އާއިޝަތު އާޒިމާ ޝަކޫރު މިއަދު ސުޕްރީމް ކޯޓުގައި.

އާޒިމާ ހުށަހެޅި އިސްތިއުނާފު ބަލައިގަނެވޭކަށް ނެތް: ސުޕްރީމް ކޯޓު

މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލުކުރި

މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ފަނޑިޔާރަކު ނިންމަވާ ނިންމުމެއް އިސްތިއުނާފު ނުކުރެވޭނެ ކަމަށާއި، އެހެންކަމުން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ ފަރާތުން އިސްތިއުނާފުކޮށްފައިވާ ނުކުތާތައް ބަލައިގަނެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނި މައްސަލައާ ގުޅިގެން އާޒިމާއަށް ކުރީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ 

  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ

ވީ ކިހިނެއް؟ - އާޒިމާގެ މައްސަލައިގެ ފަަނޑިޔާރު ބަދަލުވެ، އަލުން މައްސަލަ ބަލަން ފަށައިގެން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭތޯ ނިންމުމުގައި ކްރިމިނަލް ކޯޓުން ނިންމީ އެ މިންގަނޑުން މައްސަލަ ބެލޭނެ ކަމަށެވެ. އާޒިމާގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ، އާޒިމާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.

އެނގުން މުހިންމު - ދައުލަތުން ހައި ކޯޓުގައި ބުނީ، މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހައި ކޯޓުގައި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. ހުކުމުގެ އެ ބައި ޕީޖީ އޮފީހުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

އާއިޝަތު އާޒިމާ ޝަކޫރު މިއަދު ސުޕްރީމް ކޯޓުގައި.

ތަފްސީލް - މައްސަލަ ނިންމައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، ދައުލަތުން ކޯޓަށް ފޮނުވާ ކޮންމެ މައްސަލައެއް ކުރިއަށް ގެންދިއުމަކީ ލާޒިމު ކަމެއް ނޫން ކަމަށެވެ. ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވި ހުކުމްގައި ވިދާޅުވީ މައްސަލަ ކުރިއަށް ގެންދިއުމުގައި، ފަނޑިޔާރުގެ ކުރިމަތީގައި ހުރި ހުރިހާ ލިޔުންތަކުން، އެ ދައުވާގައި ހިމެނޭ ކުށް، ދައުވާ ލިބޭ މީހާ ކުރި ކަމަށް ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރި ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވުމުން ފުދޭނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އާޒިމާ ޝަކޫރާއި އޭނާގެ ދިފާއީ ވަކީލުން ކަމަށްވާ ނިހާޔަތު (މ) އަދި ފަޒްނާ.

އޭގެ އިތުރުން ހުސްނުއްސުއޫދު ދެން ވިދާޅުވީ:

  • ޕްރޮސެކިއުޝަނުން މައްސަލައިގެ ދައުވާ ފޯމާ އެކު ހުށަހަޅާފައިވާ އެންމެހާ ލިޔުންތައް ފަނޑިޔާރު ބަލައި ވަޒަންކުރާއިރު، އޭގައި ހިމެނޭ ކަންތައްތަކުން، ދައުވާކޮށްފައިވާ ކުށުގެ ހުރިހާ އުންސުރުތައް ހުރިތޯ ބަލަންވާނެ ކަމަށް

  • ޝަރީއަތް ކުރިއަށް ގެންދާނެ ތަނެއް އޮތް ކަމަށް ނުވަތަ ނެތް ކަމަށް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ އެކޮޅު މިކޮޅު ބަލައި ހުށަހެޅިފައި ހުރި ހެކިތަކުގެ ޖުމްލަ ނަތީޖާއަށް ރިއާޔަތްކުރުމަކީ ފަނޑިޔާރުގެ ޒިންމާއެއް ކަމަށް

  • މި މަރުހަލާގައި ކޯޓުން ހެކި ވަޒަންކުރާނީ ޝަރީއަތް ކުރިއަށް ގެންދާނެ ތަނެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯ ބެލުމަށް ކަމަށް؛ ކުށް ސާބިތު ކުރުމަށް ފުދޭ މިންވަރުގެ ހެކި ހުރިތޯ ބެލުމަކަށް ނޫން ކަމަށް

  • ޝަރީއަތް ކުރިއަށް ގެންދާނެ ތަން އޮތްކަން ކަނޑައަޅައި ކޯޓުން ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމުމެއް ނޫން ކަމަށް

ބުނީ ކީކޭ؟ - "[އެހެންކަމުން] މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދާނެތަން އޮތް ކަން ނުވަތަ ނެތް ކަން ކަނޑައެޅުމުގެ އިހްތިޔާރު މި މަރުހަލާގައި މި ކޯޓަށް ލިބިގެން ވާކަމަށް ނުދެކެން،" ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ކޯޓުގައި އޭނާގެ ރައުޔު އިއްވަވަނީ.

ސުއޫދުގެ ރައުޔަށް އުއްތަމަ ފަނޑިޔާރު މުހުތާޒު މުހުސިން އާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވެސް ވަނީ ތާއީދުކުރައްވައިފަ އެވެ.

ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ:

  • ހައި ކޯޓުން، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 146 ވަނަ މާއްދާ އާއި 149 މާއްދާ މާނަކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ކަނޑައަޅަން 

  •  މައްސަލައިގައި ޝަރީއަތް ކުރާނެ ތަން އޮތް ކަމަށް މަދަނީ މިންގަނޑުން ފަނޑިޔާރުން ނިންމާ ނިންމުމަކީ އިސްތިއުނާފު ކުރެވޭނެ ބާވަތުގެ ނިންމުމެއް ކަމަށް ހައި ކޯޓުން ނިންމި ނިންމުން ބާތިލްކުރަން 

އެގޮތަށް ކަނޑައެޅުމުން، އިސްތިއުނާފުކުރަން އާޒިމާގެ ފަރާތުން ހުށަހެޅި ނުކުތާތައް ބަލައިގަނެވެން ނެތް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް