އޭސީސީގެ އޮފީސް: އޭސީސީގެ ހިންގުން ދޯދިޔާވެފައިވާ މިންވަރު އޮޑިޓުން ހާމަވޭ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އޭސީސީން މައްސަލައެއް ނިންމަން 11 މަސް؛ ޕީޖީއަށް ފޮނުވެނީ %1 މައްސަލަ
އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލައެއް ތަހުގީގުކުރުމަށް އެވްރެޖުކޮށް 11 މަސް ނަގާ ކަމަށާއި ބަލައި ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވެނީ %1 މައްސަލައިގައި ކަމަށް އޭސީސީގެ މަސައްކަތާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ޕާފޯމަންސް އޮޑިޓަކުން ހާމަވެއްޖެ އެވެ.
ބުނީ ކީކޭ؟ - ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެދިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި އެ ރިޕޯޓު މަޖިލީހުން މިއަދު އާންމުކުރި އިރު އެ ރިޕޯޓުގައި އޭސީސީގެ މަސައްކަތްތަކާ މެދު ފާހަގަކޮށްފައި ހުރި މައިގަނޑު މައްސަލަތަކަކީ:
-
މައްސަލަތަކުގެ ތަހުގީގު ވަރަށް ބޮޑަށް ލަސްވެގެން ދިޔުން
-
ކޮމިޝަނަށް ލިބޭ ޝަކުވާތައް ބެލުމުގެ ނިޒާމު ދޯހަޅިވުން
-
ކޮރަޕްޝަންގެ މައްސަލަތަކުގައި ޝަރުއީ ދާއިރާ އިން ނަތީޖާ ނުނެރެވުން
ތަފްސީލް - ޕާފޯމަންސް އޮޑިޓުގައި ފާހަގަކުރި ގޮތުގައި، 1 ޖަނަވަރީ 2015 އިން 31 ޖުލައި 2020އަށް ކޮމިޝަނުގައި 7،113 މައްސަލަ ރަޖިސްޓްރީކުރި އިރު، 31 ޖުލައި 2020ގެ ނިޔަލަށް ނިމިފައި ވަނީ 5،476 މައްސަލަ އެވެ. އެއީ %77 މައްސަލަ އެވެ. އެ މައްސަލަތައް ނިންމި ގޮތް ކަމަށް ރިޕޯޓުގައި ބުނެފައި ވަނީ:
-
61% މައްސަލަ - ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވޭ
-
10% މައްސަލަ - ނުބަލާ ދޫކޮށްލި
-
5% މައްސަލަ - އެހެން އިދާރާތަކަށް ފޮނުވަން ނިންމި
-
1% މައްސަލަ - ދައުވާ ކުރަން ޕީޖީއަށް ފޮނުވި
-
6341 އެންގުން - އިސްލާހުކުރަން ދައުލަތުގެ އިދާރާތަކަށް ދިން ލަފާ
އޮޑިޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2019 އަދި 2020ގައި އޭސީސީން ނިންމި މައްސަލަތަކުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ. އެގޮތަށް ދިމާވި ސަބަބެއް ކަމަށް އޮޑިޓަށް ފާހަގަވެފައި ވަނީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ފުރިހަމަކޮށް ނިންމުމުގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކޭސްތައް ބަލަހައްޓަމުން ގޮސްފައި ނުވުމެވެ.
އެހެންވުމުގެ ސަބަބުން ރަޖިސްޓްރޭޝަން މަރުހަލާއަށް ފަހު ޝަކުވާ ވަޒަންނުކުރެވި ގިނަ އަދަދެއްގެ ކޭސްތައް ހުރިކަން ވެސް އޮޑިޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، 30 ސެޕްޓެންބަރު 2020ގެ ނިޔަލަށް ކޮމިޝަނުގައި ރަޖިސްޓަރީކޮށްފައިވާ ކޭސްތަކުގެ ތެރެއިން ވަޒަންކުރަން ފެށިފައި ނުވާ 329 ޝަކުވާ އޮތްކަން ފާހަގަވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރަށް، ޝަކުވާ އެސެސްކުރުމުގެ މަސައްކަތް ކުރުމުގައި ތިން މުވައްޒަފުން ތިބުމުގެ ސަބަބުން ކޮންމެ މުވައްޒަފަކަށް އެވަރެޖްކޮށް 110 ކޭސް އިވެލުއޭޓް ކުރަން ޖެހިފައިވާ ކަމަށް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
އޮޑިޓަށް ސާމްޕަލް ނަގާފައިވާ 76 ކޭހުގެ ތެރެއިން ތަހުގީގު މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ފުރިހަމަ ތަހުގީގު ކުރުމަށް އެވަރެޖްކޮށް 321 ދުވަސް ނުވަތަ 11 މަސް ފާއިތުވެފައިވާ ކަމަށް އޮޑިޓުގައި ފާހަގަކުރި އެވެ. އަދި ތަހުގީގު ނުނިމި ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައިވާ 400އަށް ވުރެ ގިނަ ކޭސް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
އިންވެސްޓިގޭޓަރުންނަށް ބުރަ ބޮޑު
އޮޑިޓުގައި ބުނެފައި ވަނީ، ކޮމިޝަންގައި މަސައްކަތް ކުރާ ކޮންމެ އިންވެސްޓިގޭޓަރަކަށް އެވަރެޖްކޮށް 29 ކޭސް ހަވާލުކޮށްފައިވާ ކަމަށެވެ. އިންވެސްޓިގޭޓަރަކަށް ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީހުކުރަން ޖެހިފައި ވަނީ މުވައްޒަފުންގެ ދަތިކަމުގެ ސަބަބުންނާއި ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ފުރިހަމަކޮށް ނިންމުމުގައި ހަރުދަނާ ނިޒާމެއްގެ ދަށުން ކޭސްތައް ބެލެހެއްޓިފައި ނުވާތީ ކަމަށް އޮޑިޓުގައިވެ އެވެ.
އޮޑިޓުގައި ބުނީ، އިންވެސްޓިގޭޓަރުންނަށް އޮތް ބުރައިގެ ސަބަބުން މައްސަލަތައް ނިންމާ އަދަދު އިތުރުވަމުން ނުދާ ނަމަ ނުނިމި ހުރި މައްސަލަތައް އެއް އަހަރުން އަނެއް އަހަރަށް އިތުރުވެ، ފުނިޖެހުމުގެ ޖާގަ އެބަ އޮތް ކަމަށެވެ.
އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޝަކުވާ ހުށަހެޅުމުން މައްސަލަ ވަޒަންކުރާ ޕްރިމިލިނަރީ އިވެލުއޭޝަން މަރުހަލާ ހަރުދަނާ ކުރުން ކަމަށް ވެސް ރިޕޯޓުގައިވެ އެވެ. މީގެ އިތުރަށް، އެކަށީގެންވާ ގޮތުގައި އިންވެސްޓިގޭޓަރުންނަށް އިރުޝާދު ދެވިފައި ނުވާ ކަމާއި ތައުލީމާއި ތަޖުރިބާ ވެސް ހޯދައި ދެވިފައި ނުވާ ކަމަށް ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން، އޮޑިޓަށް ހެދި ސާވޭގައި ބައިވެރިވި %61 އިންވެސްޓިގޭޓަރުން ބުނެފައި ވަނީ އެހީތެރިކަމާއި އިރުޝާދު ނުލިބޭ ކަމަށެވެ.
ޕީޖީއަށް ފޮނުވާ މައްސަލަތަކަށް ވެސް ދިގު މުއްދަތެއް
އޮޑިޓުގައި ފާހަގަކުރި އަނެއް ކަންބޮޑުވުމަކީ އޭސީސީން ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ގޮތެއް ނިންމަން ލަސްވުމާއި ތަހުގީގުތައް ކޮށްފައި ހުންނަ ގޮތުން އަނބުރާ ފޮނުވާލަން ޖެހޭ ކޭސްތައް ގިނަވެފައިވުމެވެ.
އެގޮތުން ރިޕޯޓުގައި ބުނަނީ:
-
ތަހުގީގު ނިންމުމަށް ފަހު ދައުވާކުރުމަށް ޕީޖީގެ އޮފީހަށް ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 12 މައްސަލަ ނުވަތަ %48 މައްސަލަ ދައުވާ އުފުލަން ނިންމާފައިވޭ
-
13 މައްސަލަ ނުވަތަ %52 މައްސަލަ އަނބުރާ ފޮނުވާލާފައިވޭ
-
މައްސަލަތައް އަނބުރާ ފޮނުވާލައިފައި ވަނީ، ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތުކުރެވޭ ކުށް ކޮށްފައިވާ ތާރީހާއި ތަހުގީގު ފުރިހަމަކުރުމާ ދެމެދު ދިގު މުއްދަތެއް ހިނގާފައިވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއް ކޮށް ކުށް ސާބިތުވާ މިންވަރަށް ހެއްކާއި ގަރީނާ ލިބިފައި ނުވާތީ
-
އޮޑިޓަށް ސާމްޕަލް ނެގި 25 މައްސަލައިގެ ތެރެއިން 23 މައްސަލައަށް ގޮތެއް ނިންމުމަށް ޕީޖީގެ އޮފީހުން އެވްރެޖްކޮށް 91 ދުވަސް ހޭދަވެފައިވޭ