މާރާމާރީއާ ގުޅިގެން ފުލުހުން ރޭ ބަލައި ފާސްކުރި ގޭގެ ބޭރު.

ޒަޔާންގެ މަރު

ފޭދޫ މާރާމާރީގައި މީހަކު މަރުވި މައްސަލައިގައި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ރަށުތެރޭގެ އަމަން ނަގާލުމަށް އުޅޭކަމުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކުރި

އައްޑޫގައި މިދިޔަ ހަފްތާގައި ޒުވާނަކު މަރާލި މާރާމާރީއާ ގުޅިގެން ތުހުމަތުކުރެވޭ 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭ ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ފޭދޫގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި މާރާމާރީގައި ލިބުނު ސީރިއަސް ޒަހަމްތަކަކާ ގުޅިގެން އުމުރުން 21 އަހަރުގެ ޒުވާނަކު ވަނީ މަރުވެފަ އެވެ.

އައްޑޫން 'ދައުރު'އާ ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވާ ގޮތުގައި، މާރާމާރީ ހިންގި މީހުން ވަނީ އެ ހާދިސާ ހިންގުމަށް ފަހު ފިލައިފަ އެވެ.

ތަފްސީލް - ފުލުހުންގެ ތަރުޖަމާނަކު މިއަދު ވިދާޅުވީ، އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އައްޑޫގައި ރޭ ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން، 21.

އޭގެ އިތުރުން، ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ:

  • 18 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއް

  • އެނގިފައިވާ ގޮތުގައި، އެ މީހުން ހައްޔަރުކުރީ މާރާމާރީގައި ހިމެނޭ އެއް ގްރޫޕް ފޭދޫގައި ހަރަކާތްތެރިވާ ސަރަހައްދުގައި ހުރި ގެއެއްގެ ތެރެއިން

އެނގުން މުހިންމު - މި މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި އުފެދުނު ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުން ހުރި މާރާމާރީއެއްކަން އެނގިފައިވާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެ އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި، ބުދަ ދުވަހުގެ ރޭ މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މައްސަލަ ޖެހިފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގްރޫޕެއްގެ ދެމެދު އެވެ.

މާރާމާރީތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް މާރާމާރީ އިތުރުވެ ރަށުތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. އެހެންކަމުން، އެކަމުގައި ޝާމިލުވާ މީހުން ހައްޔަރުކޮށް، ރަށުތެރޭގައި އަމާންކަން ގާއިމުކޮށްދިނުމަށް ކައުންސިލުން ގޮވައިލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް