އުތުރު ތިލަފަޅު އެއްބަސްވުމާ ބެހޭ ގޮތުން މަޖިލީހުގެ 241 ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އާއި ސިފައިންގެ އިސް ވެރިން ބައިވެރިވެވަޑައިގަންނަވަނީ (ފޮޓޯ/ ރައްޔިތުންގެ މަޖިލިސް)

ޔޫޓީއެފްގެ އެއްބަސްވުން އޮތީ ޕީޕީއެމުން އަޑުއަރުވާ ގޮތަކަށް ނޫން: މެމްބަރެއް

ސަރުކާރަށް ނިސްބަތްނުވާ މެމްބަރު ވިދާޅުވީ އަސްކަރީ ބޭނުމަށް ޔޫޓީއެފް ބޭނުންކުރެވިދާނެ ވާހަކަ އެއްބަސްވުމުގައި ނެތް ކަމަށް
24 އޮކްޓޯބަރު 2021
1

އިންޑިއާއާ އެކު މި ސަރުކާރުން ގާއިމްކުރި އުތުރު ތިލަ ފަޅު (ޔޫޓީއެފް)ގެ އެއްބަސްވުން އޮތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވާހަކަ ދައްކާ ގޮތަކަށް ނޫން ކަމަށް، މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސިއްރު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރަކު 'ދައުރު'އަށް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް ކޯލިޝަނުން ތުހުމަތުކުރާ ގޮތުގައި ޔޫޓީއެފް އެއްބަސްވުން އޮތީ އެކި ކަންކަމުގައި އިންޑިއާ ސިފައިން އައިސް ތިބެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވާ ގޮތަކަށެވެ. އެ އެއްބަސްވުމުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅިދާނެކަމުގެ ތުހުމަތުތައް އޮތުމުން އެކަންކަން ސާފުކުރަން، އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ސަމާލް ވެސް ހާޒިރުކޮށްފަ އެވެ. އަދި ކޮމިޓީ ސިއްރުކޮށް، މެމްބަރުންނަށް އެ އެގްރިމެންޓް ދެއްކި އެވެ.

ވީ ކިހިނެއް؟ - އެއްބަސްވުމާ ބެހޭ ޕްރެޒެންޓޭޝަނެއްގައި މާރިޔާ ދެއްކެވި ވާހަކާގައި އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިންޑިއާއާ އެކު ވެފައި އޮތް އެކްޝަން ޕްލޭންގައި ހިމެނޭ ކަންކަމަށް ވުރެ އިންޑިއާގެ ބާރު ސޮއިކުރި އެއްބަސްވުމުގައި ހަނިކުރީ މި ސަރުކާޜުން ކަމަށެވެ.

ނަމަވެސް އެ ވާހަކަ، ޕީޕީއެމް ކޯލިޝަންގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަދި ކުރީ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކުރައްވައިފަ އެވެ. ސައިދަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރެއް ނޫނެވެ. އެ ކޮމިޓީގައި އިދިކޮޅުން ތިއްބަވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޔާމީން ސަރުކާރުގެ ފަހުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާޢި ތ. ގުރައިދޫ ދާއިރާގެ މުހައްމަދު ގައްސާން މައުމޫނެވެ.

އިންޑިއާއާ އެކު ހަދާފައި ހުރި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްބަސްވުންތައް އުވާލަން ގޮވާލައި، ޕީޕީއެމް ކޯލިޝަނުން މިދިއަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާ (ފޮޓޯ/ ޕީޕީއެމް)

މިއިން އެއްވެސް ބޭފުޅަކު ފޯނު ނުނަންގަވާތީ، ސިއްރު އެއްބަސްވުމާ ބެހޭ އެއްވެސް ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ.

މާރިޔާ ދެއްކެވި ވާހަކަ އާއި އެއްބަސްވުން ބެއްލެވުމަށް ފަހު ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ޔޫޓީއެފްގެ އެއްބަސްވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އެކަމަކު އެ ވާހަކައަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި "އެއީ ބޮޑު ދޮގެކެ"ވެ.

"ޔޫޓީއެފްއަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެކެވެ،" އިނގިރޭސި ބަހުން ކުރެއްވި ޓްވީޓްގައި ސައީދު ވިދާޅުވި އެވެ.

"އެއްވެސް ނުރައްކަލެއް ނެތް ނަމަ އެ ސިއްރުކުރަންވީ ކީއްވެގެން ހެއްޔެވެ؟" އޭނާ ސުވާލުކުރެއްވި އެވެ.

މެމްބަރު ބުނީ ކީކޭ؟ - އެގްރިމެންޓް ދެކެވަޑައިގެންނެވި މި ސަރުކާރަށް ނިސްބަތް ނުވާ މެމްބަރަކު، ނަން ނުޖަހަން ޝަރުތުކުރައްވާ ވިދާޅުވީ، ޕީޕީއެމުން އެ ބުނާހާ "ސްކޯޕް ހުރި އެއްޗެއް އެގްރިމެންޓްގައި ނެތް" ކަމަށެވެ.

"މައިގަނޑު ގޮތެއްގައި ހުރި ވާހަކަތައް އެ ދަނީ ދައްކަމުން،" އަސްލަމް އާއި މާރިޔާ ދެއްކެވި ވާހަކަތަކަށް އިޝާރަތްކުރައްވައި އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަސްކަރީ ބޭނުމަކަށް ޔޫޓީއެފް ބޭނުންކުރެވިދާނެ ވާހަކައެއް އެގްރިމެންޓްގައި ނެތެވެ. އެކަމަކު އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދޭނެ ޓެކްނިކަލް މީހުންނަށް ތިބެވޭ ކަމަށް ވިދާޅުވި އެވެ.

"ޓެކްނިކަލް ސަޕޯޓެއްގެ ވާހަކަ އޮތީ. އަނެއްހެން އިތުރު ވަކި އެއްޗެއް ނެތް،" މެމްބަރު ވިދާޅުވި އެވެ.

ކުރިން މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވެފައި ވަނީ އިންޑިއާއާ އެކު 2016 ގައި ދިފާއީ ކަންކަމާ ގުޅޭ އެކްޝަން ޕްލޭނެއް އެކުލަވާލިޔަސް ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އޭރުގެ ސަރުކާރުން އެއްބަސްވުމަކާ ހަމައަށް ނުދިޔައީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއްގެ ސަބަބުން ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވި ގޮތުގައި މި ސަރުކާރުން "އާ ކަމެއް ނުކުރެ" އެވެ.

"ހަމަ 2016ގެ އެ އެކްޝަން ޕްލޭންގައި ހުރި ވިސްނުންތައް އަޅުގަނޑުމެންނަށް މުއައްސަސާގައި އޮތް ބޭނުން ވިސްނާފައި އޮޕަރޭޝަނަލައިޒް ކުރެވެމުން މިދަނީ،" މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް (1)

އަތޯލާ

25 އޮކްޓޯބަރު 2021
ވަކިގޮތަަކަށް އެގްރީމެންޓް އޮތުމެއް ނޫން މައްސަލައަކީ. މައްސަލައަކީ އެއްވެސް ގޮތަކަށް މިލިޓަރީ އެގްރީމެންޓެއް ހެދުން. ޚާއްސަކޮށް މި ރާއްޖެއަށް ވުރެން މާ ބޮޑު އަދި މާ ބާރުގަދަ ގައުމަކާއެކު. އެގްރީމެންޓް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އިންޑިއާ މީހުންނަށް އެ ނިމުނީ . އެމީހުން ކަންކުރަނީ އެމީހުންނަށް ފެންނަ ގޮތަކަށް. ޖީއެމް އާރ އެގްރިމެންޓްގައިވެސް އަމަލުކުރީ އެހެން. އެގްރީމެންޓްގައި އެކި ނަން ނަމުގައި ދައްކަން އޮތް ފައިސާވެސް ނުދައްކާ. ޖުމުލަ އެތައް މިލިއަން ރުފިޔާއެއް ހުއްޓަ މިސަރުކާރު އައި ފަހުން އެވެސް ދައްކަން ނުޖެހޭ ފައިސާ ކަމަށް ހަދައިދީިފި.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް