ވިލިމާލެ

ދަގަނޑުގެ އަޑުފައްގަނޑުން ވިލިމާލޭގެ ހިމޭންކަން ނަގާލައި ހާސްކަން

އުރިފައިވާ ޕްލެޓްފޯމު ކަފު ޖަހައިގެން ފުންކުރަން އިއްޔެ މަސައްކަތްކުރި ނަމަވެސް ކާމިޔާބެއް ނުވޭ
18 އޯގަސްޓު 2022
1

މުހިންމު ނުކުތާތައް

ވިލިމާލޭގައި ދިރިއުޅޭ މީހުންނާއި ތިމާވެށީގެ ހިމާޔަތުގައި އަޑުއުފުލާ މީހުން ކަންބޮޑުވުން ފާޅުކުރި

އީޕީއޭ އިން ބުނިގޮތުގައި އެ ތަނުން އަންނަނީ ވީ ގޮތް ބަލަމުން

މިއީ ބްރިޖު ވިލިމާލެއާ ގުޅުވާލާ ތަން؛ ކުރިއަށް އޮތް ތަނުގައި ބޮޑެތި މަސައްކަތްތަކެއް ހިންގާނެ ކަމަށް ބެލެވޭ

ރާޅު ބީއްސާލާ އަޑާއި ދޫނިތަކުގެ ގޮވެލީގެ ހިތްގައިމުކަމުގެ ތެރެއިން މިހާރު ވިލިމާލޭ ބީޗުން އިވެނީ އެ ރަށު ފުއްޓަރު ފަރާތުގެ ބިޔަ ރާޅުތަކުގައި ޖެހި ބޮޑެތި ދަގަނޑުތަކެއް ތެޅޭ އަޑުފައްގަނޑެކެވެ. އެއީ މާލެ އާއި ވިލިމާލެ ބްރިޖަކުން ގުޅާލަން ހިންގާ މަޝްރޫއުއަށް ސާވޭ ކުރުމަށް ބޭނުން ކުރި ޕްލެޓްފޯމެއް މިދިޔަ އަންގާރަ ދުވަހު ވިލިމާލޭގެ އިރު ދެކުނު ފަރާތަށް އުރި އެތަނުގައި ތާށިވުމުން އޭތި ރާޅާ އެކު ފަރުމަތީގައި ޖެހޭ އަޑެވެ.

އެ ދަގަނޑު ޕްލެޓްފޯމް ތެޅޭ އަޑު ރަށު ތެރެއަށް ވެސް އިވެ އެވެ. މަގުމަތިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ގޭގެ ކޮޓަރި ތެރޭގައި ހުންނަ އިރު ވެސް އިވެނީ އެ އަޑެވެ.

ޕްލެޓްފޯމު ކައިރިއަށް އިއްޔެ ހަވީރު ޓަގްބޯޓެއް ގެނެސް ވަލެއް ޖަހައިގެން ފުންކުރަން އުޅުނެވެ. އެކަމަކު، ޕްލެޓްފޯމް މާ ބޮޑަކަށް ދީލައިލާ މަންޒަރެއް ނުފެނުނެވެ. އިރުކޮޅަކުން އިތުރު ޓަގްބޯޓެއް ވެސް ގެނެސް ދޭތިން އެއްފަހަރާ ޕްލެޓްފޯމް ދަމަން އުޅުމުން ވެސް، ފެންނަ ފެނުމަށް، މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ. މަސައްކަތް ނާކާމިޔާބެވެ.

އޭރު، ޕްލެޓްފޯމުގައި ހުރި އާލާތްތައް ކަމަށް ބެލެވޭ ބައެއް ތަކެތި ލައްގާފައި ވެސް ހުއްޓެވެ. ޕްލެޓްފޯމު މަތިން ރާޅު ނަގަމުން ދިޔައިރު، އޭގެ މަތީގައި ހުރި އެކި ޒާތްޒާތުގެ ބަރު އާލާތްތަކާއި މެޝިނަރީ އެކި ކޮޅުކޮޅަށް ހެލެ އެވެ. ކުރިން އުސްކޮށް ފެނުނު އޭގެ ހަތަރު ފައި ބިނދި، ހުރީ މޫދުގަ އެވެ.

އެ ޕްލެޓްފޯމް ހަދާފައި ހުރީ އެ އަޅާ ތަނަކަށް ގެންގޮސް، އޭގެ ފައިތައް ތިރިކޮށް ފެނުން މައްޗަށް ނެގޭ ގޮތަށެވެ. ބްރިޖުގެ މަސައްކަތަށް އުފައްދާފައިވާ އޮފީހުން ބުނެފައިވާ ގޮތުގައި، ޕްލެޓްފޯމް އުރުނީ، އެ މަސައްކަތް ކުރިއަށް ދަނިކޮށް އެ ސަރަހައްދުގައި އޮއެ ގަދަވެގެންނެވެ. ތިން މީހަކަށް އަނިޔާވި އެ ހާދިސާ ހިނގަން މެދުވެރިވި ގޮތް މިހާރު އަންނަނީ ބަލަމުންނެވެ.

ވިލިމާލެއިން ދިމާވި އާއްމުން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ބްރިޖު އެޅުމަކީ އެ މީހުންގެ ވަރަށް ބޮޑު އުންމީދެކެވެ. އެއީ އެ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ފަސޭހަކައަށް ވާނެ އެވެ. އެކަމަކު ޕްލެޓްފޯމް ފަޅު ތެރޭގައި ނުނެގި ތާށިވެފައި އޮތުމަކީ އެ މީހުންގެ ކަންބޮޑުވުމެކެވެ.

ބްރިޖުގެ ސާވޭއަށް ބޭނުންކުރި ޕްލެޓްފޯމެއް ވިލިމާލޭ ފަރު ކައިރިއަށް އުރުމުން ފުން ކުރުމުގެ މަސައްކަތް އިއްޔެ ކުރަމުންދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފަރަށް ގެއްލުން ލިބުމުގެ ކަންބޮޑުވުން

ބްރިޖު އޮފީހުގެ ޕްރޮޖެކްޓް މެނޭޖަރު ޖިނާން ސައީދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ބްރިޖުގެ ތަނބު ހަދަން ޕައިލިން މަސައްކަތް ކުރުމަށް އެ ޕްލެޓްފޯމް ޖަހަން އުޅުނީ ފަރާ ވަރަށް ކައިރީގަ އެވެ. އޭތި ހަރުކުރަން އުޅުނީ ވަރަށް އުސްކޮށް ރާޅު ނަގާ ދިމާލެއްގަ އެވެ. އެހެންކަމުން ޕްލެޓްފޯމު މިހާރު އޮތީ ސީދާ ފަރަށް އަރައިފައި ކަމަށް ވުން އެކަށީގެންވެ އެވެ.

ނަމަވެސް، 'ދައުރު'އާ ވާހަކަ ދެއްކި ވިލިމާލޭގެ ޑައިވަރަކު ކިޔައިދިން ގޮތުގައި ޕްލެޓްފޯމް އަރާފައި އޮތީ ފަރުމައްޗަށް ކަމަށް ނުވެ ދާނެ އެވެ. އޭގެ ބަދަލުގައި އޭގެ ފައިތައް ފަޅު ތެރޭގައި އަޑިއަށް ގޮސް ހަރުލާފައި ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ބުންޏެވެ. 

ޕްލެޓްފޯމުގެ ސަބަބުން ފަރަށް ލިބޭނެ ކަމަށް ބެލެވޭ ގެއްލުންތަކާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާއިރު، އެންވަޔަރްމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމް އިއްޔެ ވިދާޅުވި ގޮތުން ނަމަ، ޕްލެޓްފޯމް އޮތީ ފަރަށް އަރާފައި ކަން އެ އޭޖެންސީއަށް ޔަގީނެއް ނޫނެވެ. އޭނާ ވިދާޅުވީ އެކަން ބަލަމުން އަންނަ ކަމަށެވެ.

ނައީމް ވިދާޅުވި ގޮތުގައި އީޕީއޭއިން ބަލަމުން އަންނަނީ ޕްލެޓްފޯމް އޮތީ މަސައްކަތް ކުރުމަށް ހަމަޖެހިފައި އޮތް ސަރަހައްދުގެ ތެރޭގައިތޯ އެވެ. އޭނާ ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރީތޯ ނުވަތަ ނޫންތޯ އެނގޭނީ އެ ކަންކަން ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް، ފަރަށް އަރާފައިވާ ނަމަ ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްރިޖުގެ ސާވޭއަށް އެޅި ޕްލެޓްފޯމެއް ވިލިމާލެ ކައިރިއަށް އުރުމުން ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
ބްރިޖުގެ ސާވޭއަށް އެޅި ޕްލެޓްފޯމެއް ވިލިމާލެ ކައިރިއަށް އުރުމުން ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖިނާން ކިޔައިދެއްވި ގޮތުން ނަމަ ޕްލެޓްފޯމް ހަރުކުރަން ހަމަޖެހިފައި އޮތީ ބްރިޖުގެ ތަނބެއް ހުންނަ ދިމާލެއްގަ އެވެ. މާލެއިން ބްރިޖު ވިލިމާލެއާ ގުޅުވާލާނީ އެ ސަރަހައްދުން ކަމުން މުސްތަގުބަލުގައި އެތަނުގައި ބޮޑެތި މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން އެތަނުގެ ވެއްޓަށް މަޝްރޫއުގެ ތެރެއިން ބޮޑެތި ގެއްލުންތަކެއް ލިބުން އެކަށީގެންވެ އެވެ.

ބްރިޖު އަޅާ ދިމާލަކީ ބައެއް މީހުން ރާޅާ އަޅަން ވެސް ދާ ތަނެކެވެ. ރާޅުތައް ހިމާޔަތް ކުރަން ގޮވާލާ ސޭވް ދަ ވޭވް ޖަމިއްޔާއިން ބުނާ ގޮތުގައި ބްރިޖު އެޅުމުގެ ސަބަބުން އެތަނުގެ ރާޅުތައް ވެސް ގެއްލިގެންދާނެ އެވެ. އެކަމާ ހެދި އެ ޖަމިއްޔާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ފަރުތަކަށް ބާޖު ފަދަ އުޅަނދު އުރުމުން ވެސް އެތަނުގެ ވެއްޓަށް ލިބޭ ގެއްލުން އަގުކޮށް އީޕީއޭއިން އެ އުޅަނދެއްގެ ވެރިފަރާތް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެ އެވެ. އެގޮތުން މިފަހުން ވެސް ވ. އަތޮޅުގެ ފަރަކަށް އިންޑިއާގެ ކުންފުންޏެއްގެ ބާޖެއް އެރުމުން އީޕީއޭއިން އެ ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ.

'އީޕީއޭ އުޅެނީ މަޝްރޫއުގެ ދިފާއުގައި'

ފަރަށް އެރިތޯ ބަލަމުންދާ ކަމަށް އީޕީއޭއިން ބުނުމާ ގުޅިގެން އެ އޭޖެންސީއަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ގެއްލުންދެނިވި މަޝްރޫއުތަކާ ދެކޮޅަށް އަދި ތިމާވެށި ހިމާޔަތް ކުރުމަށް ވަކާލާތު ކުރާ ސޭވް މޯލްޑިވްސްގެ ފައުންޑަރެއް ކަމަށްވާ ހުމެއިދާ އަބްދުލްޣަފޫރު ވިދާޅުވީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، އީޕީއޭއިން ކުރަނީ ސަރުކާރުގެ މަޝްރޫއުތައް ދިފާއު ކުރުމުގެ މަސައްކަތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގެއްލުންދެނިވި މަޝްރޫއުތައް ހިންގަން ހުއްދަ ދޭއިރު، ތިމާވެއްޓަށް ގެއްލުން ލިބޭނެކަން އީޕީއޭއަށް އެނގޭނެ އެވެ.

"ތަކުރާރުކޮށް ފެންނަނީ ސަރުކާރުން ހިންގާ ގެއްލުން ބޮޑެތި މަޝްރޫއުތަކުގެ ޑިފެންސްއަށް އީޕީއޭ އަންނަތަން. ހީވާ ފަދަ އީޕީއޭގެ ޒިންމާއަކީ އެއީއޭ، ތިމާވެށި ހިމާޔަތް ކުރުމެއް ނޫނޭ،" އީޕީއޭއަށް މީގެ ކުރިން ވެސް ފާޑުކިއުއްވާ ހުމެއިދާ ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ވިލިމާލެއަކީ މާލެ ސަރަހައްދުގައި އޮތް ހަމައެކަނި ގުދުރަތީ ފަރެވެ. ގުޅިފަޅު ހިއްކުމާއި ބްރިޖު އެޅުން ފަދަ މަޝްރޫއުތަކުން އެ ފަރަށް ގެއްލުން ވެއްޖެ ނަމަ، މުސްތަގުބަލުގައިި ފަރުތަކުގެ ރީތިކަން ބެލުމަކީ ހަމައެކަނި ރިސޯޓުތަކުގައި މުއްސަނދިންނަށް ކުރަން ލިބޭ ކަމަަކަށް ވެދާނެ ކަމުގެ ބިރު އޭނާ ފާޅުކުރެއްވި އެވެ.

ބްރިޖު ސާވޭގެ ޕްލެޓްފޯމެއް ވިލިމާލެ ކައިރިއަށް އުރިފައި (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އޭނާ ވިދާޅުވީ މިފަދަ މަޝްރޫއުތަކަށް ގެންނަ ބޭރުގެ އެކި ކުންފުނިތަކުން ރާއްޖޭގެ ވެއްޓަށް އެއްވެސް ކުލުނެއް ނުބަހައްޓާ ކަމަށާއި އެ މީހުންގެ މަސައްކަތްތަކުގެ ތެރެއިން ވެއްޓަށް ގެއްލުން ދޭން ވަރަށް ފަސޭހަ ކަމަށެވެ. 

"މިއީ އެ މީހުންގެ ގައުމެއް ނޫން. އެ މީހުންގެ ރަށެއް ނޫން. މިއީ އެ މީހުންގެ އަވަށެއް ނޫން. މިއީ އެ މީހުންގެ އެއްވެސް ތަނެއް ނޫން. މިތަނުގެ އެއްވެސް އެއްޗަކަށް އެ މީހުންގެ ކުލުނެއް ނުހުންނާނެ،" ހުމެއިދާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ވެހިކަލެއް ފަޅުތެރެއިން ގޮސް ފަރުމަތީގައި ދުއްވާތީ އެކަމުގެ ކަންބޮޑުވުން ވިލިމާލޭގެ ބައެއް އާންމުން ފާޅުކުރިކަން އޭނާ ފާހަގަކުރެއްވި އެވެ.

ބްރިޖު ސާވޭގެ ޕްލެޓްފޯމެއް މިދިޔަ އަންގާރަ ދުވަހު ވިލިމާލެ ކައިރިއަށް އުރިފައި. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ވިލިމާލޭ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، މިކަހަލަ ބޮޑު މަޝްރޫއެއްގެ ތެރޭގައި އެކި މައްސަލަތައް ދިމާވާނެކަން ގަބޫލުކުރާ ކަމަށެވެ. އެކަމަކު، އެ ޕްލެޓްފޯމް ނުނެގި އޮތުމުގެ ސަބަބުން ރާޅާ އެކު ފަރުގައި ޖެހިޖެހި ވެއްޓަށް ބޮޑެތި ގެއްލުން ވެދާނެތީ ކަންބޮޑުވާ ކަމަށް ބުންޏެވެ. އޭނާ އެދުނީ ވީހާ ވެސް އަވަހަކަށް ޕްލެޓްފޯމް އެތަނުން ނެގުމަށެވެ.

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 2ގަ އެވެ. އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އިން ވަނީ ތާވަލާ އެއްގޮތަށް، އެއްބަސްވެފައިވާ ތާރީހަށް ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން ކުރިން ދީފަ އެވެ. ޕްލެޓްފޯމު އުރި، އޭތި ނަގަން މަސައްކަތް ކުރަން ޖެހުނު ނަމަވެސް އެ މަޝްރޫއުއަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށް ބްރިޖު އޮފީހުން ބުނެ އެވެ.

އުރިފައި އޮތް ޕްލެޓްފޯމް ފުންކުރުމުގެ މަސައްކަތް އިއްޔެ ކުރިއަށްދިޔަ އިރު، އެތަނާ ވަރަށް ކައިރީގައި އެ ވައްތަރުގެ ކުޑަ ޕްލެޓްފޯމެއް ވެސް ފަޅުތެރޭގައި އޮތެވެ. އެ ޕްލެޓްފޯމް ރާޅުތަކާ އެކު އެއްގަމާ ދިމާލަށް ދަމާތީ، ކުޑަ ޑިންގީއެއްގައި އޭތި އައްސައިގެން، އެއް ބަޔަކު ދިޔައީ ޕްލެޓްފޯމް ބީހުނަ ނުދޭން މަސައްކަތް ކުރަމުންނެވެ. އެ މީހުން ކުރަމުން ދިޔައީ އެތަނުން އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކަމެއް، ނުވަތަ އޭގެ ފައިތައް މޫދު ތެރެއަށް ބޭލުމުގެ މަސައްކަތް ކަމެއް ސާފެއް ނުވި އެވެ.

ވިލިމާލޭ ފަޅު ތެރޭގައި އިއްޔެ ހަވީރު އޮތް ކުޑަ ޕްލެޓްފޯމް: ޕްލެޓްފޯމް އަޅަމުން ދަނީ ބްރިޖުގެ ތަނބުތަކުގެ ޕައިލިން މަސައްކަތަށް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)
ވިލިމާލޭ ފަޅު ތެރޭގައި އިއްޔެ ހަވީރު އޮތް ކުޑަ ޕްލެޓްފޯމް: ޕްލެޓްފޯމް އަޅަމުން ދަނީ ތަނބުތަކުގެ ޕައިލިން މަސައްކަތަށް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އުރިފައި އޮތް ޕްލެޓްފޯމާ އަޅާ ބަލާއިރު ސައިޒުން ކުޑަ ނަމަވެސް، އެއީ މުޅިންހެން ދަގަނޑުން ހަދައި ބަރު އެކި މެޝިނަރީ އަރުވާފައި ހުރި އެއްޗެކެވެ. އެފަދަ ކުޑަ އެއްޗެއް ވިޔަސް ފަރަށް އަރައިފިއްޔާ ލިބޭނެ ގެއްލުން ބޮޑުވާނެ އެވެ.

ކޮމެންޓް (1)

ސަމްފަތު

18 އޯގަސްޓު 2022
ތިޔަތަނުން ދޫނި ގޮވާ އަޑު އިވެންޔާ މާލެ މަޖީދީ މަގުން ވެސް އިވޭނެ
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް