މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ޖާމިނުވި އަސްހަދު އަލީ ވާހަކަ ދައްކަވަނީ.
އަސްހަދަށް ދިން މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ހާޒިރެއް ނުކޮށްދިން
ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރަން، އޭނާއަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ)އަށް ދިން ތިން ދުވަހުގެ މުއްދަތު ހަމަވެއްޖެ އެވެ.
މައްސަލައިގެ ފެށުން - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރު މަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސްދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ ފެބުރުއަރީގަ އެވެ.
އެ އަމުރު ނެރެދިނީ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދޭނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުންނެވެ. ނަމަވެސް، އަލީ ވަހީދު ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވި ފަހުން ވެސް އެއްވެސް ޝަރީއަތަކަށް އޭނާ ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ.
ތަފްސީލް - އެ މައްސަލައިގައި މިދިޔަ އާދިއްތަ ދުވަހު އަސްހަދު ހާޒިރުކޮށް ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގައި، އެ މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އަސްހަދަށް 72 ގަޑިއިރު ދެއްވައިފަ އެވެ. އެއީ އަސްހަދަށް ދިން ފަހު ފުރުސަތެވެ.
އެ މުއްދަތުގައި އަލީ ވަހީދު ކޯޓަށް ހާޒިރުކޮށް ނުދީފި ނަމަ އަސްހަދަށް ފިޔަވަޅު އަޅާނެކަން އެ ދުވަހު ގާޒީ އެންގެވި އެވެ. އެ މުއްދަތު ހަމަވި އިރު ވެސް އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.
ބުނީ ކީކޭ؟ - ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާ 'ދައުރު'އަށް މިއަދު ވިދާޅުވީ، އަސްހަދަށް ފިޔަވަޅު އަޅަން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. ނަމަވެސް، މިއަދު އެ މައްސަލަ ތާވަލުކޮށްފައެއް ނުވެ އެވެ. މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ހުންނެވީ ވެސް ޗުއްޓީގައިކަން އެނގިފައިވެ އެވެ.
އެނގުން މުހިންމު - އެންމެ ފުރަތަމަ ކްރިމިނަލް ކޯޓުން ނިންމީ ޖާމިނުވުމުގެ ގަރާރާ ހިލާފުވެގެން އަސްހަދަށް ފިޔަވަޅެއް އެޅެން ނެތް ކަމަށެވެ. ނަމަވެސް އަސްހަދަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް މީގެކުރިން ހައި ކޯޓުން ކުރި ހުކުމެއްގައި ވެސް އޮތީ ބުނެފަ އެވެ. ހައި ކޯޓުން ބުނީ ޖާމިނުވުމެއްގެ ގާނޫނީ ސީރިއަސް ނަތީޖާއާ ކުރިމަތިލާން ނުޖެހޭކަން ދޭހަވާ ގޮތަށް ދައުލަތުން އަމަލުކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ، ގާނޫނުގައި ބަޔާންކުރާ ޖާމިނުވުމަކީ ކުޅިވަރަކަށް ވެ، ޖާމިނުވާ މީހާއަށް އޭނާ ބޭނުންހާ ކުޅިވަރެއް ކުޅުމަށް މިނިވަންކަމާ އެކު އުޅެވުން ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ބަސް - އެންމެ ފަހުން މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ގާޒީ ހަސަން ސައީދު ވިދާޅުވެފައިވަނީ، އަސްހަދާ މެދު ފިޔަވަޅު އެޅުމަކީ ވެސް ގާނޫނީ ވެރިކަން ނަގަހައްޓައި ކޯޓުތަކުގެ ހުރުމަތް ރައްކާތެރިކުރަން ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.
އަސްހަދު އެ ދުވަހު ވިދާޅުވީ، އަލީ ވަހީދުގެ ފަރުވާއަށް ދިން މުއްދަތު ހަމަވި ފަހުން ބޭއްވި އޮންލައިން ޝަރީއަތަށް އަލީ ވަހީދު ހާޒިރުކޮށްދީފައިވާނެ ކަމަށާއި، އެހެންކަމުން އިގުރާރާ އެއްގޮތަށް ކޯޓަށް އޭނާ ހާޒިރުކޮށްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ޖާމިނުވާ މީހާގެ އިގުރާރު:
-
ބަންދުގައި ހުރި މީހާ ބަންދުން ދޫކޮށްލާފައި ހުންނައިރު އޭނާ ކުށެއް ކުރިޔަނުދީ ބަލަހައްޓާނެކަން
-
އޭނާއާ މެދު ތުހުމަތުކުރެވިފައިވާ ކުށުގެ ތަހުގީގަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާއިން އަންގާ ތަންތަނަށް އޭނާ ހާޒިރުކުރާނެކަން
-
ޝަރީއަތުގެ މަރުހަލާގައި ކޯޓަށް ހާޒިރުވާން ޖެހޭ ގަޑިއަށް އޭނާ ކޯޓަށް ހާޒިރުކުރާނެކަން
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރަން، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވުމަކީ ކުށެއް ކަމަށެވެ. ބަންދުން ދޫކޮށްލި މީހާ ފިލައިފި ނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެ ނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.
އެގޮތުން:
-
ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލުން
-
ދެ އަހަރު ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން
-
ފަނަރަ ހާސް ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
-
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުން
ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކޮށްފައި ވަނިކޮށް، ޖާމިނުވި މީހާ އިގްރާރާ ހިލާފުވެއްޖެ ނަމަ، ނުވަތަ ބަންދުން ދޫކުރި މީހާ ފިލައިފި ނަމަ، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ކޯޓުން ނެރެން ޖެހެ އެވެ. އަދި އޭނާ ހައްޔަރުކުރެވުމުން، އޭނާގެ މައްޗަށް ތުހުމަތުކުރި މައްސަލަ ވަކި ގޮތަކަށް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ.
ގުޅުންހުރި ކަމެއް - އަލީ ވަހީދު ހާޒިރުކުރަން އަސްހަދަށް ދިން މުއްދަތު ހަމަވި އިރު، އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން ފުލުހުންގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
އިތުރަށް ކިޔާލަން -