މިނިސްޓަރު އައިމިނަތު ޝައުނާ: ވިލަމާލެ ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާގެ މައްސަލަ އެފްކޮންސް އިން ވަނީ މިނިސްޓަރަށް އިސްތިއުނާފްކޮށްފައި. (ފޮޓޯ/ރައީސް އޮފީސް)

އެފްކޮންސް އިން ޖޫރިމަނާގެ ނިންމުން އިސްތިއުނާފްކޮށްފި

ގަވައިދުގައި އޮންނަ ގޮތުން، އީޕީއޭގެ ނިންމުންތައް އިސްތިއުނާފް ކުރުމަށް މިނިސްޓަރަށް ހުށަހެޅޭ؛ މުރާޖާކުރަން ނުވަތަ ލުއި ދޭން އެންގުމުގެ ބާރު މިނިސްޓަރަށް އޮވޭ

ގްރޭޓާ މާލޭ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކުންފުނި ޖޫރިމަނާ ކުރަން އެންވަޔަރްމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ)އިން ނިންމި ނިންމުން، އެ ކުންފުނިން އިސްތިއުނާފްކޮށްފި އެވެ.

ވީ ކިހިނެއް؟ - ބްރިޖުގެ ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ މިދިޔަ އޮގަސްޓް 16ގަ އެވެ. އީޕީއޭ އިން ހެދި ދިރާސާއަށް ފަހު، ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އެ އިދާރާ އިން ވަނީ މިިދިޔަ މަހުގެ 13ގައި އެ ކުންފުންޏަށް މަސްދުވަސް ދީފަ އެވެ. އެ ޖޫރިމަނާ މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ވެސް ދައްކާފައި ނުވާ ކަމަށް އީޕީއޭ އިން ވަނީ ބުނެފަ އެވެ.

ތަފްސީލު - އިތުބާރު ހުރި ދެ މަސްދަރަކުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި، އެފްކޮންސް އިން ވަނީ އީޕީއޭގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހަޅާފަ އެވެ. އެނގިފައިވާ ގޮތުގައި، އީޕީއޭއޭގެ ނިންމުން އިސްތިއުނާފްކުރަން ފޮނުވާފައި ވަނީ މިިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިކަމާ ގުޅޭ ގޮތުން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ޖޫރިމަނާ ދައްކަން އީޕީއޭއިން ދީފައިވާ 30 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ. 

ޕްލެޓްފޯމުން ވިލިމާލެ ފަރުގައި ބޮޑެތި ބާގަނޑުތަކެއް ހެދިފައި.

އެނގުން މުހިންމު - ގަވައިދުގައި އޮންނަ ގޮތުން، އީޕީއޭގެ ނިންމުންތައް އިސްތިއުނާފް ކުރުމަށް މިނިސްޓަރަށް ހުށަހެޅެ އެވެ. އަދި މުރާޖާކުރަން ނުވަތަ ލުއި ދޭން އެންގުމުގެ ބާރު މިނިސްޓަރަށް އޮވެ އެވެ.

ފަސް މަންޒަރު - ވިލމާލެ ފަރަށް އެރި ޕްލެޓްފޯމް ފަރުމަތީގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތާށިވެފައި އޮތެވެ. އޭތި ފުން ނުކުރެވި އޮތުމުން ފަރަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން އޭރު ފާޅުކުރި އެވެ.

އީޕީއޭ އިން ހެދި ސާވޭގެ ރިޕޯޓު ގަބޫލުނުކޮށް، އެފްކޮންސް އިން އަމިއްލައަށް ވެސް ސާވޭއެއް ހެދި އެވެ. މިދިޔަ މަހު އީޕީއޭ އިން އެފްކޮންސް ޖޫރިމަނާކުރީ އެ އެޖެންސީގެ ސާވޭ އާއި އެފްކޮންސްގެ ސާވޭއަށް ވެސް ބެލުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް