ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒް އަލީ (ފައިލް ފޮޓޯ/ އަވަސް)

ހަމަލާ ދިނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން: ޝިމާޒް

ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ވަނީ ގޮވާލައްވާފައި

ޓްރާންސްޕޯޓް މިނިސްޓަރުގެ ނައިބު ޝިމާޒު އަލީއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ދިން ހަމަލާއަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ދިން ހަމަލާއެއްގެ ގޮތުގައި އޭނާ މިއަދު ސިފަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ގަލޮޅު ދަނޑު ކައިރީގައި ހުންނަ ޝިމާޒް ދިރިއުޅުއްވާ ގެއިން އޭނާ ނުކުންނަވަނިކޮށް ގްރޫޕަކުން ވަނީ އޭނާއަށް ހަމަލާދީ މަރާމާރީ ހިންގާފަ އެވެ. އޭގެ ދެ ދުވަސް ފަހުން މިއަދު ހެނދުނު އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން ޓުވީޓެއް ކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އެ ޓުވީޓްގައި ޝިމާޒް ވިދާޅުވީ، އޭނާއަށް ދިން "ނުރައްކާތެރި ހަމަލާ އަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ހިންގި ފިނޑި އަމަލެއް" ކަމަށެވެ. އަދި މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދުމަށް އޭނާ ވަނީ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފަ އެވެ.

"މިކަން ކުރުމުގެ ކުރިން އެކި ގޮތް ގޮތުން އެތައް އިންޒާރެއް އަޅުގަނޑަށް ދީފައި ވާއިރު، މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން ވީހާ ވެސް އަވަހަކަށް ބަލައި މިކަން ކުރި ފަރާތްތަކާ އަދި މި ހަމަލާ ދިނުމުގެ އަޑީގައި ތިބި ފަރާތްތައް ހޯދާ ވީހާ ވެސް އަވަހަކަށް އިންސާފު ގާއިމުކޮށްދިނުމަށް އަޅުގަނޑު އެދެމެވެ،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ހަމަލާގެ ކުރިން، މި މަހުގެ 11ގައި ޝިމާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، އޭނާގެ ބޮލުގައި "ދޮގު ތުހުމަތު އަޅުވާފައި" ސައިކަލަށް ގެއްލުންދީ، އިންޒާރުގެ މެސެޖުތަކެއް ފޮނުވާފައިވެ އެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި އިންޒާރު ދޭން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޝިމާޒަށް ހަމަލާ ދީފައި މި ވަނީ:

  • އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލައި ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ރައީސް އޮފީހަށް މައްސަލަ ހުށަހަޅުއްވާފައި ވަނިކޮށް 

  • ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައިވާ މި ދަނޑިވަޅުގައި ޝިމާޒަށް ހަމަލާ ދިނުމުން ނަހުލާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރާ މޭރުމަކުން އަޑުތައް ފެތުރުނު 

  • ނަމަވެސް ނަހުލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވަނީ އެކަން ދޮގުކޮށްފައި

މި ހަމަލާ ކުށްވެރިކުރައްވަމުން ނަހުލާ ވެސް ހުކުރު ދުވަހުގެ ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އާއިލާއަށް ނިސްބަތްކޮށް "އަބުރު ކަތިލުމުގެ" ވާހަކަތަކެއް ދެއްކި ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީ (ކ) އަދި މިނިސްޓަރު އައިޝަތު ނަހުލާ.

ގުޅުން ހުރި ކަމެއް - މީގެ ކުރިން ވެސް ޝިމާޒަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނާ އެކަން ދޮގުކުރައްވަ އެވެ. އެގޮތުން:

  • ޝިމާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކޮށް، އޭނާ އެކު، އެ މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް މިދިޔަ އަހަރު ފޮނުވި؛ ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވޭ

  • އެ މިނިސްޓްރީގެ އެހެން ބައެއް މައްސަލަތަކެއް ވެސް އޭސީސީން އަންނަނީ ތަހުގީގުކުރަމުން؛ އޭގެ ތެރޭގައި، މީހުންގެ އަތުން ރިޝްވަތު ނަގައިގެން ގަވައިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީކުރި މައްސަލައެއް މިފަހުން ވަނީ ފެންމަތިވެފައި

  • އެ މައްސަލަ ފެންމަތިވުމާ އެކު އެ ރަޖިސްޓްރޭޝަންތައް ބާތިލްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށި؛ ނަމަވެސް ސިވިލް ކޯޓުން ވަނީ އެކަން ހުއްޓުވާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް