ނ. ތޮޅެންދޫ: އެރަށް ކުއްޔަށް ދިނުން މަޑުޖައްސާލުމަށް ވަނީ ސިވިލް ކޯޓުން ވަނީ އަމުރުކޮށް (ސީ ފްރޮމް ދަ ސްކައި ވީޑިއޯ ސްކްރީން ޝޮޓެއް)

އަތޮޅުތައް

ކައުންސިލުން އެެދުނު ގޮތަށް ތޮޅެންދޫ ކުއްޔަށް ދިނުން މަޑުޖައްސާލަން އަމުރުކޮށްފި

ސިވިލް ކޯޓުގެ އަމުރުގައި ބުނީ، މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރަށް ކުއްޔަށް ދީފިި ނަމަ ކައުންސިލަށާއި ކުއްޔަށް ނަގާ މީހާއަށްވެސް ގެއްލުންވެދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ ކަމަށް

ދަނޑުވެރިކަމަށް 21 އަހަރަށް ކުއްޔަށް ދިނުމަށް ދޫކުރަން ނިންމި ފަސް ރަށުގެ ތެރޭގައި ހިމެނޭ ނ. ތޮޅެންދޫ ކުއްޔަށް ދިނުމާ ގުޅޭ އެންމެހާ ކަންކަން މަޑުޖައްސާލުމަށް ސިވިލް ކޯޓުން ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ މައްޗަށް އިއްޔެ ވަގުތީ އަމުރެއް ނެރެފި އެވެ.

މައްސަލައިގެ ފެށުން - ކެނދިކުޅުދޫ އާއި މާޅެންދުއާ ދެމެދު އޮންނަ ތޮޅެންދޫ ކުއްޔަށް ދިނުމާ މެދު ކައުންސިލްގެ މަޝްވަރާއަކަށް އެދި އެގްރިކަލްޗާ މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު 9ގައި ސިޓީއެއް ފޮނުވި އެވެ. އެގޮތުން:

  • އެ ސިޓީގައި ބުނީ، ތޮޅެންދުއަކީ ދިގު މުއްދަތަށް ކުއްޔަށް ދޫކުރާ ރަށެއްގެ ގޮތުގައި އިކޮނޮމިކް ކައުންސިލުން ކަނޑައަޅާފައި ވާތީ އެ ރަށް ބިޑަށް ހުޅުވާލުމުގެ ގޮތުން މިނިސްޓްރީއިން ފުރިހަމަކުރަން ޖެހޭ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް

  • އެގްރިކަލްޗާ މިނިސްޓްރީގެ ސިޓީއާ ގުޅިގެން އެރަށް ކުއްޔަށް ދިނުމަށް ދެކޮޅު ހަދައި، ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރި

  • ނަމަވެސް ކައުންސިލް އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް މިދިޔަ ނޮވެމްބަރު މަހު  ތޮޅެންދޫ ހިމެނޭ ގޮތަށް ފަސް ރަށެށް މިނިސްޓްރީން ބީލަމަށް ހުޅުވާލި

ވީ ކިހިނެއް؟-  ނ. އަތޮޅު ކައުންސިލްގެ އިހްތިސާސުގައި ހިމެނޭ އެ ފަޅު ރަށް ކުއްޔަށް ދިނުމަށް ހުޅުވާލީ، އެ ކައުންސިލުން ދިން މަޝްވަރާއާ ހިލާފަށް ކަމަށްވެފައި އަދި އެކަންކޮށްފައިފައި ވަނީ ލާމަރުކަޒީ ގާނޫނާވެސް ހިލާފަށް ކަމަށްވާތީވެ، މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި  އެވެ. އެ މައްސަލައިގައި ކޯޓުން ވަކި ގޮތެއް ނިމެންދެން ކައުންސިލުން އެދުނީ މިކަން މަޑުޖައްސާލުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ތަފްސީލު - ސިވިލް ކޯޓުގެ ގާޒީ، ޒުބައިރު މުހައްމަދު އިއްޔެ ނެރުއްވި އަމުރުގައި ބުނީ، ޝަރީއަތުން މިކަމުުގައި ވަކި ގޮތެއް  ކަނޑައަޅަންދެން ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށެވެ. އަދި ރަށް އެވޯޑު ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި އެހެން ފަރާތެއްގެ މަސްލަހަތެއް އެރަށުގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް މުއާމަލާތެއްވެސް ނުކުރުމަށް އެގްރިކަލްޗާ މިނިސްޓްރީ ހިމެނޭގޮތުން ދައުލަތުގެ ކަމާގުޅޭ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފައިވެ އެވެ.

ރަށް ކުއްޔަށް ދެވި، ރަށުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ މަސްލަހަތެއް އުފެދި، އެގޮތުގައި މުއްދަތުތަކެއް ފާއިތުވެއްޖެ ނަމަ ދައުވާކުރާ ފަރާތަށް[ކައުންސިލް]، ނުވަތަ ރަށުގެ މައްޗަށް މަސްލަހަތެއް އުފަންވާ ފަރާތަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވެއެވެ

ސިވިލް ކޯޓުގެ އަމުރު

ކައުންސިލުން ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ، އެ ރަށް ކުއްޔަށް ދިނުމަށް ހުޅުވާލީ، ލާމަރުކަޒީ ގާނޫނުގެ އަށް ވަނަ މާއްދާގެ (ށ) އަދި (ބ) އާއި "ނ. އަތޮޅުގެ ފަޅުރަށްތަކާއި ފަޅާ، ފަރު ބޭނުން ކުރާނެ ގޮތުގެ ޕްލޭން"އާ ހިލާފަށް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީގައި ބަޔާންކުރާ ލާމަރުކަޒީ އުސޫލުން ދައުލަތް ހިންގުމަށް އެކަށައަޅާފައިވާ ދީމިގްރާތީ އުސޫލާ ހިލާފު ކަމެއް ކަމަށް ވެސް މައްސަލަގައި ބުންޏެވެ.

އެހެން ކަމުން ކައުންސިލުން އެެދިފައި ވަނީ، ލާމަރުކަޒީ ގާނޫނުގެ އެ މާއްދާތަކުގެ ރޫހާ ހިލާފަށް ކުރަމުންދާ ކަމެއް ކަމަށް ކަނޑައަޅައި، އެ ރަށް އެގޮތަށް ކުއްޔަށް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މި މައްސަލައިގައި ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން އެ މަސައްކަތް މަޑުޖައްސާލުމަށް ތިން ސަބަބެއް ބަޔާންކޮށް ވަގުތީ އަމުރަކަށް ކައުންސިލުން އެދުނެވެ. އެއީ:

  • 1-

    ރަށް ވަކި ފަރާތަކަށް ކުއްޔަށްދީ، އެއްބަސްވުމެއް އެކުލަވާލައިފިނަމަ، ހުށަހަޅާފައިވާ ދައުވާގައި ނިންމާ ގޮތެއް ތަންފީޒު ކުރުމަށް ހުރަހަކަށްވެ، އެކަމުގެ ނަތީޖާއެއްގެ ގޮތުން ނ. އަތޮޅު ރައްޔިތުން އާންމު ބޭނުންތަކަށް ބޭޏުން ކުރަމަށް ހުރި މަދު ރަށްތަކުގެ ތެރެއިން ރަށެއް ގެއްލި، އަތޮޅުގެ ރައްޔިތުންނަށް އެތަށް ގޮތަކުން އޭގެ ގެއްލުމާ ކުރިމަތިވުން

  • 2-

    އެ ރަށަކީ، ގުދުރަތީ ގޮތުން ހާއްސަ ސިފަތަކެއް ލިބިގެންވާ ޗަސްކަން ބޮޑު ރަށަކަށްވެފައި، ރަށުގައި ދަނޑުވެރިކަން ކުރާނަމަ ރަށުގެ ތިމާވެށި ހަލާކުވެ، އެކަމަކުގެ ސަބަބުން އިއާދަ ނުކުރެވޭ ގެއްލުންވުން އަދި ކުއްޔަށް ދިނުމަށްފަހު، އެރަށަށް ނޭރޭނެތީ އެކަން މޮނީޓާ ކުރެވޭ ފުރުސަތުވެސް ނެތުން

  • 3-

    ވަގުތީ އަމުރެއް ނުނެރެ، ދައުވާއަށް ގޮތެއް ނުނިމި ލަސްވެ، އެ މުއްދަތުގައި މިނިސްޓްރީން ބިޑު ބަލައިގަނެ، ރަށް ވަކި ފަރާތަކަށް ދިގު މުއްދަތަކަށް ބޭނުން ކުރެވޭ ގޮތަށް އެވޯޑްކޮށްފި ނަމަ، ދައުވާގައި އެދިފައިވާ ކަންކަން ތަންފީޒު ނުވުން

މުހިންމު ކަމެއް- އަތޮޅު ކައުންސިލުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުރެދިނުމާމެދު އެގްރިކަލްޗާ މިނިސްޓްރީން އިންކާރުކޮށްފައިވެ އެވެ. މިނިސްޓްރީން ކޯޓުގައި ބުނީ:

  • ރަށް ކުއްޔަށް ދިނުމަށް ހުޅުވާލީ، ރައީސްގެ ގަރާރަކުން އަދި ރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނުން މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން

  • ރަށް ކުއްޔަށްދީފައިވަނީ ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ކައުންސިލްގެ މަޝްވަރާކޮށްގެން ނުވަތަ ނޫންކަން ބުނެދޭން ނޭނގޭ

  • އެރަށް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން މިހާރު ކުރިއަށްދަނީ، ބޮޑު އިވުލޭޓް ކުރުމުގެ މަސައްކަތް ކަމަށް

  • ދައުވާއަށް ފުރިހަމައަށް ޖަވާބު ދާރީވުމަށް މިނިސްޓްރީން އެދިފައިވަނީ16 މާޗް2022ގެ މެންދުރު12 އަށް

  • އެގޮތަށް ފުރުސަތު ދިން ނަމަވެސް، އެ ވަގުތާ ހަމައަށް ރަށް ވަކި ފަރާތަކަށް އެވޯޑް ނުކުރާނެ ކަމުގެ ޔަގީކަން ދެވެން ނެތް

ހަ ސަފްހާގެ އެ ހުކުމްގައި ބުނީ، އަތޮޅު ކައުންސިލް އިހްތިސާސްގައި ހިމެނޭ އެންމެހާ ފަޅުރަށްތަކާއި ފަޅުތައް ސަރުކާރުގެ އެއްވެސް އިދާރާކުން ކުއްޔަށް ދޫކުރަން ވާނީ، އަތޮޅު ކައުންސިލާ މަޝްވަރާ ކުރުމަށްފަހު އަދި ރައްޔިތުންގެ ލާާބަޔަށް އިސްކަންދީގެންކަމަށް ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. 

"ނ. ތޮޅެންދޫ ވަކި ފަރާތަކަށް 21 އަހަރުދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަކީ ރައްޔިތުންނަށް އެންމެ ލާބަހުރި ގޮތް ނޫންކަމަށް ނ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށް، އެކަން ސަރުކާރަށް އަންގާފައިވާއިރު، ބުނެވުނު ދެ މާއްދާއަކީ [ލާމަރުކަޒީ ގާނޫނުގެ ށ އަދި ބ] ހަމައެކަނި އިޖްރާއަތެއް ކަމުގައި ބަލައި، މަޝްވަރާތަކުން ކޮންމެ ނަތީޖާއެއް ނިކުތްކަމުގައިވިޔަސް ފަޅުރަށެއް ދިގުމުއްދަތަށް ކުއްޔަށް ދިނުމުގެ އިހްތިޔާރު ދައުލަތަށް އޮންނާނެ ކަމުގައި ބަލައިގެން ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަކީ ގާނޫނުގެ ރޫހު ނުވަތަ އެންމެ އިންސާފުވެރި ގޮތް ކަމަށް ޝަރީއަތަށް ގަބޫލެއް ނުކުރެވެއެވެ،" އަމުރުގައި ބުނެފައިވެ އެވެ.

ނ. ތޮޅެންދޫ މަތިން ފެންނަ ވީޑިއޯއެއް

އެހެން ކަމުން ކޯޓުން ކަނޑައެޅީ، ކައުންސިލަކީ މިކަމުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދުމުގެ އިހްތިސާސް ލިބިގެންވާ ފަރާތެއް ކަމަށާއި އަދި ވަގުތީ އަމުރު ނެރުމުގެ ޝަރުތުވެސް ފުރިހަމަވާ ކަމަށެވެ.

އޭގެ އިތުރުން މާޗު 16 ވަނަ ދުވަހާ ހަމައަށްވެސް ރަށް އެވޯޑް ނުކުރާނެ ކަމުގެ ޔަގީންކަމެއް މިނިސްޓްރީއަށް ދެވެން ނެތުމުން، ވަގުތީ އަމުރަކާ ނުލާ މި މައްސަލައިގެ މަގްސަދު ހާސިލް ނުވާނެ ކަމަށް އަމުރުގައި ބުނެފައިވެ އެވެ.

"ރަށް ކުއްޔަށް ދެވި، ރަށުގެ މައްޗަށް ތިން ވަނަ ފަރާތެއްގެ މަސްލަހަތެއް އުފެދި، އެގޮތުގައި މުއްދަތުތަކެއް ފާއިތުވެއްޖެ ނަމަ ދައުވާކުރާ ފަރާތަށް[ކައުންސިލް]، ނުވަތަ ރަށުގެ މައްޗަށް މަސްލަހަތެއް އުފަންވާ ފަރާތަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޝަރީއަތަށް ގަބޫލު ކުރެވެއެވެ" އަމުރުގައި ބުނެފައިވެ އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް