Majlis 2024

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ 1 ނޮވެމްބަރު 2021 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

އައިޝަަތު ނަހުލާ

ޝިމާޒްއަށް ދިން ހަމާލާ ކުށްވެރިކުރައްވަމުން ނަހުލާ ވިދާޅުވީ ކޮރަޕްޝަނަށް ފިޔަވަޅު އަޅާނެ ކަމަށް

'މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން' މަސައްކަތްކުރަމުންދާ ކަމަށް ވެސް ނަހުލާ ވިދާޅުވި

އޭނާގެ އާއިލާއަށް ނިސްބަތްކޮށް "އަބުރު ކަތިލުމުގެ" ވާހަކަތަކެއް ދެއްކި ނަމަވެސް، ކޮރަޕްޝަން ހުއްޓުވުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ގްރޫޕަކުން މިރޭ ވަނީ މާލޭ މަގުމަތިން ހަމަލާދީފަ އެވެ. އެކަން ހިނގާފައިވާކަން އޭނާ ނިސްބަތްވާ އެމްއާރުއެމްއިން ކަށަވަރުކޮށްދެ އެވެ. 

ނަހުލާ ވަނީ ޝިމާޒަށް ތުހުމަތު ކުރެވޭ މައްސަލަތަކެއް ރައީސް އޮފީހަށް ހުށަހަޅުއްވައި، ފިޔަވަޅު އެޅުމަށް އެދިވައިގެންފަ އެވެ. އޭގެ ފަހުން މި މަހު 11ގައި ޝިމާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ބޮލުގައި "ދޮގު ތުހުމަތު އަޅުވާފައި" ސައިކަލަށް ގެއްލުންދީ، އިންޒާރުގެ މެސެޖުތަކެއް ފޮނުވާފައިވެ އެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި އިންޒާރުދޭން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. 

  •  މިރޭ ޝިމާޒަށް ހަމަލާދިނީ ނަހުލާ އާއި ޝިމާޒާ ދެމެދު ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި؛ އެއާއެކު އެ ހަމަލާގައި ނަހުލާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރާ މޭރުމަކުން އަޑުތައް ފެތުރު

  • ނަމަވެސް ނަހުލާ ނިސްބަތްވާ ޖުމްހޫރީ ޕާޓީން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައި

  • ޖުމްހޫރީ ޕާޓީން އެ ތުހުމަތުތައް ދޮގު ކުރި ފަހުން ނަހުލާ ވަނީ މި މައްސަލައާ ގުޅޭ ގޮތުން ޓްވީޓްތަކެއް ކުރައްވާފައި 

ބުނީ ކީކޭ؟ - ނަހުލާ ވިދާޅުވީ، ޝިމާޒަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ. ނަމަވެސް "މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް" ކަމަށް ނަހުލާ ވިދާޅުވި އެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" ވަރަށް މަދުން ނޫނީ ޓްވީޓް ނުކުރައްވާ ނަހުލާގެ ޓްވީޓް ނިންމާލައްވަމުން ވިދާޅުވެފައިވެ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީ (ކ) އަދި މިނިސްޓަރު އައިޝަތު ނަހުލާ

މިހާތަނަަށް 500 އެއްހާ ޓްވީޓް ކުރައްވާފައިވާ ނަހުލާގެ މި ޓްވީޓްގައި، ބަލަމުންދާ މައްސަލަތައް ކަމަށް އެ އިޝާރާތް ކުރެއްވީ، އޭނާ ރައީސް އޮފީހަށް ހުށަހެޅުއްވި ޝަކުވާތަކުގެ ވާހަކަ ކަމެއް ސާފެއް ނޫނެވެ. އަދި އެ މައްސަލަތަކަށް އެކި ގޮތްގޮތުން ފޯރުވާ ކަމަށް އެ ވިދާޅުވާ ނުފޫޒުގެ ތަފްސީލެއް ވެސް ނަހުލާ ނުދެއްވަ އެވެ.

ނަހުލާގެ މި ޓްވީޓް ޓްރާސްޕޯޓް މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ވަނީ ރީޓްވީޓް ކޮށްފަ އެވެ.

ނަހުލާގެ ޓްވީޓް

ގުޅުން ހުރި - ޝިމާޒާ ގުޅޭ ޝަކުވާތަކެއް ނަހުލާ ހުށަހެޅުއްވިކަން ރައީސް އޮފީހުން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ހަމައެކަނި ވިދާޅުވީ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ ކަމަށެވެ.

ފަސްމަންޒަރު - ޝިމާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ތަހުގީގުކޮށް، އޭނާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް މިދިޔަ އަހަރު ފޮނުވި އެވެ. ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެ އެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީގެ އެހެން ބައެއް ކޮރަޕްޝަންގެ މައްސަލަތައް ވެސް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި، މީހުންގެ އަތުން ރިޝްވަތު ނަގައިގެން ގަވައިދާ ހިލާފަށް ވެހިކަލް ރަޖިސްޓްރީ ކުރި މައްސަލައެއް މިފަހުން ވަނީ ތިލަވެފަ އެވެ. އެ މައްސަލަ ފެންމަތިވުމާ އެކު އެ ރަޖިސްޓްރޭޝަންތައް ބާތިލްކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ފެށި އެވެ. ނަމަވެސް ސިވިލް ކޯޓުން ވަނީ އެކަން ހުއްޓުވާފަ އެވެ. އަދި އޭސީސީން ބަލަމުންދާ އެ މައްސަލައާ ގުޅިގެން އެ މިނިސްޓްރީގެ ޑިރެކްޓަރަކު މިދިޔަ ބުދަ ދުވަހު، ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސަސްޕެންޑް ކޮށްފަ އެވެ.

އެނގުން މުހިއްމު - ޝިމާޒަށް ހަމަލާދިން މައްސަލަ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެމްއާރުއެމްއިން ވަނީ، މިކަމުގައި އަވަސް ތަހުގީގެއް ހިންގައި ފިޔަވަޅު އެޅުމަށް ގޮވާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް