އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ބަޖެޓު ހުށަހެޅުމަށް އޮކްޓޯބަރު 31، 2021ގައި ބޭއްވި މަޖިލީިހުގެ ޖަލްސާގައި މެންބަރުން ބަޖެޓު ފޮތް ބައްލަވާލައްވަނީ. (ފޮޓޯ/މަޖިލިސް)

މެމްބަރުންނަށް އެއާޕޯޓު ވީއައިޕީ ދޭން 3 އަހަރު ތެރޭ 3.7 މިލިއަން ހަރަދުކުރި

އެންމެ ގިނައިން ހަރަދުކުރީ 18 ވަނަ މަޖިލީހުގެ މެމްބަރުންނަށް؛ 2018ގައި މެމްބަރުންގެ ވީއައިޕީ ހިދުމަތަށް 1.9 މިލިއަން ރުފިޔާ ހަރަދުކުރި
8 ނޮވެމްބަރު 2021

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ވީއައިޕީ ލައުންޖު ބޭނުންކުރެއްވުމަށް ފާއިތުވި ތިން އަހަރު ދައުލަތުން 238،920 ޑޮލަރު (3.68 މިލިއަން ރުފިޔާ) ހަރަދުކޮށްފި އެވެ.

އެނގުން މުހިންމު - އުސޫލު އޮންނަ ގޮތުން މެންބަރަކާއި އެ މެންބަރެއްގެ އަނބިކަނބަލުންނަށް ނުވަތަ ފިރިކަލުންނަށާއި ދަރިންނަށް އަދި މައިންބަފައިންނަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުގެ ހިދުމަތް ލިބޭނެ އެވެ. ވަރަށް ކުރިއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ މި އުސޫލުގެ ދަށުން މެންބަރުންނަށް ދޭ ވީއައިޕީ ލައުންޖުގެ ހިދުމަތަށް އެއާޕޯޓުން ބިލު ކުރާނީ މަޖިލީހަށެވެ. 

ވީ ކިހިނެއް؟ - ފާއިތުވި ތިން އަހަރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން، މެންބަރުންގެ އާއިލާ އަދި ރައްޓެހިން ވީއައިޕީ ލައުންޖު ބޭނުންކުރުމަށް ހަރަދުކުރެވުނު ގޮތުގެ ތަފްސީލު ހޯދަން އެދުނީ، ދައުލަތުން ކުރާ ހަރަދުތަކާ ގުޅޭ މައުލޫމާތު ހޯދައި އާންމުކުރުމުގައި ހަރަކާތްތެރިވާ ސޯޝަލް އެކްޓިވިސްޓް އައިމަން ލަތީފެވެ.

ތަފްސީލް - މިދިޔަ މަހުގެ 11 ވަނަ ދުވަހު އައިމަން ލަތީފް ހޯދަން އެދުނު މައުލޫމާތު، މަޖިލީހުން ވަނީ މި މަހުގެ 4ގައި އެ މައުލޫމާތު އޭނާއާ ހިއްސާކޮށްފަ އެވެ. މަޖިލީހުގެ އިންފޮމޭޝަން އޮފިސަރު އަހްމަދު މާން އަސްއަދު ސޮއިކުރައްވައި އައިމަން ލަތީފަށް ފޮނުއްވި ސިޓީގައިވާ ގޮތުން:

2018 (18 ވަނަ މަޖިލިސް) - ޖުމްލަ 121،080 ޑޮލަރު (1.9 މިލިއަން ރުފިޔާ)

  • މެމްބަރުންނަށް: 38،160 ޑޮލަރު (589،572ރ.)

  • އަނބިދަރިންނަށް: 31،440 ޑޮލަރު (485،748ރ.)

  • ރައްޓެހިންނާއި އާއިލާގެ މެމްބަރުންނަށް: 51،480 ޑޮލަރު (795،366ރ.)

2019 (18 އަދި 19 ވަނަ މަޖިލިސް) - ޖުމްލަ 89،100 ޑޮލަރު (1.4 މިލިއަން ރުފިޔާ)

  • މެމްބަރުންނަށް: 33،000 ޑޮލަރު (509،850ރ.)

  • އަނބިދަރިންނަށް: 20،520 ޑޮލަރު (317،034ރ.)

  • ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 35،580 ޑޮލަރު (549،711ރ.)

2020 (19 ވަނަ މަޖިލިސް) - ޖުމްލަ 28،740 ޑޮލަރު (444،033ރ.)

  • މެމްބަރުންނަށް: 12،060 ޑޮލަރު (186،327ރ.)

  • މެމްބަރުންގެ އަނބިދަރިންނަށް: 7،500 ޑޮލަރު (115،875ރ.)

  • ރައްޓެހިންނާއި އާއިލާ މެމްބަރުންނަށް: 9،180 ޑޮލަރު (141،831ރ.)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތަރައްގީކުރަމުން އަންނަ ވީއައިޕީ ޓާމިނަލް ބިލްޑިން. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިދިޔަ އަހަރު މެމްބަރުންނާއި މެމްބަރުގެ އާއިލާ އިން އެއާޕޯޓުގެ ވީއައިޕީ ބޭނުންކުރަން ދައުލަތުން 28،740 ޑޮލަރު (444،033ރ.) ހަރަދުކުރި އިރު، 27 މާޗު 2020 އިން 14 ޖުލައި 2020އަށް ރާއްޖޭގެ ބޯޑަރު އޮތީ ބަންދުކޮށްފަ އެވެ.

އެނގުން މުހިންމު - ކުރީގެ އުސޫލު ބަދަލުކޮށް، މެންބަރުންނަށާއި އެ މެންބަރެއްގެ އާއިލާއަށް މިހާރު ލިބޭ ލައުންޖު ހިދުމަތުގެ އިތުރުން އެ މެންބަރަކު ހިޔާރުކުރާ އިތުރު ދެ މީހަކަށް އެއާޕޯޓުގެ ވީއައިޕީ ލައުންޖުން މަޖިލީހުގެ ހަރަދުގައި ހިދުމަތް ލިބޭ ގޮތަށް އާންމު ކޮމިޓީން މިދިޔަ ސެޕްޓެމްބަރު މަހު ނިންމި އެވެ.

އެ ނިންމުމާ ގުޅިގެން ފާޑުކިޔުން ބޮޑުވެ، އާންމުންގެ ނުރުހުން އަމާޒުވުމުން އެ ނިންމުން މުރާޖައާކުރަން ނިންމި އެވެ. އަދި އާންމު ކޮމިޓީގެ ނިންމުން ތަންފީޒުނުކުރައްވާނެ ކަމަށް މަޖިލީހުގެ ރިޔާސަތާ އޭރު ހަވާލުވެ ހުންނެވި މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް