ސުޕްރީމް ކޯޓު ކުރިމަތި. (ދައުރު ފޮޓޯ)

ޕީޖީން ވެސް އާޒިމާގެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދަނީ

އާޒިމާގެ ފަރާތުން ވެސް ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައި
25 އޭޕްރީލު 2022

ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްސަލައިގައި ހައި ކޯޓުން ކުރި ހުކުމުގެ ބައެއް ޕީޖީ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އާޒިމާގެ މައްޗަށް ދައުލަތުން ކުރާ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އާޒިމާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ނިންމީ ރަނގަޅަށް ކަމަށް ހުކުމް ކޮށްފަ އެވެ.

އެ މައްސަލައިގައި ދައުލަތުން ހައި ކޯޓުގައި ބުނީ، މަދަނީ މިންގަނޑުން ކުރިއަށްގެންދެވޭނެ ކަމަށް ނިންމާ ނިންމުންތައް އިސްތިއުނާފު ނުކުރެވޭނެ ކަމަށެވެ. އެކަމަކު، ހައި ކޯޓުގައި މައްސަލަ ބެއްލެވި ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ނިންމީ އިސްތިއުނާފު ކުރެވޭނެ ކަމަށެވެ.

ހައި ކޯޓުގައި މިދިޔަ ހަފްތާގައި ބޭއްވި އޮންލައިން އަޑުއެހުމުގައި އާޒިމާ (ވ) އާއި އޭނާގެ ވަކީލުން.

ބުނީ ކީކޭ؟ - ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު 'ދައުރު'އަށް ވިދާޅުވީ، ހައި ކޯޓުގެ ހުކުމުގެ އެ ބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.

ދައުލަތުން ހައި ކޯޓުގެ ހުކުމުގެ އެ ބައި އިސްތިއުނާފު ކުރަން ނިންމާފައި ވާއިރު، އާޒިމާގެ ފަރާތުން ވެސް ވަނީ ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމައިފަ އެވެ. އާޒިމާ ދެކެވަޑައިގަންނަވާ ގޮތުގައި، އޭނާގެ މައްސަލައިގައި ހުށަހެޅިފައި ހުރި ހެކިތަކަށް ބަލައި މަދަނީ މިންގަނޑުން ކުރިއަށްނުގެންދެވޭނެ އެވެ.

މަދަނީ މިންގަނޑުން ބެލުން:

  • ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން މަދަނީ މިންގަނޑުން ބަލާއިރު ބަލަނީ ދައުވާއެއް ކުރުމަށް ފުދޭ ވަރުގެ ހެކިތަކެއް ހުރިކަން ނުވަތަ ނޫން ކަމުގެ މައްޗަށް

  • އެގޮތަށް ބަލާއިރު ފަނޑިޔާރުން ބަލަން ޖެހޭނީ ހުށަހެޅިފައިވާ ދައުވާ އާއި އެ ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ ހުރިހާ ހެކިތަކަށް

  • އެ މަރުހަލާގައި ދައުވާ ސާބިތުކުރުމަށް ހުށަހަޅާ ހެކިތަކަށް އެންމެ ފުނަށް ވަޒަން ކުރާކަށް ނުޖެހޭނެ

  • ހުށަހަޅާފައިވާ ދައުވާގައި ބަޔާންކުރާ ކަންތައްތައް ނުވުމަށް ވުރެ ވުން ގާތް ކަމަށް "ޕްރީޕޮންޑަރެންސް އޮފް ޕްރޮބަބިލިޓީ"ގެ ގާނޫނީ މިންގަނޑުން ފަނޑިޔާރަށް ގަބޫލުކުރެވޭ ނަމަ މައްސަލަ ކުރިއަށް ގެންދަން ޖެހޭނެ




އިތުރު އާޓިކަލް

އިތުރު އާޓިކަލް