޭތަކުގެ ޑޭޓާ ބޭނުންކޮށްގެން ރާއްޖޭގެ ހައިޑްރޯގްރަފީ ޗާޓުތައް އުފެއްދުމުގެ ހުއްދަ އިންޑިއާއަށް ލިބޭ
-
އެމްއޯޔޫގައި ހުރި ކަންކަން ތަންފީޒު ކުރަނީ ދެ ގައުމު ބައިވެރިވެގެން ހަދާ ޖޮއިންޓް ކޮމިޓީއަކުން
-
އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު؛ އެ މުއްދަތު ހަމަވުމުގެ ހަ މަސް ކުރިން، ދެ ގައުމުން ކުރެ ގައުމަކުން އެއްބަސްވުން ބާތިލުކުރަން ބޭނުން ނުވާ ނަމަ އަނެއްކާ ވެސް އިތުރު ފަސް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުވާނެ
ރޭގެ ކޮމިޓީ ބައްދަލުވުމުގައި ޗާޓު ވިއްކާ އަގާ މެދު ބައެއް މެންބަރުން ސުވާލުކުރެއްވުމުން ސިދާ އެ ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ. އަދި ރާއްޖޭގެ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކާތީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވެވަޑައިގަންނަވާ ގުރައިދޫ ދާއިރާގެ މެންބަރު ގައްސާން މައުމޫން އެކަމާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެ މަސައްކަތުން ދިވެހި ދައުލަތަށް ފައިސާ ލިބޭ ވާހަކަ އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަންގައި ފާހަގަ ކުރުމުން އަޅުގަނޑަށް އުނދަގޫވޭ. އެއީ ކީއްވެގެން ކުރާ ކަމެއްތޯ؟ ސްޓްރެޓެޖިކް މައުލޫމާތުތައް ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދުމުގެ ސިޔާސަތެއް މިހާރު ބައްޓަން ކުރީތޯ،" ހައިޑްރޯގްރަފީ އެއްބަސްވުން ހެދުމުގައި އިސް ނެންގެވި ކަމަށް މި ސަރުކާރުން ބުނާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާގެ ކޮއްކޮ، ގައްސާން ސުވާލު އުފެއްދެވި އެވެ.
ހައިޑްރޯގަރަފީ އެގްރިމަންޓް އަދި ޑޯނިއާ އެގްރިމަންޓް، ދެ އެގްރިމަންޓަކީ ވެސް އެކްޝަން ޕްލޭންގައި ލިޔެވިފައި ހުރި ކަންކަން ތަންފީޒުކުރުމުގެ ގޮތުން ކުރިއަށްގެންދާ އެގްރިމަންޓްތަކެއް.
މި ސާވޭގެ ދަށުން ރާއްޖޭގެ ކަނޑު އަޑީގައި ހުރި މައުދަންތަކާއި ދިރުންތަކުގެ މައުލޫމާތު އިންޑިއާއަށް ލިބޭނެތޯ މެންބަރަކު ކުރެއްވި ސުވާލަށް ސީދާ ޖަވާބު ނުދެއްވައި ޝަމާލް ވިދާޅުވީ، އެ "ސާވޭއަކީ ނެވިގޭޝަނަލް ކަންކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް" ހަދާ ސާވޭއެއް ކަމަށެވެ. އަދި މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއް ސާވޭ ކުރުމުގެ ބަދަލުގައި އެ އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް ހައިޑްރޯގްރަފިކް ސާވޭ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ކޮށްފައި އެބަހުރި. އިނގިރޭސީންނާ ގުޅިގެން ވެސް އަދި އިންޑިއާއާ ގުޅިގެން ވެސް،" ޝަމާލް ވިދާޅުވި އެވެ.
އެެނގުން މުހިންމު - މީގެ ކުރިން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ވަނީ، އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްގީކުރުމަށް އިންޑިއާ އެކު ހަދާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން ވެސް ޑިފެންސް މިނިސްޓްރީ އާއި އަސްކަރިއްޔާގެ ވެރިން ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ކޮމިޓީން އޭރު ބުނި ގޮތުގައި، އެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރަައްކަލެއް ނެތެވެ. ނަމަވެސް، އިދިކޮޅުން އަދިވެސް ބުނަނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި އެގްރިމެންޓެއް ކަމަށެވެ.
އިތުރަށް ކިޔާލަން -
ކޮމެންޓް (2)
ޑޮނާޑު
ހަންބެ