އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު (ފޮޓޯ/ އޭޖީ އޮފީސް)

ރާއްޖެ-މޮރިޝަސް މައްސަލާގައި ސަރުކާރުން ޖަވާބުދީފި

ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތު ދިފާއުކުރުމަށް، ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވަނީ އައްޔަންކޮށްފައި
25 ނޮވެމްބަރު 2021

ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލްއަށް މޮރިޝިއަސްއިން ހުށަހަޅާފައިވާ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ބެހޭ މައްސަލާގައި އެ ގައުމުން ހުށަހެޅި ހުށަހެޅުމަށް ރާއްޖެއިން މިއަދު ޖަވާބު ހުށަހަޅާފައިވާ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - އައްޑު އަތޮޅުގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު މޮރިޝަސްގެ ސިޔާސަތުގެ ދަށުގައިވާ ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސްއިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 2019ގަ އެވެ.

އެ މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށް ފަހު މި އަހަރުގެ ޖެނުއަރީ 28ގައި ޓްރައިބިއުނަލުން ނިންމަވާފައިވަނީ ޗާގޮސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތްކަމަށް އިނގިރޭސި ވިލާތުން ބުނަމުން ގެންދިޔަނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށެވެ.

ތަފްސީލް - އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޓްރައިބިއުނަލްގެ އެ ނިންމުމާ ގުޅިގެން މެއި 25 ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ރާއްޖެއިން މިއަދު ޖަވާބު ހުށަހަޅާފައިވާނެ ކަމަށެވެ.

މައްސަލައިގައި ރާއްޖޭގެ ފަރާތުން ޖަވާބު ހުށަހަޅާފައިވަނީ ކަމާގުޅޭ ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހޯދައި ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކުރުމަށް އިސްކަންދީގެން ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

އެގޮތުން، މި މައްސަލައަކީ ރާއްޖެ ފަދަ މަސްވެރިކަމަށް ބަރޯސާވާ ގައުމަކަށް މުހިންމު މައްސަލައަކަށްވާއިރު، މައްސަލައިގައި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން ޓްރައިބިއުނަލްގައި ރާއްޖޭގެ މަސްލަހަތުތައް ދިފާއުކޮށް، ރާއްޖެ ތަމްސީލުކުރުމަށް ދާއިރާއިން ފާހަގަކޮށްލެވޭ ތައުލީމާއި ތަޖުރިބާހުރި ބައިނަލްއަގުވާމީ ވަކީލުންނާއި ހައިޑްރޯގްރަފީ އަދި ޖިއޮލޮޖީ ދާއިރާގެ ހަބީރުންގެ މައްޗަށް އެކުލެވޭ ޓީމެއް އައްޔަންކޮށްފައިވާ ކަމަށް ބުންޏެވެ.

އޭޖީ އޮފީހުން ބުނީ މައްސަލައިގެ އަޑުއެހުން ބާއްވާނެކަމަށް ލަފާކުރެވެނީ އަންނަ އަހަރު ކަމަށެވެ. 

އެނގުން މުހިންމު - މައްސަލަ ބެލުމަށް ފަހު، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ފުށުއަރާ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ  ޓްރައިބިއުނަލުން ކަނޑައަޅާނެ އެވެ. ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން މިފަދަ ބައުންޑަރީތައް ކަނޑައަޅަނީ އިކުއިޑިސްޓެންސްގެ ހަމަހަމަ އުސޫލަށް ބިނާކޮށްގެންނެވެ. އޭގެ ނަތީޖާއަކަށްވާނީ، މުއާހަދާގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގެ ބައުންޑަރީ ކަނޑައެޅި، ރާއްޖެއަށް އެ ސަރަހައްދުތަކުގެ މައްޗަށް ސިޔާދަތީ ހައްގުތައް ލިބިގެން ދިއުމެވެ.

ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދިނުމަށް 2010 ގައި ރާއްޖޭން "ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް"ގައި އެދުމުން މޮރިޝަސް އިން ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ. މޮރިޝަސް އިން ބުނީ ރާއްޖޭން ހުށަހެޅި ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށެވެ.

ޗާގޯސް އަކީ މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން އދ. ގެ އާންމު މަޖިލީހުން 2019 ގައި ފާސްކުރި އިރު، ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގެރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ. މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ފޮރިން މިނިސްޓްރީން އޭރު ބުންޏެވެ.

މައްސަލައިގެ ފުނަށް -

  • މޮރިޝަސްއިން ބުނަނީ ޗާގޯސްއަކީ 18 ވަނަ ގަރުނުން ފެށިގެން އެގައުމުގެ ބައެއް ކަމަށް 

  • މޮރިޝަސްއާ ޗާގޯސްއާ ވަކިކޮށްފައިވަނީ އިނގެރޭސި އިސްތިއުމާރުގެ ދަށުގައި އޮތް އިރު 1965 ގައި 

  • އިނގިރޭސިވިލާތުން ޗާގޯސް ނެގީ ތިން މިލިއަން ޕައުންޑްގެ އަގަކަށް 

  • ޑިއެގޯ ގާސިއާ (ފޯޅަވަހި) އަކީ ވެސް ޗާގޯސްގެ ރަށެއް 

  • ޗާގޯސް އައިލެންޑްސް އިން މީހުން ހުސްކުރީ އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން ފޯޅަވަހީގައި މިލިޓަރީ ބޭސް އެއް ގާއިމުކުރަން 

  • މިލިޓަރީ ބޭސްގެ ލީސް 2036 ވަނަ އަހަރާ ހަމައަށް ވަނީ އިތުރުކޮށްފައި 

  • ޗާގޯސް މޮރިޝަސްއާ ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ވަނީ ނިންމާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް