ދަނޑުގައި ހިންގި ހަމަނުޖެހުމާ ގުޅިގެން މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން (ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

ޔޯގާ ހަރަކާތާ ދެކޮޅަށް ހަމަނުޖެހުން ހިންގި މައްސަލަ ބަލަން ވަޒީރުންގެ ކޮމިޓީއެއް އެކުލަވާލައިފި

އެ ކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައިނުގަންނަވާ

ގަލޮޅު ދަނޑުގައި މިއަދު ހެނދުނު ކުރިޔަށް ގެންދިޔަ ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލައި ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް މިއަދު އެކުލަވާލައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން ބުނިގޮތުގައި ޔޯގާ ހަރަކާތުގެ ބައިވެރިންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެ ތަނަށް ބަޔަކު ވަދެގެން، ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުންދީ ހިންގި ކަންކަން ކެބިނެޓް ބައްދަލުވުމެއްގައި ވަޒީރުން ވަނީ ކުށްވެރިކުރައްވައިފަ އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނީ އެ އަމަލު ހިންގުމުގައި ބައިވެރިވި މީހުންގެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ވެސް ވަޒީރުން ގޮވާލެއްވި ކަމަށެވެ. ހަމަނުޖެހުން ހިންގި މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެކުލަވާލި ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ:

  • އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު 

  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ 

  • ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ 

  • އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު 

  • އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން 

  • ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް 

  • ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް

ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައި ވާއިރު، ސީރިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އެނގުން މުހިންމު - ހަމަނުޖެހުން ހިންގަން ފުރުސަތު ލިބުމާ ގުޅިގެން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، ފުލުހުން ނެރުނު ބަޔާނުގައި ވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް ބަލައި ފުލުހުން އެ ހާދިސާއާ ގުޅިގެން އަމަލުކުރި ގޮތުގެ އެތެރޭގެ ރިވިއުއެއް ހަދާނެ ކަމަށް ބުނެފަ އެވެ.

މައްސަލަ ބަލަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައެއް ނުގަންނަވަ އެވެ.

އެ ހަމަނުޖެހުން ފޮރިން މިނިސްޓްރީން ވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އަދި ހަމަނުޖެހުން ހިންގި މައްސަލައިގައި ޒިންމާވާ މީހުން ވަރަށް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (1)

ފިނރުޓޭ

22 ޖޫން 2022
ކީކޭ ދެން އަޅެފަހެ ބުނާނީ! ޔޯނގާ އަނކީ ހަމަ ކަސްރަތެއް ނޫންހޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް