އޭސީސީގެ ރައީސް ޝިއުނާ: އޭނާއާ އެކު އެ ކޮމިޝަންގައި ތިއްބެވި ހުރިހާ މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ވަނީ ފަށާފައި. (ފައިލް ފޮޓޯ/ޕީއެސްއެމް)
އޭސީސީން އޮޑިޓް އޮފީހަށް: މަސައްކަތް ވަޒަންކުރީ ތަހުގީގު ހިންގާ ގޮތް ނޭނގި ތިބެ
ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު އޮޑިޓާ ޖެނެރަލްގެ އޮފީސް ރަނގަޅަށް ހޭލުންތެރި ނޫން ކަމަށް ބުނެ، އޮޑިޓް އޮފީހުން ހެދި ޕާފޯމެންސް އޮޑިޓެއްގެ މައްޗަށް ބިނާކޮށް މެމްބަރުން މަގާމުން ވަކިކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ވަރުގަދަ ރައްދެއް ދީފި އެވެ.
މައްސަލައިގެ ފެށުން - އޭސީސީން މައްސަލަތައް ތަހުގީގުކުރުމުގައި އަމަލުކުރާ ގޮތާއި ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ ކަންކަން ހާސިލުކުރުމަށް ކޮމިޝަނަށް ލިބިފައިވާ ވަސީލަތްތައް ބޭނުންކޮށްގެން ނަތީޖާ ނެރެމުން ދާ މިންވަރު ދެނެގަތުމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ވަނީ ޕާފޯމަންސް އޮޑިޓެއް ހަދައިފަ އެވެ.
އެ އޮޑިޓުގައި ބުނީ:
-
މައްސަލަތަކުގެ ތަހުގީގު ވަރަށް ބޮޑަށް ލަސް ކަމަށް
-
ކޮމިޝަނަށް ލިބޭ ޝަކުވާތައް ބެލުމުގެ ނިޒާމު ދޯހަޅި ކަމަށް
-
ކޮރަޕްޝަންގެ މައްސަލަތަކުގައި ޝަރުއީ ދާއިރާ އިން ނަތީޖާ ނުނެރެވޭ ކަމަށް
ވީ ކިހިނެއް؟ - އޮޑިޓާ ގުޅިގެން އޭސީސީން މިއަދު ނެރުނު ދިގު ބަޔާނެއްގައި، އޮޑިޓުގައި ފާހަގަކޮށްފައި ހުރި ކޮންމެ ކަމަކަށް ވަކިވަކިން ރައްދު ދީފައިވެ އެވެ.
'ދައުވާ ނުކުރުމަކީ ނަތީޖާ ނުނެރެވުމެއް ނޫން'
އޮޑިޓުގައި ބުނީ، އޭސީސީން މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގާ ކަމަށާއި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވެނީ %1 މައްސަލައިގައި ކަމަށެވެ. އަދި އެއީ ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވުމުން ދިމާވާ ކަމެއް ކަމަށް ދޭހަވާގޮތަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ނަމަވެސް، އޭސީސީން ބުނީ ކޮމިޝަނަށް ހުށަހަޅާ ޝަކުވާތައް ވަޒަންކުރުމަށް ފަހު ތަހުގީގުކުރަން ނިންމާ މައްސަލަތަކުގެ ތަހުގީގު ނިންމާއިރު ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައިވުމަކީ، ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ނުވެގެން ހިނގާ ކަމެއް ނޫން ކަމަށެވެ.
މުޅި އޮޑިޓް ރިޕޯޓުން ފާހަގަކުރެވެނީ، މައްސަލަ ބެލި ނަމަވެސް ދައުވާއެއް ނުއުފުލޭ ނަމަ ދެން ކޮމިޝަނުން އަދާކުރާ އެއްވެސް މަސްއޫލިއްޔަތަކީ އަހައްމިޔަތެއް ދޭން ޖެހޭ މަސްއޫލިއްޔަތެއް ނޫން ގޮތަށެވެ.
އެގޮތުން، ޕްރިލިމިނަރީ އިވެލުއޭޝަން މަރުހަލާގައި ޝަކުވާ ވަޒަންކުރާއިރު ބަލާނީ:
-
ހުށަހަޅާ ޝަކުވާ އަކީ ކޮމިޝަނުގެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ޝަކުވާއެއްތޯ
-
ތުހުމަތަށް ބާރު ލިބޭ ޝަކުވާއެއްތޯ
-
ޝަކުވާއާ ގުޅޭ ގޮތުން އިތުރަށް ތަހުގީގުކުރަން ޖެހޭ ކަމެއް އޮތްތޯ
-
އެކަށީގެންވާ ތުހުމަތެއް އޮތް ނަމަ އެފަދަ ކޮންމެ ޝަކުވާއެއް އިތުރަށް ތަހުގީގުކުރަން ނިންމާނެ
-
ހެކި ހޯދުމާއި މީހުންނާ ސުވާލުކުރުން ފަދަ މަރުހަލާތައް ކުރިއަށް ގެންދާނީ ތަހުގީގު މަރުހަލާގައި
އޭސީސީން ބުނީ، ތަހުގީގުކުރާ އިދާރާއެއްގެ ޕާފޯމަންސް ވަޒަންކުރާ ހަމައެކަނި މިންގަނޑު ބިނާވަނީ ތަހުގީގުކުރާ މައްސަލަތައް ޕީޖީ އޮފީހަށް ފޮނުވުމާ ނުފޮނުވުމުގެ މައްޗަށް ކަމަށް ދެކުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ.
"އޮޑިޓު ރިޕޯޓުން ދޭހަ ވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަހުގީގުކުރާނީތޯ ނުކުރާނީތޯ ނިންމާ މަރުހަލާ ހަރުދަނާ ނަމަ، ތަހުގީގުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ކުރެވޭނެ ކަމެވެ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކަކީ، އެ ފަރާތްތަކުގެ ކުރިމައްޗަށް ހުށަހެޅިފައިވާ މައްސަލާގައި ހިމެނޭ ކުށް ހަގީގަތުގައި ވެސް ހިނގާފައިވޭތޯ އާއި އެކަމުގެ ޒިންމާވާން ޖެހޭ ފަރާތްތަކަކީ ކޮބައިތޯ ދެނެގަނެ، ކަމުގެ ހަގީގަތް ހޯދުމަށް މަސައްކަތްކުރާ ބަޔަކަށް ވާއިރު، އެ މަސައްކަތް ކުރާ ފަރާތްތަކަކީ އެ މައްސަލައާ މެދު ދުރާލާ ވަކި އަތަކަށް ޖެހި، މައްސަލައިގައި ނުކުންނާނީ ވަކި ނަތީޖާއެއް ކަމަށް ނިންމައިގެން މަސައްކަތް ކުރެވޭނެ މީހުން ނޫން ކަމަށެވެ.
"މިއީ ތަހުގީގުކުރާ ފަރާތްތަކުގެ އެތިކަލް މިންގަނޑުތަކާ ހިލާފު ކަމެކެވެ،" ބަޔާނުގައިވެ އެވެ.
"ވީމާ، ވަޒަންކުރެވޭ ޝަކުވާތަކުގެ ތެރެއިން އިތުރަށް ތަހުގީގުކުރަން ނިންމާފައިވާ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައިވާ ކަމަށް ޖިނާއީ މިންގަނޑަކުން ސާބިތުކުރެވޭ މިންވަރަށް ހެކި ނެތް ނަމަ އެ މައްސަލައެއްގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށް ނިންމާ ނިންމުމުގެ މައްޗަށް ބިނާކޮށް، އެ މައްސަލައެއްގައި ކޮމިޝަނުން ކޮށްފައިވާ މަސައްކަތަކީ ބޭކާރު މަސައްކަތެއްކަން ދޭހަވާ ގޮތަށް ބުނެދިނުމަކީ ޖިނާއީ ތަހުގީގުގެ ވައްޓަފާޅި އާއި ތަހުގީގުގެ މިންގަނޑުތަކާއި ކަން ހިނގާ ގޮތާ މެދު ރަނގަޅަށް ހޭލުންތެރި ނުވެ ބުނެފައިވާ ބުނުމެކެވެ."
ކޮރަޕްޝަނުގެ އަމަލެއް ކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ތުހުމަތެއް އޮވެގެން މައްސަލައެއް ތަހުގީގުކުރުމާއި އެ މައްސަލައެއްގައި ދައުވާއެއް އުފުލުމަކީ ދެ މިންގަނޑަކުން ބެލޭ ދެ ކަމެއް ކަމަށް ވެސް އޭސީސީން ބުންޏެވެ. އެގޮތުން:
-
ކުށެއް ކުރި ކަމަށް ޝައްކު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރި ނަމަ އެ ކުށެއް ތަހުގީގުކުރެވިދާނެ ކަމަށް
-
ތުހުމަތުކުރެވޭ ކުށުގެ ދައުވާއެއް ކުރެވޭނީ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ހުރެގެން ކަމަށް
-
މައްސަލައެއް ތަހުގީގުކުރަން ނިންމާއިރު އެ މައްސަލައިގައި ދައުވާއެއް ކުރެވޭ ވަރަށް، އެ މިންގަނޑަށް ހެކި ހުރިތޯ ނޫންތޯ ކަނޑައެއް ނޭޅޭނެ ކަމަށް
-
އެކަން ކަނޑައެޅޭނީ ތަހުގީގު ފުރިހަމަކުރުމަށް ފަހު ކަމަށް
"މުޅި އޮޑިޓް ރިޕޯޓުން ފާހަގަކުރެވެނީ، މައްސަލަ ބެލި ނަމަވެސް ދައުވާއެއް ނުއުފުލޭ ނަމަ ދެން ކޮމިޝަނުން އަދާކުރާ އެއްވެސް މަސްއޫލިއްޔަތަކީ އަހައްމިޔަތެއް ދޭން ޖެހޭ މަސްއޫލިއްޔަތެއް ނޫން ގޮތަށެވެ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ކޮރަޕްޝަންގެ ތުހުމަތު ކުރެވި ދައުވާ ނުކުރި ނަމަވެސް، އެފަދަ އެތައް މައްސަލައެއްގައި ދައުލަތަށް ގެއްލުން ލިބުމުގެ ފުރުސަތު އޮތް އެތައް ކަމެއް ހުއްޓުވައި މުއައްސަސާތަކުގެ ހިންގުން ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ލަފާ ދީފައިވާނެ ކަމަށެވެ.
ކޮމިޝަނުން ހުއްޓުވި ކަންކަމުގެ ތެރޭގައި ފާހަގަކުރީ:
-
ސިނަމާލެ ބްރިޖު ސަރަހައްދުގައި ނިއުޕޯޓުގެ ފަރާތުން އިމާރާތްކޮށްފައިވާ 'ޗާޓައިމް' އެ ތަނުން ނެގުމުގެ ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ ނިއުޕޯޓަށް ދޫކުރުމުގެ މައްސަލަ
-
މެޝިން ރީޑަބަލް ލައިސެންސް ޕްލޭޓު ތައްޔާރުކުރުމާ ގުޅޭ މައްސަލަ
އޮޑިޓުގެ ސާމްޕަލް ސައިޒަކީ 23 މައްސަލަ
އޭސީސީން ބުނީ އޮޑިޓުގެ މުއްދަތުގައި އެ ކޮމިޝަނުން 7113 މައްސަލަ ރަޖިސްޓްރީކޮށްފައި ވިޔަސް، އޭގެ ތެރެއިން އޮޑިޓަށް ނެގީ 23 މައްސަލަ ކަމަށެވެ. އެހެންކަމުން، އެއީ ކޮމިޝަނުގެ ޕާފޯމަންސަށް ޖުމްލަކޮށް ބަސް ބުނެވޭ ވަރުގެ ސާމްޕަލް ސައިޒެއް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭސީސީން ބުންޏެވެ.
އޮޑިޓުގެ ސާމްޕަލް ސައިޒުގެ ގޮތުގައި ނަގާފައިވާ މައްސަލަތައް ދެނެގަތުމަށް އެ މައްސަލަތަކުގެ މައުލޫމާތު ކޮމިޝަނާ ހިއްސާކޮށްދިނުމަށް އެދުނު ނަމަވެސް އެ މައުލޫމާތު އޮޑިޓު އޮފީހުން ނުދޭ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޮޑިޓު ރިޕޯޓުން ދޭހަ ވަނީ، ޝަކުވާ ވަޒަންކޮށް އިތުރަށް ތަހުގީގުކުރާނީތޯ ނުކުރާނީތޯ ނިންމާ މަރުހަލާ ހަރުދަނާ ނަމަ، ތަހުގީގުކުރަން ނިންމާ ކޮންމެ މައްސަލައެއްގައި ދައުވާއެއް ކުރެވޭނެ ކަމެވެ.
އޭސީސީން ބުނީ އެ ކޮމިޝަނުގެ ޕާފޯމަންސް ރަނގަޅަށް ވަޒަން ކުރާ ނަމަ، ކޮމިޝަންގެ ގާނޫނީ ޒިންމާތަކާއި އެ ކަންކަމުގައި ހުރި ގޮންޖެހުންތަކަށާއި ތަހުގީގާ ގުޅިގެން ހޯދަންމޖެހޭ ލިޔެކިއުން ހޯދުމަށާއި މީހުން ހާޒިރުކޮށް ބަޔާން ނެގުން ފަދަ ކަންކަމުގައި ހުރި ދަތިތަކަށް ވެސް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އަދި ތަހުގީގުތަކުން ފެންނަ ކަންތައްތަކާއި ދިރާސާތަކުން ފެނި ކޮރަޕްޝަނަށް އޮންނަ ފުރުސަތު ކުޑަކުރުމުގެ ގޮތުން އިދާރާތަކަށް އަންގާ އެންގުންތަކަށް އެ ފަރާތްތަކުން އަމަލުކުރާ ގޮތާއި ކޮމިޝަނަށް އެއްބާރުލުން ލިބޭތޯ ނުވަތަ ނުލިބޭތޯ ވެސް ބަލަން ޖެހޭނެ ކަމަށެވެ.
"މި ކަންކަމަށް އޮޑިޓުގައި ރިއާޔަތް ކޮށްފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
'އޮޑިޓުގެ ސްކޯޕް ބަދަލުކުރީ ނާންގާ'
އޭސީސީން ބުނީ އޮޑިޓުގައި ބަލާފައި ވަނީ ޖެނުއަރީ 2015 އިން ޖުލައި 2020ގެ ނިޔަލަށް އެ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ގޮތް ކަމަށް ވާއިރު، އެ ކޮމިޝަނުގެ މި ދައުރުގެ މެމްބަރުން އައްޔަންކޮށްފައި ވަނީ 9 ސެޕްޓެންބަރު 2019ގައި ކަމަށެވެ.
އެހެންކަމުން، އޮޑިޓުގައި ބެލި މުއްދަތުގެ ހަތަރު އަހަރާއި އަށް މަސްދުވަހަކީ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުގައި ތިބި މުއްދަތެއް ނޫންކަން އޭސީސީން ފާހަގަކުރި އެވެ. އޮޑިޓުގައި ބަލާފައިވާ މުއްދަތުގައި މި ދައުރުގެ މެންބަރުކަމުގެ މުއްދަތުން ހިނގާފައި ވަނީ 10 މަސްދުވަހެވެ.
އޭސީސީން ބުނީ އޮޑިޓު ފެށުމަށް އޮޑިޓް އޮފީހުން އެ ކޮމިޝަނާ އެކު ބޭއްވި ބައްދަލުވުމުގައި އޮޑިޓުގެ ސްކޯޕު ނުވަތަ އޮޑިޓުކުރާ މުއްދަތު ކަމަށް ބުނީ 2015 އިން ފެށިގެން 2019ގެ ނިޔަލަށް ކަމަށެވެ.
"އެހެންކަމުން، އޮޑިޓުގެ ސްކޯޕް ބަދަލުކޮށް، 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކޯޕު ފުޅާކޮށްފައި ވަނީ ކޮމިޝަނާ މަޝްވަރާކޮށް އެއްބަސްވި ގޮތާ ހިލާފަށްކަން ފާހަގަކުރަމެވެ،" ބަޔާނުގައި ބުންޏެވެ.
އޭގެ އިތުރުން:
-
މި ދައުރުގެ 10 މަސްދުވަހުގެ ތެރެއިން ހަތަރު މަސް ދިޔައީ ކޮވިޑުގެ ލޮކްޑައުންގައި
-
ސަރުކާރު އޮފީސްތައް ބަންދުވުމުން ތަހުގީގަށް ބޮޑެތި ހުރަސްތަކެއް އެޅުނު
-
ތަހުގީގަށް މީހުން ހާޒިރުކުރުން މުޅިން ހުއްޓުނު
-
އަތޮޅުތެރެއަށް ދަތުރެއް ނުކުރެވުނު
"ނަމަވެސް، މި ދެންނެވި ދުވަސްތަކުގެ މަސައްކަތު ޕާފޯމަންސް ބެލިއިރުގައި މި އިން އެއްވެސް ކަމަކަށް އޮޑިޓުގައި ރިއާޔަތްކޮށްފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގައިވެ އެވެ.
'ބޮޑު ހިޔާނާތަށް އޮފިސަރުން ހުސްކުރުމުން ދިމާވީ ގޮންޖެހުން'
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ނުނިމުމަކީ އޭސީސީއަށް ފާޑުކިޔުން އަމާޒުވެފައިވާ އެންމެ ބޮޑު އެއް ސަބަބެވެ. އަދި އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފެށި ސަބަބުތަކުގެ ތެރޭގައި ވެސް ހިޔާނާތުގެ ތަހުގީގު ލަސްވުން ހިމެނެ އެވެ.
ނަމަވެސް، އޭސީސީން މިއަދު ބުނީ ކޮމިޝަނުގެ މި ދައުރު ފަށައި އާ މެމްބަރުން އައްޔަންކުރުމާ އެކު އެ މައްސަލަ ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ފެށި ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ގެންދިއުމަށް، މައްސަލައިގެ ތަހުގީގަށް ކޮމިޝަނުގެ ހަތް އިންވެސްޓިގޭޓަރަކު ހާއްސަކުރި ކަމަށެވެ.
އޭސީސީން ބުނީ ބޮޑު ހިޔާނާތުގެ ތަހުގީގަށް ހާއްސަކުރީ ކޮރަޕްޝަނުގެ މައްސަލަތައް ބަލައި ތަހުގީގުކުރުމުގެ ހުނަރާއި ތަޖުރިބާ ހުރި މުވައްޒަފުން ކަމަށާއި އެ މުވައްޒަފުން އެއް މައްސަލައަށް ހާއްސަކުރުމުން، ކޮމިޝަނުން ބަލަމުން ދިޔަ ބޮޑެތި އެހެން މައްސަލަތަކުގެ ތަހުގީގުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.
އޭސީސީގެ ޝަކުވާއަކަށް ވީ އެ ކަންކަމަށް އޮޑިޓުގައި އެއްވެސް ވަރަކަށް ރިއާޔަތްކޮށްފައި ނުވުމެވެ.
އޭސީސީން އިތުރަށް ފާހަގަކުރި ކަންކަން:
-
އެންޓި-ކޮރަޕްޝަން ޕޮލިސީއެއްގެ މަސައްކަތް ނިންމައި އާންމުކޮށްފައި ވީ ނަމަވެސް، އެ ކަންކަމަށް އޮޑިޓުގައި ރިއާޔަތްކޮށްފައި ނުވުން
-
ކޮރަޕްޝަން ހުއްޓުވުމުގެ ދާއިރާ އިން ކޮމިޝަނުން ކޮށްފައިވާ މުހިންމު އެތައް ކަމެއް ފާހަގަނުކުރުން
-
އެކަށީގެންވާ އަދަދަށް މުވައްޒަފުން ނެތުމުން ދިމާވާ މައްސަލަތަކަށް ރިއާޔަތް ނުކުރުން
-
ކޮމިޝަނުގެ ޕާފޯމަންސަށް މި ހިނގާ ދައުރުގައި އައި ބަދަލު އެނގެން ނެތުން
-
މިހާރު ވެސް އިސްލާހުކުރުމަށް ކޮމިޝަނުން ކުރަމުން އަންނަ ނުވަތަ އިސްލާހުކޮށްފައިވާ މަސައްކަތްތަކެއް އަލުން އިސްލާހުކުރަން ލަފާ ދީފައި ވަނީ ކޮން އަސާސެއްގެ މައްޗަށް ބިނާކޮށްފައިކަން ނޭނގުން
އޭސީސީގެ މަސައްކަތްތައް:
-
2018: 532 މައްސަލަ ނިންމައި ދައުވާކުރަން ފޮނުވީ ހަތް މައްސަލަ
-
2019: 710 މައްސަލަ ނިންމައި ދައުވާކުރަން ފޮނުވީ ތިން މައްސަލަ
-
2020: 961 މައްސަލަ ނިންމައި ދައުވާކުރަން ފޮނުވީ 15 މައްސަލަ
-
2021ގެ މިހާތަނަށް: 761 މައްސަލަ ނިންމައި ދައުވާކުރަން ފޮނުވީ 22 މައްސަލަ
އެނގުން މުހިންމު - އޮޑިޓަށް ފަހު، އޭސީސީގެ ހުރިހާ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މަޖިލީހުގެ ކޮމިޓީން ވަނީ ރަސްމީކޮށް ފަށައިފަ އެވެ. އަދި އޭސީސީގައި މިހާރު ތިބެއްވި ތިން މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، އެ ކޮމިޝަންގެ ބެލެނިވެރިކަމުގެ ހައިސިއްޔަތު ލިބިފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ހަވީރު ވަނީ ނިންމާފަ އެވެ.
އިތުރަށް ކިޔާލަން -