އައްޑޫ ފޭދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/އައްޑޫލައިވް)

ޒަޔާންގެ މަރު

އައްޑޫގައި ހިންގި ގްރޫޕު މާރާމާރީ މަސްތުވާތަކެއްޗާ ގުޅިފައި

އެނގިފައިވާ ގޮތުގައި ރޭގެ މާރާމާރީއަކީ ބަދަލު ހިފުމެއް

ރޭ ދަންވަރު އައްޑޫގައި ހިންގި މާރާމާރީއަކީ މަސްތުވާތަކެއްޗާ ވެސް ގުޅިފައިވާ މާރާމާރީއެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ -  ރޭ ދަންވަރު 3:10 ހާއިރު އައްޑޫ ފޭދޫގައި ހިންގި މާރާމާރީއެއްގައި 21 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ޒަހަމްކޮށްލާފައިވެ އެވެ. އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ ވަނީ މަރުވެފަ އެވެ.

ބުނީ ކީކޭ؟ - ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، ފޭދޫގެ މަގެއްގެ މަތީގައި ދަންވަރު ހިންގި އެ މާރާމާރީއަކީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ފެށި މާރާމާރީއެކެވެ.

"މި މާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެންނާއި މަސްތުވާތަކެއްޗާ ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވޭ،" ފުލުހުން ބުންޏެވެ.

އައްޑޫގައި ރޭ ހިންގި މާރާމާރީގައި ލިބުނު ޒަހަމްތަކުގެ ސަބަބުން މަރުވި މުހައްމަދު ޒަޔާން.

ފުލުހުން ބުނި ގޮތުގައި، މިހާތަނަށް އެކަމާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ފުލުހުން ގެންދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

'ދައުރު' އަށް އެނގިފައިވާ ގޮތުގައި، ރޭގައި މާރާމާރީ ހިންގީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފޭދޫގައި ހިންގި މާރާމާރީއެއްގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މައްސަލަ ޖެހިފައި ވަނީ ފޭދޫގެ ދެ ކޮޅުގައި އޮންނަ ދެ ގޭންގެއްގެ މެދުގަ އެވެ.

އެނގުން މުހިންމު - ދެ ގްރޫޕުގެ ދެމެދުގައި ހަމަނުޖެހުމެއް ހިނގި ކަމަށް ފުލުހުން ވެސް ބުނާއިރު، އަންގާރަ ދުވަހުގެ ރޭ ވެސް ފޭދޫގައި މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އެ ރޭ 19 އަހަރުގެ ޒުވާނެއްގެ ބޮލުގައި ދަނގަޑުބުރިއަކުން ޖަހައި ޒަހަމްކޮށްލި އެވެ. އޭނާ މިހާރުު ވަނީ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފަ އެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް