ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ): އަލީ ވަހީދަށް ޖާމިނުވެ، އިގުރާރާ ހިލާފުވެފައި ވާތީ އޭނާއަށް ފިޔަވަޅު އަޅާނެކަން ކްރިމިނަލް ކޯޓުން ވަނީ ނިންމާފައި. (ފޮޓޯ/ ރައީސް އޮފީސް)

އަލީ ވަހީދު

އަލީ ވަހީދު ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފިން؛ އަދަބު ނުދީ: އަސްހަދު

އަސްހަދު ވިދާޅުވީ އިމިގްރޭޝަންގެ ބަންދެއްގައި ހުރުމުން ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް އަލީ ވަހީދު ސިޓީއަކުން އަންގަވާފައިވާ ކަމަށް
2 ޑިސެމްބަރު 2021
1

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށާއި، އެހެންކަމުން އޭނާއަށް ފިޔަވަޅު އަޅަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް، އަލީ ވަހީދަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ކޯޓުގައި އެދިވަޑައިގެންފި އެވެ.

މައްސަލައިގެ ފެށުން - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރު މަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ ފެބުރުއަރީގަ އެވެ.

އެ އަމުރު ނެރެދިނީ:

  • އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުން 

  • ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވި ފަހުން ވެސް އެއްވެސް ޝަރީއަތަކަށް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވޭ

  • އަލީ ވަހީދު އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގައި

ކޯޓުގެ އެންގުން - އެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު އަސްހަދު ހާޒިރުކޮށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އަސްހަދަށް 72 ގަޑިއިރު ދެއްވައިފަ އެވެ. އެއީ އަސްހަދަށް ދިން ފަހު ފުރުސަތެވެ.

އެ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ނުދީފި ނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަން އެ ދުވަހު ގާޒީ އެންގެވި އެވެ. އެ މުއްދަތު ހަމަވި އިރު ވެސް އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ނޮވެމްބަރު 20ގައި ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ޖާމިނުވި އަސްހަދު އަލީ ވާހަކަދައްކަވަނީ.

ތަފްސީލް - އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލަށް އަސްހަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަލީ ވަހީދަށް ޖާމިނުވީ ހަތަރު މަހަށް ކަމަށާއި، އެހެންކަމުން ޖާމިނުވި މުއްދަތަކީ ހަތަރު މަސް ދުވަހުގެ މުއްދަތުގެ ގޮތުގައި ކަނޑައެޅިފައިވާ ކަމަށެވެ.

ނޮވެމްބަރު 18ގައި ބޭއްވި އަޑުއެހުމުގައި، ޖާމިނުވުމުގެ އިގުރާރާ އަސްހަދު ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އޭނާއަށް ފިޔަވަޅު އަޅަން ގާޒީ ހަސަން ސައީދު ނިންމެވި އިރު، ޖާމިނުވި މުއްދަތުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އެއްވެސް އެންގުމެއް ކޯޓުން އަންގާފައި ނުވާކަމަށް އަސްހަދުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަސްހަދު ވިދާޅުވީ، އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އެ ދުވަހު އޭނާއަށް 72 ގަޑިއިރު ދިނުމުން، ހަމަ އެ ދުވަހު އެކަން އީމެއިލް މެދުވެރިކޮށް 72 ގަޑިއިރު ތެރޭގައި ކޯޓަށް ހާޒިރުވާން އަލީ ވަހީދަށް އެންގެވި ކަމަށެވެ.

"ނަމަވެސް ޖަވާބުގައި އަލީ ވަހީދު ވިދާޅުވެފައިވަނީ އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގެ އިމިގްރޭޝަން ބަންދެއްގައި ކަމަށާއި، އެކަމުގެ ސަބަބުން އެ މުއްދަތުގައި ކޯޓަށް ހާޒިރުވެވެން ނެތް ކަމަށެވެ،" ސިޓީގައި ވިދާޅުވެފައިވެ އެވެ.ކުރީފ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާ އަދިވެސް ހުންނެވީ އިނގިރޭސިވިލާތުގައި. (ފައިލް ފޮޓޯ/ރައީސް އޮފީސް)

އަސްހަދު އިތުރަށް ވިދާޅުވީ:

  • އަލީ ވަހީދުގެ ސިޓީ ލިބުމާ ގުޅިގެން، ރާއްޖޭން އިނގެރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ފަރަހަނާޒް ފައިސަލަށް ވެސް ސިޓީއެއް ފޮނުއްވި ކަމަށް 

  • އެ ސިޓީގައި، ދިވެހި އެމްބަސީ މެދުވެރިކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް އެހީތެރިކަމަށް އެދިވަޑައިގެން ކަމަށް

  • އެހެންކަމުން، އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން ކްރިމިނަލް ކޯޓުން އެންގި ހިސާބުން، އެކަމުގައި އޭނާއަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާފައިވާ ކަމަށް

"އަޅުގަނޑު ޖާމިނުވެފައި އޮތީ ވެސް ހަތަރު މަސް ދުވަހުގެ މުއްދަތަށް ކަމަށްވެފައި، އެ މުއްދަތުގެ ތެރޭގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރުމަށް ކޯޓުން އަޅުގަނޑަށް އެއްވެސް އެންގުމެއް އަންގަވާފައި ނުވާތީ، މިކަމަށް ރިއާޔަތްކޮށްދެއްވާ އަޅުގަނޑާ މެދު ފިޔަވަޅު އެޅުއްވުމަށް ނިންމަވާފައިވާ ނިންމުން މުރާޖައާކޮށްދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި އަސްހަދު އެދިވަޑައިގެންފައިވެ އެވެ.

އޭގެ އިތުރުން، އަސްހަދަށް ފިޔަވަޅު އަޅަން ނިންމި ނިންމުމާ ގުޅިގެން، ގާނޫނީ ވަކީލެއްގެ އެހީތެރިކަމާ އެކު ކޯޓަށް ޖަވާބުދާރީވުމުގެ ފުރުސަތު ލިއްބައިދީ އަޑުއެހުމެއް ބާއްވައިދިނުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

ޖާމިނުވާ މީހާގެ އިގުރާރު:

  • ބަންދުގައި ހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން

  • އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން

  • ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރަން، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އެގޮތުން:

  • ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން 

  • ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން 

  • 15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން 

  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން 

ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައި ވަނިކޮށް، ޖާމިނުވި މީހާ އިގްރާރާ ހިލާފުވެއްޖެ ނަމަ، ނުވަތަ ބަންދުން ދޫކުރި މީހާ ފިލައިފި ނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެން ޖެހެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.

ގުޅުންހުރި ކަމެއް - އަލީ ވަހީދު ހާޒިރުކުރަން އަސްހަދަށް ދިން މުއްދަތު ހަމަވި އިރު، އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އިއްބެ

2 ޑިސެމްބަރު 2021
ޒަމްޒަމް ފެން ބޮވިގެންތަ ޖާމިނު ވީ! ރަނގަޅު ހަމަ އަދަބު ދޭންވީ! ސާފް ޗެންޕިއަންޝިޕް މީނަޔާ ހެދި ގެއްލުނު ކަމައް ރިއާޔަތް ކޮށް އަދަބު ބޮޑުވެސް ކުރަންވީ!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް