ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން

ފުލުހުން

ޔޯގާ ހަމަނުޖެހުން: ފުލުހުންގެ ބޮޑު ފެއިލްވުމެއްތަ؟

ރައީސް ސޯލިހްގެ އިތުރުން ފުލުހުން ވެސް ބުނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަ ކަމަށް

"ހަމަ މިކަން ކުރާ ތަން ބަލަން މަޑުން ތިބޭނީތަ؟ އެ ފުރުސަތު ދީފިއްޔާ ދީނާ ހިލާފު އިތުރު ކަންކަން ރާއްޖޭގައި ކުރާނެ."

"އަހަރެން ވަގު އައިޑީއެއް ގެންގުޅޭ ނަމަ މި ތަނަށް ބިސް ޖަހައި ކަޅު ތެޔޮ ޖަހާލަން ޓުވިޓާގައި ގޮވާ ބަޔަކު ވެއްޖިއްޔާ ހިތްވަރު ވެސް ދިނީމުސް. މާސްކް އަޅައިގެން މިކަން ހިންގާލަން ވަރަށް ފޯރި އެރުވީމުސް."

"ޒުވާނުން ނުކުމެ މިކަން ހުއްޓުވުމާ!"

"ނަބިއްޔާގެ ދިފާއުގައި ސައިކަލު ބުރަށް ދިޔަ އެންމެން މި ކަންތައް ހުއްޓުވަން ނުކުންނަން ޖެހޭ."

މިއީ ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ޔޯގާ ހަރަކާތެއް ބާއްވަން ނިންމައި އެ ހަރަކާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ޔޫތު މިނިސްޓްރީން ހުޅުވާލުމުން މީހުން ކޮށްފައި ހުރި ޓުވީޓުތަކެވެ. އެ ހަރަކާތާ ދެކޮޅަށް އަޑު އުފުލުމަށް، ހެނދުނު ގަލޮޅު ދަނޑު ސަރަހައްދަށް އެއްވާނެކަން ވެސް ކުރީބައިގައި އޮތީ އެނގިފަ އެވެ.

ނަމަވެސް އިންޑިއާ ހައި ކޮމިޝަނަރާއި އދ.އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެސިޑެންޓް ކޯޑިނޭޓަރާއި އެހެނިހެން ގައުމުތަކުގެ ސަފީރުންނާއި އެމްބަސީތަކުގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެ ހަރަކާތުގެ ސަލާމަތީ ކަންކަން ހުރި ގޮތާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ. ބަޔަކު އެއްވެ ހަމަނުޖެހުމެއް ހިންގާފާނެ ކަމަށް ފުލުހުން ތައްޔާރަށް އޮތް މަންޒަރެއް ނުފެނުނެވެ.

ފަތިސް ނަމާދަށް ފަހު، ދިދަތައް ހިފައިގެން ގަލޮޅު ދަނޑު ކައިރިއަށް ބަޔަކު ދިޔައީ އެއްވަމުންނެވެ. އެ މީހުން ދަނޑަށް ވަންނަން ހިނގައިގަތީ، މަޖީދީމަގުގައި އެތުރިގެން ތިބެ އަޑުގަދަ ކުރާއިން ވާހަކަދެއްކުމަށް ފަހު އެވެ. ހަރު އަޑުން ޝަހާދަތް ކިޔައި ތަކްބީރު ކިޔަމުން ދަނޑަށް ވަންނަން ކުރިއަށް ޖެހެމުން ދިޔަ އިރު ވެސް، އެއްވެ ތިބި މީހުން ކޮންޓްރޯލް ކުރެވޭނެ އަދަދަށް އެ ތަނުގައި ފުލުހުންނެއް ނެތެވެ.

މަގުމަތިން އެ މީހުން ހުއްޓުވަން ބެރިކޭޑު ޖެހި އިރު، ބެރިކޭޑުގެ ފަހަތުގައި ތިބީ ޓްރެފިކް ފުލުހުން ހިމެނޭ ގޮތަށް ހައެއްކަ ފުލުހުންނެވެ. އެއްވެ ތިބި މީހުން ދިޔައީ އެ ފުލުހުންނާ ދިމާލަށް އިނގިލި ދިއްކޮށް، "ހަމަ މިހާރު ގޮސް ހުއްޓުވާ"ށޭ ކިޔައި އިންޒާރު ދެމުންނެވެ.

ދެން ފެނުނީ ބެރިކޭޑު ފަޅާލުމަށް ފަހު ގަލޮޅު ދަނޑުގެ ގޭޓު ހުޅުވައި އެތެރެއަށް ވަދެގަތް ތަނެވެ. ބޭރުގައި ތިބި ހައެއްކަ ފުލުހުންނަށް އެ މީހުން ކޮންޓްރޯލެއް ނުކުރެވުނެވެ.

ﷲ އަކްބަރު ގޮވަމުން އެ މީހުން ގޮސް ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދޭން ފެށި އިރު، ދަނޑު އެތެރޭގައި ވެސް އެ މީހުން ހުއްޓުވާނެ ބަޔަކު ނެތެވެ. އެ މީހުން ދުވެފައި ގޮސް ޖަހާފައި ހުރި ދިދަ ދަނޑިތައް އުފުރާލައި އޭގެން ހަރަކާތުގެ ބައިވެރިންނަށް ހަމަލާ ދޭން ފެށި އެވެ. އަދި ޕްލާސްޓިކް ފުޅިތަކުން ވެސް ހަމަލާ ދިނެވެ. ޑިޕްލޮމެޓެއްގެ ގައިގައި ވެސް ފުޅިއަކުން ޖެހުނެވެ.

ހަމަނުޖެހުން ހިންގި މީހުން އެ ތަނަށް ވަދެގަތް މަންޒަރު ފެނުމާ އެކު، ޔޯގާ ހަރަކާތުގައި ތިބި ބައެއް މީހުން ތެދުވެ ދުއްވައިގަތެވެ.

މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގި އޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ގާބިލުކަން ނެތީތޯ ސުވާލު އުފެދޭ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު

ޝީލްޑުތައް ހިފައިގެން، ފުލުހުންގެ ސަފު އަތުރާލެވޭ ވަރު ވީ އެ ހުރިހާ ކަމެއް ނިމުނު ފަހުންނެވެ. ފުލުހުން އެ މީހުން ކޮންޓްރޯލް ކުރަން ކުރި މަސައްކަތް ކާމިޔާބު ނުކުރެވުމުން، އެ މީހުން އެ ތަނުން ނެރެން ޖެހުނީ ކަރުނަ ގޭސް ޖަހައިގެންނެވެ. އެ މީހުން ގޭޓުން ބޭރު ކުރުމުން ވެސް، އަނެއްކާ ވެސް އެތެރެއަށް ވަންނަން މަސައްކަތް ކުރި އެވެ.

މިއަދު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުން އެއް ބަޔަކު ސިފަކުރަނީ ސިޔާސީ މަގުސަދެއްގައި ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ އެވެ. އަދި މި ހިސާބަށް މިކަން ހިނގައިދާނެ ކަމަށް ފުލުހުން ތައްޔާރަށް ތިބެން ޖެހޭނެ ކަމަށާއި، ހަމަނުޖެހުން ހިންގި މީހުން ނުހުއްޓުވި، ބޭރުގެ އިސް ވެރިންތަކަކަށް މިފަދަ ބިރުވެރިކަމެއް ކުރިމަތިވެގެން ދިއުމަކީ ފުލުހުންގެ ފެއިލްވުމެއް ކަމަށް ބުނެ އަންނަނީ ފާޑުކިޔަމުންނެވެ.

"މިވަރު ބޮޑުކަމެއް ވާން ދޫކޮށްލީތޯ ނުވަތަ މިހާ ބޮޑުކަމެއް ރާވަމުންދިޔަކަން ހަމަ ނޭނގި އޮތީތޯ ނުވަތަ އެނގިހުރެމެ ހުއްޓުވުމުގެ ގާބިލުކަން ނެތީތޯ ސުވާލު އުފެދޭ،" ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ވިދާޅުވި އެވެ.

މިއަދުގެ ހަމަނުޖެހުން ހިނގައިދިޔަ ގޮތުން، ޔޯގާ ހަރަކާތް އިންތިޒާމް ކުރުމުގައި ބައިވެރިވެވަޑައިގެންނެވި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފު އެކަން ސިފަކުރެއްވީ ވަރަށް ބިރުވެރި ކަމެއްގެ ގޮތުގަ އެވެ. 

"މީސްމީހުންގެ ގައިގައި ކޮޅުފައިން ޖަހާ، ފެންފުޅިން މީހުންގެ ގައިގައި ޖަހާ. ބޭރުގެ ބައެއް ޑިޕްލޮމެޓުން ވެސް [ތިބި] މިއެއް ވެސް ނުބަލާ އެކަން އެ ކުރީ. މިއީ ވަރަށް އޭގެ ޑެމޭޖް ބޮޑުވާނެ ކަމެއް،" މަހްލޫފް ވިދާޅުވި އެވެ.

ފުލުހުންގެ ބަސް - މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން، ފުލުހުންގެ އިސް ތަރުޖަމާނު ޔޫނުސް ސޮބާހް ވިދާޅުވީ މިއަދު ކަން ހިނގައިދިޔަ ގޮތާ ގުޅޭ ގޮތުން ފުލުހުން ބަޔާނެއް ނެރޭނެ ކަމަށާއި ފުލުހުން އަމަލުކުރި ގޮތް "އިންޓާނަލީ" ބަލާނެ ކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މިއަދުގެ ހަމަނުޖެހުން ތަހުގީގު ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވެ އެވެ.

މިކަމާ ގުޅިގެން ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދުގެ ބަހެއް ހޯދަން މަސައްކަތް ކުރި ނަމަވެސް، ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މި ހަމަނުޖެހުމާ ގުޅިގެން ދައްކާ އިތުރު ވާހަކައެއް ވެސް އެބަ އޮތެވެ. އެ މީހުން ބުނަނީ ފުލުހުން އެކަން ހުއްޓުވަން ބޭނުން ނުވީ ކަމަށެވެ. މި ހިސާބަށް ހަމަނުޖެހުން ހިންގަން ދޫކޮށްލީ، "ބޭނުންވާ ފޮޓޯ" ހޯދަން ކަމަށެވެ. 

ކޮމެންޓް (4)

މުހައްމަދު

22 ޖޫން 2022
ވަރަށް ބޮޑު ފެއިލިއަރ އެއް. މިނިސްޓަރުނާއި ބޭރުގައުމުތަކުގެ މަތީފަންތީގެ ޑިޕްލޮމެޓުންނަށް ދޭންޖެހޭ ގަދަރު ނުދެވުނު ކަމީ ލަދު ގަންނަން ޖެހޭ ކަމެއް. އެމީހުންނަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ނުދެވުނުކަމީ ދިވެއްސެއްގެ ހައިސިއަޔަތުން ދެރަވެ ހިތާމަކުރާކަމެއް. މިކަހަލަ ނަފުރަތު އުފައްދާ މީހުންނާ ދޭތެރޭ ހަރުކަށި ފިޔަވަޅު ކުރީބައިގަ ނޭޅޭކަން ދެރައީ. މިކަންކަމުގަ އަމަލީ ގޮތުން ބައިވެރިވާ ފަރާތްތައް ހިފާ ހައްޔަރުކޮށް ގާނުނުގެތެރެއިން ދެވޭނެ އެންމެހަރުކަށި އަދަބު ދެވެންޖެހޭ. މިއީކީ ނޫން އަޅުގަޑުމެން އުޅެން، ދެކެން ބޭނުންވާ ރާއްޖެއަކީ. މިއީކީ ނޫން އަޅުގަޑުމެންގެ ދަރިންނައް ދައްކަންބޭނުންވާ ރާއްޖެއަކީ.
0 0

އެދުރުބެ

22 ޖޫން 2022
މިސާލަކަށް އެތަނަށް ދިޔަ މީހަކު ވަޅިއެއް ހިފައިގެން ގޮސް ޑިޕޮލޮމެޓެއްގެ ކަރު ބުރިކޮށްލި ނަމަ އޭގެ ޒިންމާ ނަގާނީ ކާކު؟ އިންޒާރު ލިބިލިބި އޮއްވާ ސަލާމަތީ ކަންކަން ވަރަށް ދޯދިޔާކޮށް އޮތީ. މިކަމުގައި އިންތިޒާމުކުރި ފަރާތުގެ އިހްމާލު ވެސް ބޮޑު. އެފަދަ އިންޒާރު ލިބެނިކޮށް އެފަދަ ކަމެއް ބާއްވާ ނަމަ އެކަށީގެންވާ ގޮތެއްގައި ސަލާމަތީ ކަންކަން ބެލެހެއްޓެންޖެހޭނެ. ނޫނީ ނުބާއްވާނީ
0 0

ތަކުރުފާނު

21 ޖޫން 2022
މިއީ ވަރަށް ދެރަކޮށް ހިނގާ ކަމެއް. އަހަރުންގެ ތެރޭގައި ދީނީ ކަންކަމުގައި މިއަށް ވުރެ ތަހުޒީބުވާން ޖެހޭނެ ކަމަށް ފެންނަނީ. ނޫނީ ވަރަށް ދެރަގޮތް ދިމާވެދާނެ. ރާއްޖެއަކީ ބައިނަލްއަގުވާމީ ދުނިޔެެއަށް ހުޅުވިފައިވާ ގައުމެއް / ފުލުހުންގެ ދައުރު އަދާކުރި ގޮތާ ދޭތެރޭ ވެސް ސުވާލު އުފެދޭ.
1 0

ސާބަސް

21 ޖޫން 2022
@ތަކުރުފާނު ދީނަކީ ކަލޭމެން ބޭނުން ގޮތަކަށް ބަދަލުކުރެވޭ އެއްޗެއް ނޫނޭ. ތަހުޒީބޭ ތިކިޔަނީ. ރިޒްގު ދެއްވާ ފަރާތުން ރިޒްގު ދެއްވާނެ. އެއްފަހަރުވެސް އެކަލާނގެއަށް ވަކީލުކޮށްފަ ކަމެއް ކޮށްބަލަ މިތާތިބި ނިކަމެތި އިންސާނުންނަށް ބަރޯސާނުވެ. މާދަންވެސް މަރުވީމަ ތިހެނެއް ނުބުނެވޭނެ އަހަރުން ތަހުޒީބުވާން މުސްލިމުން ތެރޭގަ ކާފަރުން ބޭނުންހާ ސަކަރާތެެއް ޖަހަން ދޫކޮށްލީއޭ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް