މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އާޒިމާ ވާހަަކަ ދައްކަވަނީ

ސުޕްރީމް ކޯޓުގައި އާޒިމާއަށް ޖަޒުބާތީ ދުވަހެއް؛ އެދިވަޑައިގަތީ އިންސާފަށް

މެންދުރުން ފަށައިގެން އިރުއޮއްސެންދެން އަޑުއެހުން ބާއްވައި ހުކުމް ކުރުމާ ހިސާބަށް މިއަދު ވަނީ މައްސަލަ ގެންގޮސްފައި

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައި ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ޖަޒުބާތީވެ، އަމިއްލަ ދިފާއުގައި ވާހަކަ ދައްކަވައިފި އެވެ.

މައްސަލައިގެ ފެށުން - އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ 1 މިލިއަން ޑޮލަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން ލޯންޑާ ކުރެއްވި ކަމަށް ދައުލަތުން ބުނި މައްސަލައިގައި އެ އެއް އެސްކްރޯ އެކައުންޓަށް ޖަމާކުރި ކަމަށް ބުނެ ލިޔުންތައް ފޮނުވުމުގައި އޭރުގެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ އަމަލުކުރެއްވީ ގާނޫނާ ހިލާފަށް ކަމަށް ބުނެ 2019ގައި އޭނާގެ މައްޗަށް ދައުލަތުން ކުރީ:

  • ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ

  • މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ

އާޒިމާގެ މައްސަލައިގެ ފަަނޑިޔާރު ބަދަލުވެ، އަލުން މައްސަލަ ބަލަން ފަށައިގެން މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭތޯ ނިންމުމުގައި ކްރިމިނަލް ކޯޓުން ނިންމީ އެ މިންގަނޑުން މައްސަލަ ބެލޭނެ ކަމަށެވެ. އާޒިމާގެ ފަރާތުން މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކޮށްފަ އެވެ. އެހެންވެ، އާޒިމާގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓަށް ގެންދިޔަ އެވެ.

އެނގުން މުހިންމު - މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ ބަލާއިރު ބަލަން ޖެހޭނީ ދައުވާ އުފުލިފައިވާ ކުށުގެ މައި އުންސުރުތައް ގާއިމްކޮށްދޭ ވާގިއާތަކަށް ބާރު ލިބޭ ހެކި ދައުލަތުން ހުށަހަޅާފައިވޭތޯ އާއި އެ ހެކިތަކުން ދައުވާ ލިބޭ ފަރާތުން ކުށް ކުރި ކަމަށް ގަބޫލު ކުރެވިދާނެތޯ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގައި ފުރަތަމަ އަޑުއެހުން ބޭއްވިއިރު، އެތައް ގަޑިއިރަކަށް ދިގުލައިގެން ދިޔަ އެ އަޑުއެހުމުގައި އާޒިމާ ވަނީ ޖަޒުބާތީވެ ރޮމުން ވާހަކަ ދައްކައިފަ އެވެ. އޭނާ ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދެވީ އޭނާއާ މެދު ދައުލަތުން އަމަލު ކުރަމުންދާ ގޮތާ މެދު އެވެ.

މިއަދުގެ އަޑުއެހުމުގައި ބަހުސް ކުރި ބައެއް ކަންކަން ކުރުކޮށް

  • އާޒިމާގެ ވަކީލު ނިހާޔަތަށް މި މައްސަލައިގައި ވަކާލާތު ކުރެވޭނެތޯ

  • މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެތޯ

  • އާޒިމާގެ މައްޗަށް ކޮށްފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެތޯ

ދައުވާތަކުގައި ހުރި ގާނޫނީ މައްސަލަތަކާއި އިސްތިއުނާފީ ނުކުތާތަކާ ބެހޭގޮތުން ހައި ކޯޓުގައި ވެސް ދެއްކި ބައެއް ގާނޫނީ ވާހަކަތައް މިއަދު އާޒިމާ އާއި އޭނާގެ ވަކީލުން ތަކުރާރުކުރެއްވި އެވެ. އެގޮތުން، އޭނާގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ދެއްކެވި ވާހަކަތައް ވެސް ތަކުރާރުކުރެއްވި އެވެ. އަދި ފަނޑިޔާރުން ވެސް އެކަންކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވެވި އެވެ.

އޭ ވާހަކަ ފައްޓަވަމުން އާޒިމާ ވިދާޅުވީ، އޭނާގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށްގެންދިޔުމާ މެދު ނިންމުމެއް ނިންމާ ހިސާބަށް އާދެވުނީ ވެސް އެތައް ފަހަރަކު ފަނޑިޔާރު ބަދަލުވެ، މައްސަލަ ކޯޓުގައި އޮތްތާ ގާތްގަނޑަކަށް ތިން އަަހަަރާއި ބައި ފަހުން ކަމަށެވެ. އޭނާ ކުރި ކުށަކީ ކޮބައިކަމެއް ވެސް ދައުލަތުން ސާފުކޮށް ނުދޭ ކަމަށް ވަރަށް އުނގަލުން އާޒިމާ ވިދާޅުވި އެވެ.

ތިން އަހަރާއި ބައި ވި ފަހުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމާފައިވާއިރު، އެ މުއްދަތުގެ ތެރޭގައި އޭނާ އުޅެން ޖެހުނީ ވަޒީފާއެއް ނެތި ކަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެ ވާހަކަ ދައްކަން ފެއްޓެވުމުން އަޑުތުރުތުރު އަޅާ ގޮތްވެ ވާހަކަ ދައްކަވަން އާޒިމާއަށް ދަތިވި އެވެ. އެކަމަކު އޭނާ ވާހަކަ ކުރިއަށްގެންދެވި އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކުރި ދައުވާތައް ސާފުކޮށްދިނުމުގެ މަރުހަލާއާ ހިސާބަށް ވެސް އާދެވުނީ އެތައް ދުވަހަކުން ކަމަށާއި ދައުވާތައް ދައުލަތުން ސާފުކޮށްދިނީ ވެސް ވަރަށް ފަހުން ކަމަށް އާޒިމާ ވިދާޅުވި އެވެ. އެއީ، އޭނާ ދައުވާއިން ދިފާއުވުމުގެ ހައްގުން މަހުރޫމުވެފައިވާ ސަަބަބެއްގެ ގޮތުގައި ދެއްކެވި އެވެ.

"ތިން އަހަރާއި ބައި ވި އިރު އަޅުގަނޑަށް އަދި ކިރިޔާ މި އެނގުނީ ކޮން ދައުވާއެއްކަން އަޅުގަނޑަށް ކޮށްގެން މި އުޅެނީ،" ދައުލަތުން ކޮށްފައިވާ ދައުވާތައް ސާފުކޮށްދިނުމާ ގުޅޭ ގޮތުން އާޒިމާ ވިދާޅުވި އެވެ.

މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމުގެ ބާރެއް ނޯންނަ މީހާ ހުންނަން ޖެހޭނީ އެއްވެސް ކަމެއް ނުކުރެވި ހުއްޓިފައި ކަަމަށް ވެސް އާޒިމާ ވިދާޅުވި އެވެ. އެ ގޮތަށް ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނެކަން އެނގޭ ނަމަ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިފަހައްޓާފައި ތިބި އެތައް ބަޔަކު ފެންނާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

މީހަކު ޖިނާއީ އަދުލުގެ ނިޒާމުގެ ތެރޭގައި ހިފަހައްޓައި އޭނާގެ ވަޒީފާގެ ފުރުސަތުތައް ވެސް ހިފެހެއްޓޭ ކަމަށްވާނަމަ އެ ނިންމުން އިސްތިއުނާފު ކުރެވެން ޖެހޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

"އެެހެންވީމަ އަޅުގަނޑުމެން އާގިއު ކުރަމުން މިގެންދަނީ އިންސާފު ނޫން ގޮތަކަށް މައްސަލަތައް ކުރިއަށްގެންދިޔުމުގެ ފުރުސަތު އެ އޮތީ ދަށު ކޯޓުގައި ހުޅުވިފައޭ،" އާޒިމާ ވިދާޅުވި އެވެ.

ނިހާޔަތަށް މި މައްސަލައިގައި ވަކާލާތު ނުކުރެވޭނެ ކަމަށް ބުނެ އެ މައްސަލައިގައި ގޮތެއް ނިންމައިދިނުމަށް މިއަދު ދައުލަތުން އެދުނެވެ. އެކަމާ ގުޅިގެން ނިހާޔަތު ފާހަގަކުރެއްވީ ސުޕްރީމް ކޯޓުން ބަލަމުންގެންދާ އެ މައްސަލައިގައި އޭނާ އަކީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނޫން ކަމަށެވެ. އަދި އިސްތިއުނާފު ރައްދުވަނީ އާޒިމާއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން، ދައުލަތުގެ އެ ނުކުތާއާ ގުޅިގެން މައްސަލަ ރައްދުވާ އާޒިމާއަށް ޖަވާބުދާރީވެވޭނެ ހައިސިއްޔަތެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އާޒިމާގެ މައްސަލައިގައި ހައި ކޯޓުން ކަނޑައަޅާފައި ވަނީ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް ދައުވާ ރައްދުވާ މީހާއަށް އިސްތިއުނާފު ކުރެވޭނެ ކަމަށެވެ. އެކަމަކު ދައުލަތުން ދެކޭ ގޮތުގައި އިސްތިއުނާފު ކުރެވޭނީ ހަމައެކަނި މަދަނީ މިންގަނޑުން މައްސަލަ ކުރިއަށްނުގެންދެވޭނެ ކަމަށް ނިންމާ ނިންމުންތަކެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމުގައި އެގޮތަށް ނިންމި ބައި ދައުލަތުން ވެސް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ އެވެ.

ދައުލަތުން ހުށަހެޅި މައްސަލައާއި އާޒިމާގެ ފަރާތުން ހުށަހެޅި މައްސަލަ މިއަދު ސުޕްރީމް ކޯޓުގައި ބަލާފައި ވަނީ އެކުއެކީގަ އެވެ. މިއަދުގެ އަޑުއެހުމުގެ ފުރަތަމަ ބައި ކުރިއަށްދިޔައީ އޮންލައިންކޮށެވެ. އެކަމަކު، އާޒިމާގެ ވަކީލުންގެ އޮފީހުގައި އިންޓަނެޓު މައްސަލަ ޖެހުމުން ފަނޑިޔާރުންގެ އެދިވަޑައިގަތުމުގެ މަތިން ކޯޓަށް ހާޒިރުވެގެން އަޑުއެހުން ބާއްވަން ނިންމި އެވެ. އެގޮތުން މިއަދު ހަވީރުން ފެށިގެން އިރުއޮއްސެންދެން ތިން ގަޑިއިރާއި ބަޔަށް ދިގުލައިގެން ދިޔަ އަޑުއެހުމެއް ކޯޓުގައި ބޭއްވި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ބައްލަވާ ބެންޗުގައި ތިއްބަވަނީ:

  • އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން

  • ފަނޑިޔާރު ހުސްނުއްސުއޫދު

  • ފަނޑިޔާރު އައިޝާ ޝުޖޫން

މިއަދު ވަނީ އާޒިމާގެ މައްސަލައިގެ އަޑުއެހުންތައް އެއް ފަހަރާ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ހުކުމް ކުރުމަށް ބާއްވާ އަޑުއެހުމެވެ.



އިތުރު އާޓިކަލް

އިތުރު އާޓިކަލް