ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން.

އެއްވުންތައް ރޫޅާލަން ބާރުގެ ބޭނުންކުރާ އުސޫލު ބަދަލުކުރަނީ

ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގީ ފުލުހުންގެ ފެއިލްވުމަކުން ކަމަށް އެއްބަސްވޭ

މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ފެއިލްވެ، ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުމާ ގުޅިގެން، އެއްވުންތައް ކޮންޓްރޯލް ކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރުމުގައި އަމަލުކުރާ އުސޫލު ބަދަލުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ބައެއް އިސް ފަރާތްތަކާއި ބޭރުގެ އިސް އޮފިޝަލުންތަކެއް ބައިވެރިވި އެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ ހަމަނުޖެހުން ހިންގީ ފުލުހުންގެ ސެކިއުރިޓީ ފެއިލްވުމުން ކަމަށް، ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވެސް ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.

ތަފްސީލް - އެ ހަމަނުޖެހުމާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވިދާޅުވީ، އެ ދުވަހު ފުލުހުންގެ ސެކިއުރިޓީ ފެއިލްވި ކަމަށް އެއްބަސްވެވަޑައިގަންނަވާ ކަމަށާއި މީގެ ކުރިން މާލޭގައި ބޭއްވި އެއަށް ވުރެ ބޮޑެތި އެއްވުންތައް ވެސް ޕްރޮފެޝަނަލްކޮށް ބަލަހައްޓާފައި ވާނެ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ސެކިއުރިޓީ ފެއިލިއާއެއްގެ ގޮތުގައި އެޑްމިޓްކުރަން،" އޭނާ ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ އެކަން އެގޮތަށް މެދުވެރިވި ސަބަބު ހޯދަން ފުލުހުންގެ ތެރެއިންނާއި ދައުލަތުގެ އެކި މުއައްސަސާތަކުން ވެސް ބަލަމުން އަންނަ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން އެ ދުވަހު ވަނީ އިންކުއަރީއެއް ހަދަން ފަށާފައި 

  • އެ އިންކުއަރީ ހަދަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދުގެ ބެއްލެވުމުގެ ދަށުން

  • އެ އިންކުއަރީގެ ރިޕޯޓު އަންނަ އާދީއްތަ ދުވަހު ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅާނެ

  • ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ޕޮލިސް ބޯޑުން ވެސް އަންނަނީ އިންކުއަރީއެއް ހަދަމުން

  • ކެބިނެޓްގެ ސަބް ކޮމިޓީއަށް ވެސް ފުލުހުން ވަނީ ޖަވާބުދާރީ ވެފައި

ބުނީ ކީކޭ؟ - އެ ދުވަހުގެ ހަމަނުޖެހުން ހިނގަން މެދުވެރިވި ސަބަބުތައް ދެނުގަތުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެފަދަ ގޯހެއް ދެން ތަކުރާރުވިޔަ ނުދިނުމަށް ފިޔަވަޅުތައް ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި މާލޭގައި ބާއްވާ އެއްވުންތައް ރޫޅާލުމުގައި ފުލުހުން މިހާރު ގެންގުޅޭ އުސޫލު ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވީހާ ވެސް އަވަހަކަށް އެ ކްރައުޑަކުން ނުރައްކާތެރި ކަމެއް ދިމާވެދާނެ ހާލަތްތަކުގައި އަޅުގަނޑުމެން ފޯސް ބޭނުންކުރުމުގެ އުސޫލުތައް ވެސް ބަދަލުކުރާނަން،" އޭނާ ވިދާޅުވި އެވެ.

"މި އިވެންޓުގައި މި ދިމާވި ކަންކަން ދަސްކޮށް، އޮގަނައިޒޭޝަން ކުރިއަށް ދިއުމުގައި މިކަހަލަ ކަންކަން ބެލެހެއްޓުމުގައި ހާއްސަކޮށް ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރުދަނާ ކުރަންޖެހޭ ކަންކަން ހަރުދަނާ ކުރަމުން ގެންދާނަން."

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

ޝުޖާއު ވިދާޅުވީ މާލޭގައި މުޒާހަރާއަށް ފުރުސަތު ނުދިން ނަމަވެސް، ހިޔާލު ފާޅުކުރުމަށް "ވަރަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދެމުން" އަންނަ ކަމަށެވެ. އަދި ފުލުހުން ބާރުގެ ބޭނުން ކުރަނީ އެއްވުމުގެ ސަބަބުން ތަނުގެ މަސްލަހަތު ގެއްލި، އިތުރު ނުރައްކަލެއް ދިމާވެދާނެ ހާލަތެއްގައި އެކަނި ކަމަށެވެ.

ޝުޖާއު ވިދާޅުވީ ޔޯގާ ހަރަކާތުގައި ހަމަނުޖެހުން ހިންގުމުގެ ކުރިން، މަގުމަތީގައި އެ މީހުން ހިޔާލު ފާޅުކުރުމަށް ވެސް ފުލުހުން ފުރުސަތު ދިން ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އެ އެއްވުން "މޮބަކަށް" ބަދަލުވެގެން ދިޔަ ގޮތް ފުލުހުން ބަލާނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.

އެނގުން މުހިންމު - އެ މައްސަލައިގައި މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފައި ވާއިރު، އެ މީހުން ހައްޔަރުކުރީ ފާޅުކުރި ހިޔާލެއްގެ ސަބަބުން ނޫން ކަމަށާއި، އެއީ ހަމަނުޖެހުން ހިންގައި އެ ހަރަކާތުގައި ތިބި މީހުންނަށް ބިރުދައްކައި ހަމަލާ ދިނުމުގެ ސަބަބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.

ކޮމެންޓް (1)

ފިނރުޓޭ

28 ޖޫން 2022
ކީކޭ ދެން އަޅެ ފަހެ ބުނާނީ ވިއްޔަ އަޅެ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް