ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު: އޭނާގެ މައްޗަށް ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައި (ފައިލް ފޮޓޯ/ޓޫރިޒަމް މިނިސްޓްރީ)
ރާއްޖެ ނައިސް ކޯޓު ތަކަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ކުރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފި އެވެ.
ވީ ކިހިނެއް؟ - މިނިސްޓަރަކަށް ހުންނެވި އިރު އެ އޮފީހުގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އަލީ ވަހީދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފައި ވަނީ އިއްޔެ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
"އެ އަމުރާ ގުޅިގެން ފުލުހުން ކުރަން ޖެހޭ ކަންކަން މި އަންނަނީ ކުރަމުން،" ފުލުހުންގެ އިދާރާއިން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.
އެނގުން މުހިންމު - ޖިންސީ ގޯނާގެ ދައުވާގެ ޝަރީއަތްތައް ހިނގަމުން ދަނިކޮށް އަލީ ވަހީދު މިދިޔަ ފެބުރުއަރީ މަހު ރާއްޖެއިން ބޭރަށް ދިޔައީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ކުރިމިނަލް ކޯޓުން ދިން ހުއްދަ އަކާ އެކު އެވެ. އޭނާގެ ރަހުމަތްތެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަސްހަދު އަލީ(އަޑުބަރޭ) ޖާމިނުކޮށް އަލީ ވަހީދު ބޭސް ފަރުވާއަށް ދިޔުމަށް ހުއްދަ ދީފައިވާ މުއްދަތު ފަހަނައަޅާ ދިޔަ ނަމަވެސް އޭނާ އެނބުރި ރާއްޖެ ނައިސް ދިރިއުޅުއްވަނީ އިނގިރޭސިވިލާތުގަ އެވެ.
އެކަމާ ގުޅިގެން ކުރިމިނަލް ކޯޓުން ވަނީ އަލީ ވަހީދަށް ޖާމިނުވި އަސްހަދު މިދިޔަ އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކޮށް 72 ގަޑިއިރު ތެރޭ އަލީ ވަހީދު ރާއްޖެ ގެނެސް ކޯޓަށް ހާޒިރުނުކޮށްފި ނަމަ އޭނާގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފަ އެވެ. އެ މުއްދަތު ހަމަވާނީ މާދަމާ ހެނދުނު އެވެ.
ބުނީ ކީކޭ؟ - ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވަނީ:
-
ހައްޔަރުކުުރުމުގެ އަމުރެއް ކޯޓުން ނެރެފި ނަމަ އަލީ ވަހީދު ރާއްޖެ ގެންނަން ފަސޭހަވާނެ ކަމަށް
-
އިންޓަޕޯލް ރެޑް ނޯޓިސް ނެރުނަސް އަލީ ވަހީދު ރާއްޖެ ގެނައުން އެއީ ފަސޭހަ މަގެއް ނޫންކަން ފާހަގަ ކުރެއްވި