ކްރިމިނަލް ކޯޓުގައި ބޭއްވި އަލީ ވަހީދުގެ ޝަރީއަތުގެ އަޑުއެހުމުގައި އެ މައްސަލައިގައި ޖާމިނުވި އަސްހަދު އަލީ ވާހަކަ ދައްކަވަނީ

އަލީ ވަހީދުގެ މައްސަލާގައި އަސްހަދު 15 ދުވަހަށް ޖަލަށް ލާން ހުކުމްކޮށްފި

މިއަދު ހުކުމް އިއްވީ އަސްހަދުގެ ގައިރު ހާޒިރުގައި
2 ފެބްރުއަރީ 2022

ޖިންސީ ކުށުގެ ހަތް ދައުވާއެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކްރިމިނަލް ކޯޓުން އެންގި ގޮތަށް 72 ގަޑިއިރު ތެރޭގައި ހާޒިރުކޮށްދީފައި ނުވާތީ، އޭނާއަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) 15 ދުވަހަށް ޖަލަށް ލާން ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އަލީ ވަހީދާއި އިތުރު މީހަކު ބައިވެރިވެގެން ޓޫރިޒަމް މިނިސްޓްރީގެ ބައެއް އަންހެން މުވައްޒަފުންނަށް އެކި ފަހަރު މަތިން ޖިންސީ އަނިޔާކޮށް ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކްރިމިނަލް ކޯޓުން އަލީ ވަހީދު ފުރުން މަނާކޮށް އަމުރެއް ނެރެފައި ވަނިކޮށް ސިއްހީ ކަންތައްތަކާ ގުޅިގެން އެ އަމުރު ނިމުމަކަށް ގެނެސް، ހަތަރު މަސް ދުވަހަށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ދިނީ މިދިޔަ އަހަަރުގެ ފެބުރުއަރީގަ އެވެ.

  • އަލީ ކޯޓަށް ހާޒިރުކޮށްދޭނެކަމުގެ ޔަގީންކަންދީ، އަސްހަދު ޖާމިނުވުމުން

  • އެކަމަކު، އިނގިރޭސިވިލާތަށް ގޮސް، މުއްދަތު ހަމަވި ފަހުން ވެސް އެއްވެސް ޝަރީއަތަކަށް އަލީ ހާޒިރުވެފައެއް ނުވޭ

  • 72 ގަޑިއިރު ތެރޭގައި އަލީ ހާޒިރު ކުރަން 28 ނޮވެމްބަރުގައި ކޯޓުން އަސްހަދަށް އެންގި

  • އެ މުއްދަތުގައި އަސްހަދަށް އަލީ ވަހީދު ހާޒިރުކުރެވިފައި ނުވޭ

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އަސްހަދު ޖަލަށް ލާން ހުކުމް ކުރީ، 72 ގަޑިއިރު ތެރޭގައި އަލީ ވަހީދު ހާޒިރު ކުރަން އެންގި އެންގުމާ އެއްގޮތަށް ޝަރީއަތަށް އަލީ ވަހީދު ހާޒިރުކޮށްދީފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ނިންމުމަށް ފަހު އެވެ.

ގާޒީ ހަސަން ސައީދު މިއަދު އިއްވި ހުކުމުގައި ވަނީ، އަލީ ގެންނަން އަސްހަދު ކުރި މަސައްކަތެއް ވެސް ފެންނަން ނެތް ކަމަށެވެ. އަދި އެކަމުން، އޭނާ ކޯޓުގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމުގެ ގަސްތެއް ނެތްކަން އެނގޭ ކަމަށް ބުނެފައިވެ އެވެ. އަލީ ފިލައިގެން އުޅުމަށް ވާގިވެރިވެ، ކޯޓާ މެދު ނުބައި ތަސައްވަރެއް އުފެދޭ ގޮަތަށް އޭނާ އަމަލުކޮށްފައިވާ ކަމަށް ވެސްވެ އެވެ.

އަލީ ވަހީދު ހާޒިރު ނުކުރެވިގެން ޝަރީއަތް ކުރިއަށްނުގެންދެވުމުގައި އަސްހަދުގެ އިހުމާލު އެބަ އޮތް ކަމަށާއި ޝަރީއަތް ކުރިއަށްނުގެންދެވެނީ އޭނާގެ ސަބަބުން ވެސް އެ ހުކުމުގައިވެ އެވެ.

މިއަދު ކޯޓަށް ހާޒިރުވާން އަސްހަދަށް އެންގުމުން ވެސް އޭނާ އެއްވެސް މަގުބޫލު އުޒުރެއް ނުދައްކައި އޭނާ ކޯޓަށް ހާޒިރުވެފައި ނުވެ އެވެ. އެއީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ދެކޭ ކަމަށް ހަސަން ސައީދުގެ ނިންމެވުމުގައިވެ އެވެ.

އެނގުން މުހިންމު - ޖާމިނުވުމުގެ އިގުރާރާ ހިލާފުވުމުގެ އަދަބެއްގެ ގޮތުގައި އެއް އަހަރަށް ޖަލަށްލުން ވެސް އޮވެ އެވެ. އަދި ޖޫރިމަނާ ވެސް ކުރެވިދާނެ އެވެ. އެކަމަކު، ޖާމިނު އިގުރާރާ ހިލާފުވެގެން އެ ފިޔަވަޅުތަކެއް ނާޅަ އެވެ. ގާޒީ ހަސަން ސައީދު ނިންމެވީ، އަސްހަދަށް ކޯޓުގެ ހުރުމަތް ރައްކާތެރިކުމުގެ ގަވައިދުގެ ދަށުން ފިޔަވަޅު އަޅާށެވެ.

އަސްހަދު މީގެ ކުރިން ވިދާޅުވެފައި ވަނީ، އަލީ ވަހީދުގެ ފަރުވާއަށް ދިން މުއްދަތު ހަމަވި ފަހުން ބޭއްވި އޮންލައިން ޝަރީއަތަށް އަލީ ވަހީދު ހާޒިރުކޮށްދީފައިވާނެ ކަމަށާއި އެހެންކަމުން އިގުރާރާ އެއްގޮތަށް ކޯޓަށް އޭނާ ހާޒިރުކޮށްދީފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް