ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް.

ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލަ: ހެކި ހޯދަން މޮރިޝަސް އިން ރާއްޖެ ކައިރިއަށް ޓީމެއް ފޮނުވައިފި

އައްޑުއާ ގާތްގަނޑަކަށް 510 ކިލޯމީޓަރު ދުރުގައި އޮންނަ ބެހިމް ފަރުގެ އެއްވެސް ތަނެއް ދާއިމީ ގޮތެއްގައި ފެނުން މަތީގައި ހުންނަކަން ސާބިތުވެއްޖެ ނަމަ މޮރިޝަސްގެ ދައުވާއަށް ވަރަށް ބޮޑު ބާރެއް ލިބޭނެ
14 ފެބްރުއަރީ 2022

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި މޮރިޝަސް އިން ވަކާލާތުކުރާ ކަންކަން ސާބިތުކުރުމަށް ހެކި ހޯދުމަށް އެ ގައުމުން ރާއްޖެއާ ކައިރިއަށް ދިރާސާކުރާ ޓީމެއް ފޮނުވައިފި އެވެ.

މައްސަލައިގެ ފެށުން - އައްޑޫގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، މޮރިޝަސްގެ ސިޔާދަތުގެ ދަށުގައިވާ ކަމަށް އެ ގައުމާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ޗާގޯސް އާކިޕެލެގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 2019ގަ އެވެ.

އޭގެ ފަހުން:

  • އެ މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖޭން ފާހަގަކުރި ކަންކަން ބަލައިނުގަތުމަށް 28 ޖެނުއަރީ 2021ގައި ވަނީ ޓްރައިބިއުނަލުން ނިންމާފައި

  • ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތް ކަމަށް އިނގިރޭސިވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށް ވެސް ކަނޑައަޅާފައިވޭ

  • މޮރިޝަސް އިން ހުށަހެޅި ކަންކަމަށް ރާއްޖޭން ވަނީ މިދިޔަ ނޮވެމްބަރު 25ގައި ޖަވާބުދާރީ ވެފައި

  • މި މައްސަލައިގައި ދިވެހި ސަރުކާރުން ދޭން ޖެހޭ ސަމާލުކަން ނުދޭ ކަމަށާއި އެކަން ނިމޭ ގޮތަކުން ރާއްޖޭގެ ހައްގުތަކެއް ގެއްލިދާނެ ކަމަށް ބުނެ، ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި

ރާއްޖެ-މޮރިޝަސް ކަނޑުގެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ރާއްޖޭން ހުށަހަޅާ ކަންކަން އޭޖީ އިބްރާހިމް ރިފްއަތު އޮކްޓޯބަރު 2020ގައި ހުށަހަޅުއްވަނީ. (ފޮޓޯ/ޓްރައިބިއުނަލް)

ވީ ކިހިނެއް؟ - މޮރިޝަސް އިން ވަނީ މިދިޔަ އަންގާރަ ދުވަހު ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ ދިރާސާތަކެއް ހެދުމަށް ކަމާ ބެހޭ މާހިރުންގެ ޓީމެއް ފޮނުވާފަ އެވެ. ސައިންސްގެ ދިރާސާތައް ހެދުމުގައި ހަރަކާތްތެރިވާ ބޯޓެއްގައި ދަތުރުކުރާ މި ޓީމުގައި ހިމެނެނީ:

  • 1-

    ސުވިޑަންއަށް ނިސްބަތްވާ، މޮރިޝަސް ސަރުކާރަށް މަސައްކަތްކޮށްދޭ ކަނޑުގެ ކަންކަމާ ބެހޭ ދެ މާހިރުން

  • 2-

    ގާނޫނީ ވަކީލުން

  • 3-

    މޮރިޝަސް ސަރުކާރުގެ އޮފިޝަލުން

  • 4-

    ޗާގޯސްއަށް އިނގިރޭސިން ވެރިވެގަތުމަށް ފަހު އެ ތަނުން ފައިބަން މަޖުބޫރުކުރި ޗާގޯސްއަށް އުފަން ފަސް މީހުން

ތަފްސީލް - ދެ ހަފްތާގެ މުއްދަތަކަށް ކުރިއަށްގެންދާ މި ދިރާސާގައި ބަލާނީ:

  • އައްޑުއާ ގާތްގަނޑަކަށް 510 ކިލޯމީޓަރު ދުރުގައި އޮންނަ ބެހިމް ފަރުގެ އެއްވެސް ތަނެއް، ދާއިމީ ގޮތެއްގައި ފެނުން މަތީގައި ހުރޭތޯ

މުހިންމުވަނީ ކީއްވެ؟ - އެ ފަރުން ކުޑަ ގާކޮޅެއް ނުވަތަ ފިނޮޅެއް ވިޔަސް އެންމެ ބޮޑު ދިޔައިގައި ފެނުން މަތީގައި އޮންނަކަން މި ދިރާސާ އިން ސާބިތުވެއްޖެ ނަމަ މޮރިޝަސްގެ ދައުވާއަށް ވަރަށް ބޮޑު ބާރެއް ލިބިގެންދާނެ އެވެ. އެއީ:

  • ކަނޑުތަކާ ބެހޭ އދ.ގެ މުއާހަދާގައިވާ ގޮތުން، އެ ބައި ވެސް ހިމަނައިގެން މޮރިޝަސްގެ 200 މޭލުގެ އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން (އީއީޒެޑް) ކަނޑައެޅޭނެ

ބުނީ ކީކޭ؟ - މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ޖަގްނަތު ވިދާޅުވި ގޮތުގައި، މިއީ އެ ގައުމަށް ވަރަށް ހާއްސަ ދިރާސާ އެކެވެ. އެއީ، އޭނާ ފާހަގަކުރެއްވި ގޮތުގައި، މޮރިޝަސްއަށް މިނިވަންކަން ލިބުނު ފަހުން އެ ގައުމުގެ ބައެއް ކަމަށްވާ ޗާގޯސްއަށް މޮރިޝަސްގެ ބަޔަކު ދަތުރެއް ކުރާ ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ.

މި ޓީމު ޗާގޯސްއަށް ދިއުމަށް ފުރަން ޖެހުނީ ސީޝެލްސް އިންނެވެ. އެއީ، ޗާގޯސް އަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖޭން ނުދެކޭތީ، މި ޓީމު ރާއްޖޭން ފުރަން ދިވެހި ސަރުކާރުން ހުއްދަ ނުދިނުމުންނެވެ. އެކަމާ ހިތްހަމަނުޖެހިގެން މޮރިޝަސް ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ އެ ގައުމުގެ މީޑިއާތަކުގައި ރާއްޖެއަށް ފާޑު ވެސް ކިޔާފަ އެވެ.

އެނގުން މުހިންމު - ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދިނުމަށް 2010ގައި ރާއްޖޭން 'ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް'ގައި އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ. މޮރިޝަސް އިން ބުނީ ރާއްޖޭން ހުށަހެޅި ސަރަހައްދާއި އެ ގައުމުގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ.ގެ އާންމު މަޖިލީހުން 2019ގައި ފާސްކުރި އިރު، ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ. މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން އޭރު ބުންޏެވެ.

މައްސަލައިގެ ފުނަށް -

  • މޮރިޝަސްއިން ބުނަނީ ޗާގޯސް އަކީ 18 ވަނަ ގަރުނުން ފެށިގެން އެ ގައުމުގެ ބައެއް ކަމަށް 

  • މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައިވަނީ އިނގިރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އިރު 1965ގައި 

  • އިނގިރޭސިވިލާތުން ޗާގޯސް ނެގީ 3 މިލިއަން ޕައުންޑްގެ އަގަކަށް 

  • ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ ވެސް ޗާގޯސްގެ ރަށެއް

  • ޗާގޯސް އިން މީހުން ހުސްކުރީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ފޯޅަވަހީގައި އަސްކަރީ މަރުކަޒެއް ގާއިމުކުރަން 

  • އެމެރިކާ އިން މިހާރު ހިންގާ އެ އަސްކަރީ މަރުކަޒު ހަދަން އިނގިރޭސިވިލާތުން އެމެރިކާއަށް ފޯޅަވަހި ކުއްޔަށް ދޫކޮށްފައިވާ މުއްދަތު 2036އާ ހަމައަށް ވަނީ އިތުރުކޮށްފައި 

  • ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ނިންމާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް