ތިލަމާލެ ބުރިޖު އެޅުމަށް ބޭނުންކުރަމުން އަންނަ ޕްރެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން އެ ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް ކުރަނީ. (ދައުރު ފައިލް ފޮޓޯ/ މުޒައްޔިން ނާޒިމް)

އީޕީއޭ

އެފްކޮންސް އިން އަދި ޖޫރިމަނާއެއް ނުދައްކާ؛ މުއްދަތު ހަމަވާން 5 ދުވަސް

އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލެ ފަރަށް އެރުމާ ގުޅިގެން ލިބުނު ގެއްލުމުގެ ޖޫރިމަނާގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދައްކަން އެ ކުންފުންޏަށް އަންގާފައިވޭ
8 ޑިސެމްބަރު 2022

ގްރޭޓާ މާލޭ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކުންފުންޏަށް ކުރި 69.4 މިލިއަން ރުފިޔާގެ ޖޫރިމަނާގެ ފައިސާ މިހާތަނަށް ދައްކާފައި ނުވާ ކަމަށް އެންވަޔަރްމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެފްކޮންސްއަށް މިދިޔަ މަހުގެ 13ގައި އަންގާފައި ވީ ނަމަވެސް މިހާތަނަށް އެ ކުންފުނިން ޖޫރިމަނާގެ އެއްވެސް މިންވަރެއް ދައްކާފައި ނުވާކަން އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިއަދު 'ދައުރު'އަށް ޔަގީންކޮށްދެއްވި އެވެ.

އެހެންކަމުން، ޖޫރިމަނާ ދައްކަން އެފްކޮންސްއަށް ބާކީ އޮތީ ފަސް ދުވަހެވެ.

މައްސަލައިގެ ފެށުން - ބްރިޖުގެ ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ މިދިޔަ އޮގަސްޓް 16ގަ އެވެ. އެގޮތުން:

  • އެ ޕްލެޓްފޯމް ފަރުމަތީގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތާށިވެފައި އޮތް؛ އޭތި ފުން ނުކުރެވި އޮތުމުން ފަރަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރި 

  • ލިބުނު ގެއްލުން ބަލަން އީޕީއޭ އިން ސާވޭ ފެށީ ޕްލެޓްފޯމް ފުން ކުރުމަށް ފަހު، އެ ތަނަށް އެޅިފައި ހުރި ދަގަނޑު ހޮޅިތައް އެފްކޮންސް އިން ނަގައި ނިމުމުން މިދިޔަ ސެޕްޓެމްބަރު މަހުގެ 6ގައި 

  • އޭގެ ދެ ހަފްތާ ފަހުން ސާވޭ ނިންމުމަށް ފަހު، މިދިޔަ މަހުގެ 14ގައި އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިން 

  • އީޕީއޭގެ ރިޕޯޓާ މެދު ހިތްހަމަނުޖެހިގެން އެފްކޮންސް އިން ހުށަހެޅީ އަމިއްލައަށް ސާވޭ ކުރަން 

  • އެފްކޮންސް އިން ސާވޭ ރިޕޯޓް ހަދައި އީޕީއޭއަށް ހުށަހެޅި؛ އެކަމަކު އެ ސާވޭގެ ހޯދުންތަކަށް އީޕީއޭ އިން ދެކޮޅުހަދާ އެފްކޮންސް ޖޫރިމަނާ ކުރި

އެނގުން މުހިއްމު - މި މައްސަލައިގައި އީޕީއޭ އިން ފަހަތު ފަޔަށް ބުރަވާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް އެފްކޮންސް ޖޫރިމަނާ ކުރަން ނިންމިކަން އިއުލާނުކޮށް، އެކަމުގެ ތަފްސީލުތަކާ އެކު އީޕީއޭ އިން ބަޔާން ނެރެފައިވަނީ މިދިޔަ މަހު 16ގަ އެވެ. އެ ބަޔާނުގައިވާ ގޮތުން:

  • އެފްކޮންސް އިން ކުރި ސާވޭގައި އެ އެޖެންސީގެ ފަރާތުން އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވި

  • އެ އެޖެންސީގެ އެސެސްމެންޓް ރިޕޯޓުންނާއި އެފްކޮންސް އިން ހުށަހެޅި ރިޕޯޓަށް ބަލާއިރު، ޕްލެޓްފޯމްގެ ބައިތަކުންނާއި އެ ތަކެތި ނެގުމަށް ކުރި މަސައްކަތުން އެ ސަރަހައްދުގެ ފަރުގެ އެކި ދިމަދިމާލުން އެކި ވަރުގެ ގެއްލުން ލިބިފައިވޭ

  • 2755 އަކަމީޓަރުގެ ސަރަހައްދަކަށް ގެއްލުން ލިބިފައިވާ ކަމަށް ކަނޑައަޅައި އެފްކޮންސް 69.4 މިލިއަން ރުފިޔާ އިން ޖޫރިމަނާ ކުރަން ވަނީ ނިންމާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް