މާރާމާރީއާ ގުޅިގެން ފުލުހުން ރޭ ބަލައި ފާސްކުރި ގެއެއްގެ ބޭރު.

ޒަޔާންގެ މަރު

ފޭދޫގައި މީހަކު މަރާލި މައްސަލައިގައި އިތުރު ކުޑަކުއްޖަކު ހައްޔަރުކޮށްފި

ރޭ ހައްޔަރުކުރި 16 އަހަރުގެ ކުއްޖާ ވަނީ 10 ދުވަހަށް ބަންދުކޮށްފައި

އައްޑޫގައި މިދިޔަ ހަފްތާގައި ޒުވާނަކު މަރާލި މާރާމާރީއާ ގުޅިގެން ތުހުމަތުކުރެވޭ އިތުރު ކުޑަކުއްޖަކު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ލިބުނު ސީރިއަސް ޒަހަމްތަކަކާ ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.  

އެ މައްސަލައިގެ ތުހުމަތުގައި ރޭ ފޭދޫން ވަނީ 16 އަހަރުގެެ ކުޑަ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފަ އެވެ.

ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވީ، އެ މައްސަލައާ ގުޅުންހުރި އިތުރު ކުއްޖަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން މިރޭ ހައްޔަރުކުރީ 15 އަހަރުގެ ކުއްޖެކެވެ.

އައްޑޫގައި ރޭ ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21

ތަރުޖަމާނު ވިދާޅުވީ ރޭ ހައްޔަރުކުރި 16 އަހަރުގެ ކުއްޖާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށެވެ.

އޭގެ އިތުރުން، ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ރޭ ތިން މީހަކު ހައްޔަރުކުރި އެވެ. އެއީ:

  • 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއް

  • އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަސް ދީފައިވޭ

އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގުން މުހިންމު - މި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މައްސަލަ ޖެހިފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދު އެވެ.

މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކޮށް، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދިނުމަށް ކައުންސިލުން ގޮވައިލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް