އޭސީސީގެ މެމްބަރުން މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި. (ފޮޓޯ/މަޖިލިސް)

އޭސީސީ

އޭސީސީގެ މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ކޮމިޓީގެ މުގައްރިރު ރޮޒައިނާ ވިދާޅުވީ، އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވުމަށް ދިން މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ހުށަހެޅި ބަޔާންތަކުގައި އާ ވާހަކަތަކެއް ނެތް ކަމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިހާރު ތިބެއްވި ތިން މެންބަރުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް، އެ ކޮމިޝަންގެ ބެލެނިވެރިކަމުގެ ހައިސިއްޔަތު ލިބިފައިވާ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ނިންމައިފި އެވެ.

އެނގުން މުހިންމު - އޭސީސީގެ މެންބަރުން ވަކިކުރުމުގެ މަރުހަލާ، މަޖިލިސް ޗުއްޓީގައި އޮއްވާ ފެށީ، އެ ކޮމިޝަނުން އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ އެވެ. އެ މަރުހަލާ ފެށީ، އޮޑިޓް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓް އެ ކޮމިޓީއާ ހިއްސާކުރި ފަހުންނެވެ.

ތަފްސީލު - މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދު (ހަސަންޓޭ) ހުށަހެޅުއްވީ، އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން ފާސްކޮށް، އެ ނިންމުން ތަޅުމަށް ފޮނުވުމަށެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލަތް) އެވެ.

އެ ހުށަހެޅުން ފާސްވީ، އެމްޑީޕީގެ ފަސް މެންބަރުންގެ ވޯޓުންނެވެ.

އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮމިޓީގެ މެންބަރުންނަށް އެ ބަޔާންތައް ކިޔާލަން އެކަށީގެންވާ ވަގުތު ދޭން ޖެހޭ. ތިން ގަޑިއިރަކީ އެ ލިޔުންތައް ދިރާސާކޮށް ކިޔާލެވޭނެ ވަގުތެއް ނޫން.

ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް

'21 ސަފުހާގެ ބަޔާންތަކެއް؛ ދިރާސާކުރަން ވަގުތު ބޭނުންވޭ'

އޭސީސީގެ ތިން މެންބަރުން ހުށަހެޅުއްވި ބަޔާންތަކުގައި ކޮންމެ މެންބަރަކު 21 ސަފްހާގެ ބަޔާނެއް ހުށަހަޅުއްވާފައިވެ އެވެ. އެ ބަޔާންތައް ދިރާސާ ނުކޮަށް، އަވަސް އަރުވާލައިގެން ވަކިކުރުމުގެ މަރުހަލާ ކުރިއަށް ގެންދާތީވެ، އެމްޑީޕީއަށް ނިސްބަތް ނުވާ ދެ މެންބަރުން ކޮމީޓީގައި ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އަޅުގަނޑުމެން ދިނިން ފަސް ދުވަސް ޖަވާބުދާރީވާން. ވަގުތު ހަމަވި ފަހުން ހުށަހެޅީ. އެ ހިސާބުން ވެސް އެނގޭ އޭސީސީގެ [މެންބަރުންގެ] ކަންކަން ގޮސްފައިވާ ހިސާބު. މިއީ އެހެންވީމަ ވެލިޑް އެއްޗެއްގެ ގޮތުގައި ނުފެނޭ.

ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސް، ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ، ބަޔާންތައް ލިބުނީ މިއަދު މެންދުރު 1:30 ވީ ފަހުން ކަމަށެވެ. އޭގެ ތިން ގަޑިއިރު ފަހުން ކޮމިޓީގެ ބައްދަލުވުން ބޭއްވުމުން ބަޔާންތައް ދިރާސާކުރަން ވަގުތު ނުލިބޭކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ކޮމިޓީގެ މެންބަރުންނަށް އެ ބަޔާންތައް ކިޔާލަން އެކަށީގެންވާ ވަގުތު ދޭން ޖެހޭ. ތިން ގަޑިއިރަކީ އެ ލިޔުންތައް ދިރާސާކޮށް ކިޔާލެވޭނެ ވަގުތެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީން ފާސްކުރީ އޭސީސީގެ ތިން މެންބަރުން މަގާމުން ވަކިކުރަން. (ފޮޓޯ/މަޖިލިސް)

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު ވެސް އުޝާމްގެ އެ ވާހަކަތަަކަށް ތާއީދުކުރެއްވި އެވެ. އޭނާ ހުށަޅުއްވީ:

  • ބަޔާންތައް ދިރާސާކުރަން ތިން ދުވަހުގެ މުއްދަތެއް ދިނުމަށް

  • މެންބަރު ހަސަން އަހްމަދު ހުށަހެޅުއްވި ހުށަހެޅުން ކުރިން ފާސްވުމުން، އަލީ ހަމީދުގެ ހުށަހެޅުމަށް ވޯޓަކަށް ނާހާ

'ޖަވާބު ދިނީ ވަގުތު ހަމަވި ފަހުން؛ އާ ވާހަކައެއް ނެތް'

އޭސީސީގެ މެންބަރުންނަށް ޖަވާބުދާރީވުމަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވީ މިއަދު ހެނދުނު 10ގަ އެވެ. ކޮމިޓީގެ މުގައްރިރު، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އެ ބަޔާންތައް ހުށަހަޅާފައި ވަނީ ވަގުތު ފާއިތުވެ ދިޔަ ފަހުން ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • އޭސީސީގެ ތިން މެމްބަރުން ވަކި ވަކިން ފޮނުއްވި ބަޔާންތައް ލިބުނީ 10:03، 10:08 އަދި 10:11ގައި 

  • މަޖިލީހުން ލިޔުންތައް ޕްރޮސެސްކޮށް ސެކްރެޓޭރިއެޓުން މުގައްރިރަށް ލިޔުންތައް ފޮނުވީ 12:05ގައި 

  • ލިޔުންތައް ޗެކްކުރުމަށް ފަހު ކޮމިޓީގެ މެމްބަރުންނަށް ފޮނުވީ 1:36ގައި

މިއަދުގެ ބައްދަލުވުމުގައި ރޮޒައިނާ އާދަމް. (ފޮޓޯ/މަޖިލިސް)

ކޮމިޓީގެ ބައްދަލުވުމުގައި މެންބަރު އަހްމަދު ހަލީމް ވިދާޅުވީ، ސުންގަޑި ހަމަވި ފަހުން ޖަވާބު ހުށަހަޅާފައި ވުމުން "އެ ލިޔުންތައް ބަލައިގަންނާކަށް ނުޖޭހޭ" ކަމަށެވެ.

"އަޅުގަނޑުމެން ދިނިން ފަސް ދުވަސް ޖަވާބުދާރީވާން. ވަގުތު ހަމަވި ފަހުން ހުށަހެޅީ. އެ ހިސާބުން ވެސް އެނގޭ އޭސީސީގެ [މެންބަރުންގެ] ކަންކަން ގޮސްފައިވާ ހިސާބު. މިއީ އެހެންވީމަ ވެލިޑް އެއްޗެއްގެ ގޮތުގައި ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި، އެ ބަޔާންތަކުގައި ހުރީ ކުރިން ވެސް އޭސީސީގެ މެންބަރުން ކޮމިޓީއަށް ވަޑައިގެން ދެއްކެވި ވާހަކަތަކެވެ. އޭގައި "އާ ވާހަކަތަކެއް ނެތް" ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އެގޮތުން، އެ ބަޔާންތަކުގައި ހުރި ކަމަށް ރޮޒައިނާ މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވި ކަންކަމަކީ:

  • ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ދިމާވި ގޮންޖެހުންތައް

  • ބަޖެޓުގެ ދަތިކަން

  • އެކަށީގެންވާ މިންވަރަށް މުވައްޒަފުން ނެތުން

  • ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން

"މި ހުރިހާ ވާހަކަތަަކަކީ ވެސް، މީގެ ކުރީގައި ކޮމިޓީގައި ވާހަކަ ދެކެވި އަދި މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ހިޔާލުތައް ވެސް ކޮމިޝަނާ ހިއްސާކުރެވިފައިވާ ވާހަކަތަކެއް،" ރޮޒައިނާ ވިދާޅުވި އެވެ.

"ޕީޖީއާ ގުޅޭ ގޮތުން ހުރި ވާހަކަތަކަކީ، ކުރިން ވެސް އެ ވާހަކަ ހިއްސާކުރުމުން ޖުޑީޝަރީ ކޮމިޓީއަށް އެކަން ބެލުމަށް ސިޓީ ފޮނުވާނެކަމަށް ވާނީ ދަންނަވާފައި."

އެނގުން މުހިންމު - ކޮމިޓީގެ ނިންމުމާ މެދު ދެން ގޮތެއް ނިންމާނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ. މަޖިލިސް މިހާރު ޗުއްޓީގައި އޮތް އިރު، ޗުއްޓީ ނިމުމުގެ ކުރިން ކޮމިޓީގެ ނިންމުމާ މެދު ގޮތެއް ނިންމާ ނަމަ ޖެހޭނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާށެވެ. އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމީ ވެސް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެންނެވެ.

މި ހުރިހާ ވާހަކަތަަކަކީ ވެސް، މީގެ ކުރީގައި ކޮމިޓީގައި ވާހަކަ ދެކެވި އަދި މިކަމާ ގުޅޭ ގޮތުން ކޮމިޓީގެ ހިޔާލުތައް ވެސް ކޮމިޝަނާ ހިއްސާކުރެވިފައިވާ ވާހަކަތަކެއް.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް

އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި އޭސީސީގެ ޕާފޯމަންސް އޮޑިޓުން އެނގުނު ގޮތުގައި، މައްސަލައެއް ތަހުގީގުކުރުމަށް އޭސީސީން އެވްރެޖުކޮށް 11 މަސް ނަގަ އެވެ. އަދި ބަލާ ނިންމާ މައްސަލަތަކުގެ ތެރެއިން ދައުވާ ކުރަން ޕީޖީގެ އޮފީހަށް ފޮނުވެނީ %1 މައްސަލަ އެވެ.

އޭސީސީގެ ދެ މެމްބަރަކު މި ފަހުން އިސްތިއުފާ ދެއްވާފައި ވާތީ، އެ ކޮމިޝަންގައި މިހާރު ތިއްބެވީ ތިން މެމްބަރުންނެވެ. އެއީ:

  • މަރިޔަމް ޝިއުނާ - ރައީސް

  • ފާތުމަތު އަނޫލާ - ނައިބު ރައީސް

  • އައިޝަތު އަބްދުﷲ

އިތުރު އާޓިކަލް

އިތުރު އާޓިކަލް