ބްރިޖު ޕްރެޓްފޯމެއް ވިލިމާލެ ފަރަށް އެރުމުން ފުން ކުރުމުގެ މަސައްކަތް ކުރަމުންދަނީ: އީޕީއޭ އިން ހެދި ސާވޭއާ މެދު އެފްކޮންސް އިން ވަނީ ހިތްހަމަނުޖެހިފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ވިލިމާލެ ބްރިޖު

އެފްކޮންސް އިން އީޕީއޭގެ ރިޕޯޓާ ދެކޮޅު؛ ބޭނުންވަނީ އަމިއްލައަށް ސާވޭ ކުރަން

އީޕީއޭ އިން ބުނީ އެ އެޖެންސީގެ ރިޕޯޓަށް ޖަވާބުދާރީ ވުމަށް އިތުރު ހަތް ދުވަސް އެ ކުންފުންޏަށް މިހާރު ދިފައިވާ ކަމަށް

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ވިލިމާލޭގެ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން އެ ފަރަށް ލިބިފައިވާ ގެއްލުން ބަލަން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހެދި ސާވޭއާ މެދު އެ ކުންފުނިން ހިތްހަމަނުޖެހިގެން، އެފްކޮންސް އިން އަމިއްލައަށް ސާވޭ ކުރަން އެދިފައިވާ ކަމަށް އީޕީއޭ އިން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ބްރިޖު ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް އެރީ މިދިޔަ އޮގަސްޓް 16ގަ އެވެ. އެގޮތުން:

  • އެ ޕްލެޓްފޯމް ފަރުމަތީގައި ހަފްތާއަކަށް ވުރެ ގިނަ ދުވަހު ތާށިވެފައި އޮތް؛ އޭތި ފުން ނުކުރެވި އޮތުމުން ފަރަށް އިތުރު ގެއްލުން ލިބޭނެ ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކުރި 

  • ލިބުނު ގެއްލުން ބަލަން އީޕީއޭ އިން ސާވޭ ފެށީ ޕްލެޓްފޯމް ފުން ކުރުމަށް ފަހު، އެ ތަނަށް އެޅިފައި ހުރި ދަގަނޑު ހޮޅިތައް އެފްކޮންސް އިން ނަގައި ނިމުމުން މިދިޔަ މަހުގެ 6ގައި

  • އޭގެ ދެ ހަފްތާ ފަހުން ސާވޭ ނިންމުމަށް ފަހު، މިދިޔަ މަހުގެ 14ގައި އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިން

  • ރިޕޯޓު އާންމުކުރުން ލަސްވަނީ އެފްކޮންސް އިން ޖަވާބުދާރީނުވެގެން ކަމަށް އީޕީއޭ އިން ބުނެފައިވޭ

ވީ ކިހިނެއް؟ - އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް މިރޭ 'ދައުރު'އަށް ވިދާޅުވީ، އެ އިދާރާ އިން ހެދި ސާވޭއާ މެދު އެފްކޮންސް އިން ހިތްހަމަނުޖެހިގެން އަމިއްލައަށް ސާވޭ ކުރަން ހުށަހެޅީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

"އެފްކޮންސް އިން ބުނަނީ، ޑެމޭޖް އޭރިއާ ބަލާފައި ހުރި ގޮތް މާ ބޮޑު ކަމަށް. އެހެންވެ، އެ މީހުން ބޭނުންވަނީ އެ ތަނަށް އެރި، އެ މީހުން އަމިއްލައަށް ސާވޭ ކުރަން،" އޭނާ ވިދާޅުވި އެވެ.

"އީޕީއޭ އިން ސާވޭ ހެދި އިރު ވެސް، އެފޮކޮންސްއަށް ފުރުސަތު ދިނިން ބައިވެރިވުމަށް. އެކަމަކު އެ މީހުން ބައިވެރިއެއް ނުވޭ."

ނައީމް ވިދާޅުވީ، އެ މީހުން އެގޮތަށް އެދި ހުށަހެޅުމުން، އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީ ވުމަށް އަނެއްކާވެސް އިތުރު ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތު ދިނީ ކޮން އިރަކު ކަމެއް ނައީމް ހާމައެއް ނުކުރައްވަ އެވެ. ނަމަވެސް އޭނާ ވިދާޅުވީ، ހަތް ދުވަހުގެ މުއްދަތު އަދި ހަމަނުވާ ކަމަށެވެ.

ބްރިޖު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން އެ ފަރަށް ލިބުނު ގެއްލުންތައް ބަލަން ސާވޭ ކުރުމުގެ މަސައްކަތް އީޕީއޭގެ އޮފިޝަލުން ކުރަނީ. (ފޮޓޯ/އީޕީއޭ)
ބްރިޖު ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމާ ގުޅިގެން އެ ފަރަށް ލިބުނު ގެއްލުންތައް ބަލަން ސާވޭ ކުރުމުގެ މަސައްކަތް އީޕީއޭގެ އޮފިޝަލުން ކުރަނީ. (ފޮޓޯ/އީޕީއޭ)

އެނގުން މުހިންމު - ޕްލެޓްފޯމް އަރާފައި އޮތް ސަރަހައްދަށް ޑައިވްކޮށްގެން ނަގާފައި ހުރި ފޮޓޯތައް އީޕީއޭ އިން މީގެ ކުރިން ވަނީ އާންމުކޮށްފަ އެވެ. ވިލިމާލެ ފަރުގައި ބޮޑެތި ވަޅުގަނޑުތަކެއް ހެދިފައިވާކަން އަދި ފަރުގެ ގާތައް ގޭނިފައި ވާކަން އެ ފޮޓޯތަކުން ހާމަވެ އެވެ. އެ ފޮޓޯތައް އާންމުކުރުމަށް ފަހު، އޭރު އީޕީއޭ އިން ބުނެފައިވަނީ، ފަރަށް ބޮޑު ގެއްލުމެއް ވެފައި ހުރީ ޕްލެޓްފޯމްގެ ފައިތަކުން ކަމަށެވެ.

ޕްލެޓްފޯމުން ވިލިމާލެ ފަރުގައި ބޮޑެތި ބާގަނޑުތަކެއް ހެދިފައި. (ފޮޓޯތައް/ އީޕީއޭ)

ފަސްމަންޒަރު - އެފްކޮންސް އިން ޖަވާބުދާރީ ނުވެގެން ފަރަށް ލިބުނު ގެއްލުމުގެ ތަފްސީލާއި ޖޫރިމަނާ ކުރާނެ އަދަދު މިހާތަނަށް ހާމަކޮށްފައި ވާއިރު، ސަރުކާރުން މީގެ ކުރިން ބުނެފައިވާ ގޮތުން، ވިލިމާލޭގެ ފަރަށް ލިބުނު ގެއްލުމާ ގުޅިގެން އެ ކުންފުންޏާ މެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭނެ އެވެ.

ކޮމެންޓް (3)

ދުފުން

9 އޮކްޓޯބަރު 2022
ކިހާ ދެރަ ކަމެއް މިއީ. މި އިންޑީއާ މީހުންގެ މައްޗަށް އަހަރުން އަމިއްލަ ގައުމުގަ އަހަރުމެންގެ ގާނޫނުވެސް ނުހިނގަނީތަ؟ ގާނޫނަށްވުރެ މަތީގައި ތިބޭ ބައެއްތަ އެފްކޮންސްއަކީ؟
2 0

ނިޒާރު

9 އޮކްޓޯބަރު 2022
މިއީ އަދި ހާދަ މަތީ ބަޔެކޭ ދޯ. އެހެން ފުއްޕޭތަ؟
2 0

ޫހުހި

9 އޮކްޓޯބަރު 2022
އިންޑިޔާއިން ބުނާގޮތް ހަދަަ
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް