މިއަދު ހައި ކޯޓުން ހުކުމް ކުރުމަށް ބޭއްވި އޮންލައިން އަޑުއެހުމުގައި އާޒިމާ (ވ) އާއި އޭނާގެ ވަކީލުން

އާޒިމާގެ މައްޗަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމީ ރަނގަޅަށް: ހައި ކޯޓު

އާޒިމާގެ ފަރާތުން ފާހަގަކުރި ގިނަ ކަންކަމަށް ދަށު ކޯޓުން މައްސަލަ ބަލާއިރު ގޮތް ކަނޑައެޅޭނެ ކަމަށް ހުކުމުގައި ފާހަގަކުރި
20 އޭޕްރީލު 2022

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނި މައްސަލައާ ގުޅިގެން އާޒިމާއަށް ކުރީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ

  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ

އެ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައިގައި މިއަދު އޮތީ ހުކުމް ކުރުމެވެ. އެ ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ހުކުމްކުރީ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބުނެ، އިސްތިއުނާފު މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ކަނޑައަޅައިދޭން އެދިފަ އެވެ.

މިއަދު ހުކުމް އިއްވި އިރު އެންމެ ފުރަތަމަ ރައުޔު އިއްވީ އެކަމާ ގުޅޭ ގޮތުންނެވެ. ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސެއިން ޝަހީދުއަށް ފެނިވަޑައިގެންނެވީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވިދާނެ ކަމަށެވެ. އެކަމަކު ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އެ ނިންމުން އިސްތިއުނާފު ނުކުރެވޭނެ ކަމެވެ.

ކުރިން ވެސް މިފަދަ މައްސަލަތަކުގައި ހައި ކޯޓުން ފާހަގަކޮށްފައިވާ ފަދައިން، ހުކުމުގައި ފާހަގަކުރީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ބަލާއިރު ބަލަން ޖެހޭނީ ދައުވާ އުފުލިފައިވާ ކުށުގެ މައި އުންސުރުތައް ގާއިމްކޮށްދޭ ވާގިއާތަކަށް ބާރު ލިބޭ ހެކި ދައުލަތުން ހުށަހަޅާފައިވޭތޯ އާއި އެ ހެކިތަކުން ދައުވާ ލިބޭ ފަރާތުން ކުށް ކުރި ކަމަށް ގަބޫލު ކުރެވިދާނެތޯ އެވެ.

ދައުވާ އާއި ހުށަހެޅިފައިވާ ހެއްކަށް ބަލާއިރު، ތުހުމަތުކުރާ ކުށް ނުކުރުމަށް ވުރެ ކުރުން ގާތް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ މަދަނީ މިންގަނޑުން ކުރިއަށްގެންދަން ޖެހޭނެކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ. އަދި އެއީ ދައުލަތުގެ ހުރިހާ ހެކިތައް އެންމެ ފުނަށް ވަޒަންކުރަން ޖެހޭ މަރުހަލާއެއް ނޫން ކަމަށް ވެސް ނިންމި އެވެ.

ހުކުމުގައި ބުނީ އާޒިމާގެ ފަރާތުން ފާހަގަކުރި ގިނަ ކަންތައްތަކަކީ ދަށު ކޯޓުން މައުލޫއީ ގޮތުން މައްސަލަ ބަލާއިރު ގޮތް ކަނޑައަޅަން ޖެހޭ ކަންތައްތައް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ފާހަގަކުރި ބައެއް ކަންކަން:

  • އެކައުންޓު ނަމްބަރުގައި ހުރި ފުށުއެރުމަކީ މައްސަލައިގައި ހުށަހެޅިފައި ހުރި އެހެން ލިޔުންތަކުގެ އަލީގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ މަރުހަލާގައި ކަށަވަރު ކުރެވޭނެ ކަންކަން

  • ނިޔަތާއި އަމަލު ސާބިތު ކުރާނެ ހެއްކެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް އާޒިމާގެ ފަރާތުން ބުނެފައިވާއިރު، ހުކުމުގައި ވަނީ އެކަން ވެސް މައުލޫއީ ގޮތުން ދަށު ކޯޓުން މައްސަލަ ބަލާއިރު ކަށަވަރު ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށް

  • މަނީ ލޯންޑަރިންގެ މައްސަލަތަކުގައި ޕްރިންސިޕަލް އޮފެންޑާގެ މައްޗަށް ދައުވާ ނުކުރެވޭ ހާލަތުގައި އެ ކުށަށް މަގުފަހިކޮށްދިން މީހާގެ މައްޗަށް ދައުވާ ކުރުމަކީ ކުށުގެ ބާވަތާއި ކުށް ކުރި ގޮތަށް ބަލައި ގޮތް ކަނޑައެޅޭނެ ކަމަކަށް ވާތީ އެކަން ވެސް ދަށު ކޯޓުން ބަލާއިރު ގޮތެއް ކަނޑައެޅޭނެ

  • ކުށުގެ އުންސުރުތަކާއި ވާގިއާތަކާ ގުޅޭ ގޮތުން އާޒިމާގެ ފަރާތުން ފާހަގަކޮށްފައިވާ އިތުރު ކަންތައްތަކާ ބެހޭ ގޮތުން ހައި ކޯޓުން ގޮތެއް ކަނޑައެޅިދާނެ ކަމަށް ނުދެކޭ

އެެހެންވެ، ފަނޑިޔާރު ފަރުހީޒާ އާއި ފަނޑިޔާރު ޝާހިދުގެ އަގުލަބިއްޔަތުން ނިންމެވީ، އާޒިމާގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމި ނިންމުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. 

ދަށު ކޯޓުން ނިންމި ނިންމުމަށް ވާސިލުވި ސަބަބު ބަޔާން ކުރަން ނުޖެހޭތީ އާއި މައުލޫއީ ގޮތުން ދަށު ކޯޓުން މައްސަލަ ބަަލަމުންދާތީ އެ މައްސަލައިގައި ރައުޔު ފާޅުކުރީ ދަށު ކޯޓުގައި ބަލަމުންދާ މައްސަލައިގައި ކުރިއާލާ ރައުޔެއް ފާޅުކުރުމުން ދުރުވެ ހުރެ ކަމަށް ވެސް ބެންޗުގެ ރިޔާސަތު ބެލެެހެއްޓެވި ފަރުހީޒާ ލިޔުއްވި އެވެ.

އެނގުން މުހިންމު - ވޮޑަމުލާގެ 1 މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެންޓި-ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އާ އެކު ކުރީގެ ރައީސް ޔާމީން އެއްބަސްވުން ހެއްދެވި ނަމަވެސް، ޔާމީން އެ އެކައުންޓަށް ޖަމާކުރެއްވީ އެހެން ގޮތަކުން ހޯއްދެވި ފައިސާ އެވެ. އެ މައްސަލައިގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ދަށު ކޯޓާއި ހައި ކޯޓުން ސާބިތުވިޔަސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސުޕްރީމް ކޯޓުން ނިންމީ ކުށް ސާބިތުނުވާ ކަމަށެވެ.

އާޒިމާގެ މައްޗަށް ދައުވާ ކުރީ، މަގާމުގައި ހުންނެވި އިރު އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ހައި ކޯޓުގެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރާ ނަމަ، ދަށު ކޯޓުގައި ދެން އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ މަރުހަލާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް