ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ވާހަކަ ދައްކަވަނީ(ފޮޓޯ މަޖިލިސް)

ޔޫޓީއެފްގައި އިންޑިއާގެ ބާރު ހަނިކުރީ މި ސަރުކާރުން: މާރިޔާ

މާރިޔާ ވިދާޅުވީ ކުރީ ސަރުކާރުން އެކްޝަން ޕްލޭންގައި ސޮއިކުރީ ޔޫޓީއެފްގައި ވަރަށް ބޮޑަށް އިންޑިއާގެ ބާރު ހިނގާ ގޮތަށް ކަމަށް

އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމުގައި އިންޑިއާގެ ބާރު ކުޑަކުރީ މި ސަރުކާރުން މަސައްކަތްކޮށްގެން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު، ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއެއްގައި، ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ -  އިންޑިއާއާ އެކު ސަރުކާރުން ހަދާފައިވާ ސިއްރު އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާ ކަންކަން ހިމެނޭކަމަށް ތުހުމަތުކުރެވޭތީ، އެކަންކަން ސާފުކުރަން ޑިފެސް މިނިސްޓްރީގެ އިސް ވެރިންނާއި މަޖިލީހުގެ ސަލަމާތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި:

  • ކޮމިޓީ ސިއްރުކޮށް، މެމްބަރުންނަށް އެއްބަސްވުން ދެއްކި

  • އެއްބަސްވުމާ ގުޅޭ ޕްރެޒެންޓޭޝަން ހުޅުވާލައިގެން ދައްކާފައިވޭ

  • ކޮމިޓީގެ މުގައްރިރު އަސްލަމް ވިދާޅުވީ އެއްބަސްވުމުގައި ގައުމުގެ މިނިވަންކަމާއި ސިއާދަތަށް ގެއްލުންވާ ކަމެއް ނެތް ކަމަށް

  • މިހާތަނަށް އިދިކޮޅު މެންބަރުން އެކަމާ ގުޅޭ ގޮތުން އަދި އެއްޗެއް ވިދާޅެއް ނުވޭ

ބުނީ ކީކޭ - އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަށް ދެއްކުމުގެ ކުރިން ކޮމިޓީގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ޔޫޓީއެފް އެއްބަސްވުމަކީ 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހެދި ދިފާއީ އެކްޝަން ޕްލޭންގެ ދަށުން ހެދި އެެއްބަސްވުމެއް ކަމަށެވެ.  

"އިންޑިއާއާ އެކު އަޅުގަނޑުމެންނަށް އާ ކަމެއް ނުކުރޭ. ހަމަ 2016ގެ އެ އެކްޝަން ޕްލޭންގައި ހުރި ވިސްނުންތައް އަޅުގަނޑުމެންނަށް މުއައްސަސާގައި އޮތް ބޭނުން ވިސްނާފައި އޮޕަރޭޝަނަލައިޒް ކުރެވެމުން މިދަނީ،" މާރިޔާ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓްރީގެ އިސްވެރިން މަޖިލިސް ކޮމިޓީގައި

މުހިންމު ވާހަކަތަކެއް - އޭނާ ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުން އެކްޝަން ޕްލޭންގައި ސޮއިކުރީ ވަރަށް ބޮޑަށް އިންޑިއާ ސިފައިންގެ ބާރު އުތުރު ތިލަފަޅުގައި އޮންނަ ގޮތަށެވެ.

އެގޮތުން މާރިޔާ ވިދާޅުވީ:

  • އޭރު ސަރުކާރުން އެއްބަސްވީ ދެ ގައުމަށް ވެސް އުތުރު ތިލަފަޅު ބޭނުންކުރެވޭ ގޮތަށް

  • ބާރުތައް ކުޑަކޮށް، ޔޫޓީއެފް ތަރައްގީ ކުރަން މި ސަރުކާރުން އެއްބަސްވީ، "ދިވެހިންގެ ތަނެއްގެ ގޮތުގައި"

"ކުރީގައި [ކުރީ ސަރުކާރުން] އޮޕަރޭޝަނަލް ބޭނުންމަށްޓަކައި އިންޑިއާގެ ނޭވީ [އިންޑިއާގެ ކަނޑުގެ ސިފައިން] ބޭނުން ކުރުމާ އެކަހަލަ ބައިވަރު ވާހަކަތަކެއް އެކްޝަން ޕްލޭންގައި ދައްކާފައި ހުރި. އެކަމަކު މިއަދު [މިހާރު ހަދާފައިވާ އެގްރިމަންޓްގައި] އަޅުގަނޑުމެން ހަނިކޮށްފައި އެ ވަނީ ސަޕޯޓާއި މެއިންޓެނެންސަށް އެކަނި [އިންޑިއާ ސަފައިން ތިބުމަށް]،" މާރިޔާ ވިދާޅުވި އެވެ.

އުތުރު ތިލަފަޅުގައި ބަނދަރެއް ހަދާ ވާހަކަ ދައްކަނީ ކޯސްޓް ގާޑަށް އެކަމުގެ ބޭނުންތެރިކަން ބޮޑުވެގެން ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ، ހަމަ އެ ވިސްނުން މިހާރުގެ މަޖިލިސް ދެ މެމަބްރުން ކަމަށްވާ، ކުރީގެ ދެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އާއި އާދަމް ޝަރީފް އުމަރު ވެސް ގެންގުޅުއްވި ކަމަށެވެ.  

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް