ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ): (ފޮޓޯ/ ރައީސް އޮފީސް)

ޖަލު ހުކުމާ އެކު އަސްހަދު ވަޒީފާއިން ވަކިކޮށްފި

އޭނާ 15 ދުވަހަށް ޖަލަށް ލާން ކޯޓުން ހުކުމް ކުރީ ދާދި ދެންމެއަކު
2 ފެބްރުއަރީ 2022

ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖަލަށް ލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކުރުމުން، އޭނާ މަގާމުން ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - އަސްހަދު 15 ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކުރީ، އަލީ ވަހީދު ބޭސް ފަރުވާއަށް ދިން މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކޮށްދޭނެކަމަށް އެއްބަސްވެ، އޭނާ ވީ އިގުރާރާ ހިލާފުވުމުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ކަނޑައަޅައިފަ އެވެ.

ތަފްސީލް - ކޯޓުން ހުކުމް ކުރުމާ އެކު، ސްޓޭޓް މިނިސްޓަރުގެ މަގާމުން އޭނާ ވަކިކޮށްފައިވާކަން ރައީސް އޮފީހުން ވަނީ 'ދައުރު' އަށް ކަށަވަރުކޮށްދީފަ އެވެ.

ރައީސް އޮފީހުން ބުނީ ކޯޓުގެ ހުކުމާ އެކު އޭނާ ވަޒީފާއިން ވަކިކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ފަސް މަންޒަރު - އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން އަސްހަދަށް ދިން މުއްދަތު ހަމަވި އިރު ވެސް އޭނާ ކޯޓަށް ހާޒިރުކޮށްދީފައެއް ނުވެ އެވެ. އަލީ ވަހީދު ކޯޓަށް ހާޒިރުކުރުމަށް އަސްހަދަށް ފަހު ފުރުސަތު ކޯޓުން ދިނީ 28 ނޮވެމްބަރުގަ އެވެ. އަދި ޖާމިނުވެ ވި އިގުރާރާ ހިލާފުވެފައި ވާތީ ފިޔަވަޅު އަޅާނެކަން ވެސް އެދުވަހު ކޯޓުން އެންގި އެވެ.

އެނގުން މުހިންމު - ފިޔަވަޅު އަޅަން ނިންމި ނިންމުން މުރާޖައާކޮށްދިނުމަށް އެދި މީގެ ކުރިން އަސްހަދު ކޯޓަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައިވާނެ ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް