ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބުގެ މަގާމްގައި ތިއްބެވި ޝިމާޒު (ކ) އަދި ހަމަދު: ވަސާޖިއޯ ކުންފުންޏާ މަސައްކަތް ހަވާލުކުރި މައްސަލައިގައި، ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާކުރަން ފޮނުވި ހަ މީހުންގެ ތެރޭގައި ހިމެނޭ.

ޓްރާންސްޕޯޓުން ނަމްބަރު ބޯޑުގެ މަސައްކަތް ހަވާލުކުރީ ނާޖާއިޒު ފައިދާ ހޯދައިދޭން: އޭސީސީ

އެ މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކުރަން އޭސީސީން މިއަދު ވަނީ ޕީޖީއަށް ފޮނުވާފައި
4 އޮކްޓޯބަރު 2021

އެއްގަމު އުޅަނދުތަކުގައި މެޝިން ރީޑެބްލް ނަމްބަރު ބޯޑު ބޭނުންކުރާ ގޮތަށް ހަމަޖެއްސުމަށް އެ ބޯޑުތައް ތައްޔާރުކުރުމުގެ މަސައްކަތް ޓްރާންސްޕޯޓް އޮތޯރިޓީން ހަވާލުކުރީ އެކަމަށް ހޮވި ކުންފުނި، ވަސާޖިއޯއަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ މަގްސަދުގައިކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އަދި އެ މައްސަލައިގައި، ޓްރާންސްޕޯޓު މިނިސްޓަރުގެ ދެ ނާއިބުން ކަމަށްވާ ޝިމާޒު އަލީ އާއި ހަމަދު އަބްދުލްޣަނީ ހިމެނޭ ގޮތަށް، ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކުރަން އޭސީސީން މިއަދު ވަނީ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފަ އެވެ. އެ މީހުންގެ މައްޗަށް ކުރަން އޭސީސީން އެދުނީ، ގާނޫނުލް އުގޫބާތުގެ ދަށުން، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެވެ.

އޭސީސީން ދައުވާކުރަން ފޮނުވި ހަ މީހުންނަކީ:

  • 1-

    ޝިމާޒު އަލީ (ބްލޫބެލް/ ސ.ހުޅުދޫ)

  • 2-

    ހަމަދު އަބްދުލްޣަނީ (ގ. ސައިމާ/ މާލެ)

  • 3-

    އަލީ އިކްރާމް (ވައިލެޓްވިލާ/ ވ. ކެޔޮދޫ) 

  • 4-

    މުހައްމަދު ނިޒާރު އާދަމް (ގުލްބަކާގެ/ ނ. މަނަދޫ) 

  • 5-

    މަރިޔަމް ސަމާހަތު (ފަތިސްހަނދުވަރުގެ/ ހއ. ހޯރަފުށި)

  • 6-

    މަރިޔަމް ތަސްލީމާ (ނަންބަރު ރސ 9538 / މާލެ)

އެނގުން މުހިއްމު - ނަމްބަރު ބޯޑުގެ މަސައްކަތް ހަވާލުކުރުމުގެ މައްސަލައިގައި ފިޔަވަޅު އަޅަން އޭސީސީން 5 މާޗު 2020ގައި ފިނޭންސް މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން މައްސަލަ ބަލައި، ޕްރޮޖެކްޓް ކުރިއަށް ގެންދަންވާނީ ނެޝަނަލް ޓެންޑާ ބޯޑުން ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ އަންގައިފަ އެވެ. އަދި ވަސާޖިއޯއާ އެކު ހެދި އެއްބަސްވުން 15 އެޕްރީލް 2021ގައި ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ބާތިލްކޮށްފަ އެވެ.

އޭސީސީގެ ތަހުގީގަށް ފާހަގަވި ކަންކަން

  • ރާއްޖޭގައި މެޝިން ރީޑަބަލް ނަމްބަރު ބޯޑު ބޭނުންކުރުމަށް، ބޯޑުތައް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ޓްރާންސްޕޯޓް އޮތޯރިޓީން 31 ޑިސެންބަރު 2019ގައި އިއުލާންކުރުމުން ތިން ކުންފުންޏަކުން ބިޑް ހުށަހެޅި

  • ބިޑު ކޮމިޓީން އެ ޕްރޮޖެކްޓް ހަވާލުކުރުމަށް ނިންމީ ބިޑު އިވެލުއޭޝަން ކްރައިޓީރިއާއާ އެއްގޮތަށް ޕޮއިންޓް ދިނުމުން އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް

  • ވަސާޖިއޯއަށް ބިޑު އެވޯޑު ކުރުމަށް ބިޑު ކޮމިޓީން ނިންމާފައިވަނީ، އިވެލުއޭޝަނުން އެންމެ މަތިން ޕޮއިންޓް ލިބުނު ކުންފުނިން ހުށަހެޅި އަގުތައް ކުޑަ ނަމަވެސް، އެ ކުންފުނިން އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅާފައި ނުވާތީ އެކުންފުނީގެ ބިޑު ބާޠިލުކުރުމަށް ފަހު.

  • އަދި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ބިޑާއެކު ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކަށް ވުރެ އަނެއް ދެ ކުންފުނިން ހުށަހަޅާފައިވާ ސާމްޕަލް ބޯޑުތަކުގެ ކޮލިޓީ ދަށް ކަމަށާއި މައުލޫމާތު ކަރުދާހުގައި ބަޔާންކުރާ، ސާމްޕަލް ނަމްބަރު ބޯޑުތަކުގައި ހުންނަންޖެހޭ ޝަރުތަތަކާ އެއްގޮތަށް ސާމްޕަލް ނަންބަރު ބޯޑު ހުށަހެޅީ ހަމައެކަނި ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑުން ކަމަށް ވާތީ ކަމަށް ބިޑް ކޮމިޓީން ބުނެފައިވޭ.

  • ނަމަވެސް، އެސްއެމްއީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންޖެހޭނެ ކަމަކަށް ވެސް އަދި ބިޑާ އެކު ހުށަހަޅަންޖެހޭ ސާމްޕަލް ނަމްބަރު ބޯޑުތަކުގެ ވަރުގަދަމިނާއި ކޮލިޓީއަށް ބަލާނެ ކަމަކަށް ވެސް މައުލޫމާތު ކަރުދާހުގައި ބުނެފައެއް ނެތް

  • ބިޑު ހުށަހެޅި ތިން ކުންފުނިން ވެސް ހުށަހެޅި ސާމްޕަލް ނަންބަރު ބޯޑުތަކުގައި، މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވޭ

  • އިއުލާނާ ގުޅޭ ހުރިހާ ލިޔުންތައް ބިޑުތަކާ އެކު ބިޑު ކޮމިޓީއަށް ހުށަހަޅާފައިވާކަމާއި ބިޑު އެވޯޑު ކުރުމުގައި އެ ލިޔުންތަކާއި މައުލޫމާތު ކަރުދާހަށް ބިޑު ކޮމެޓީން ބަލާފައި ނުވާކަން އެނގޭ

"ވުމާއެކު، އިއުލާނާ އެކު އާންމުކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައި ނުވާ ކަންތައްތަކަކަށް ބަލައި އިވެލުއޭޝަނުން ދެވަނައަށް ދިޔަ ވަސާޖިއޯ ޕްރައިވެޓް ލިމިޓެޑަށް އެ ބިޑު އެވޯޑުކޮށްފައިވަނީ އެ ފަރާތަށް ލިބެން ނުޖެހޭ ނާޖާއިޒު މަންފާއެއް ހޯދައިދިނުގެ މަގުސަދުގައިކަން ތަހުގީގަށް ސާބިތުވެ އެވެ،" އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އޭސީސީން މި ތަހުގީގު ހިންގީ، ނަމްބަރު ބޯޑުގެ މަސައްކަތަށް ހުށަހެޅި ބައެއް ބިޑްތައް ބާތިލްކުރުމަށް ފަހު ވަކި ފަރާތަކަށް ބިޑު އެވޯޑްކުރަން އުޅޭ ކަމަށް ބުނެ ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް