ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީ (ކ) އަދި މިނިސްޓަރު އައިޝަތު ނަހުލާ

ޝިމާޒަށް ހަމަލާދިނުމުގައި ނަހުލާގެ ބައިވެރިވުމެއް ނޯންނާނެ: ޖޭޕީ

ޖޭޕީއިން ބުނީ މިނިސްޓަރާއި ޝިމާޒާ ދެމެދު ޒާތީ ކަމެއް ނެތް ކަމަށް

ޓްރާންސްޕޯޓް މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީއަށް ހަމަލާދިނުމުގައި މިނިސްޓަރު އައިޝަތު ނަހުލާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށް ނަހުލާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މިރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ޝިމާޒަށް މިރޭ ބަޔަކު މަގުމަތިން ހަމަލާދީފައިވާ ކަމަށް މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ވަނީ ބުނެފަ އެވެ. އެ ހަމަލާދިނީ، އޭނާގެ ސައިކަލަށް ގެއްލުންދީ އިންޒާރުތައް ދެމުންދިޔަ ކަމަށް ޝިމާޒު މީގެ ދުވަސްކޮޅެއް ކުރިން ވިދާޅުވެފައި ވަނިކޮށެވެ.

ފަސްމަންޒަރު - އެމްއާރުއެމްގެ ސްލޮޓެއްގައި ޓްރާންސްޕޯޓުގެ ނައިބު ކަމުގައި ހުންނެވި ޝިމާޒުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅޭ ޝަކުވާތަކެއް، ނަހުލާ ވަނީ ރައީސް އޮފީހަށް ހުށަހަޅުއްވައިފަ އެވެ.

ތަފްސީލު - ޝިމާޒަށް ހަމަލާދިނީ ނަހުލާ އާއި އޭނާއާ ދެމެދު ޖެހިފައިވާ މައްސަލައެއްގެ ތެރެއިން ކަމަށް ދޭހަވާ ގޮތަށް ހަބަރު ފަތުރާތީ ރައްދު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާނު އަލީ ސޯލިހް ވިދާޅުވީ، އެ ހަމަލާގައި އެ ޕާޓީ އާއި ނަހުލާގެ އެއްވެސް "ޝާމިލްވުމެއް ނޯންނާނެ" ކަމަށެވެ. ޖޭޕީ އިން މީޑީއާއަށް މައުލޫމާތު ދޭ ވައިބާ ގްރޫޕުގައި އޭނާ ވިދާޅުވީ އެއީ އަބުރު ކަތިލުމަށް ފަތުރާ ދޮގެއް ކަމަށެވެ.

އެނގުން މުހިއްމު - ނަހުލާ މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޝިމާޒަށް ދިން ހަމަލާ ކުށްވެރިކުރައްވައިފަ އެވެ. އޭނާ އަދި ވިދާޅުވީ "މައްސަލަތައް ބަލަމުންދާ ދަނޑިވަޅުގައި މިކަމަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތްކޮށް، މިކަމުގެ ތެރޭގައި އަޅުގަނޑުގެ އާއިލާ އަށް ނިސްބަތްކޮށް" ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެއީ "އަބުރު ކަތިލުމުގެ ހުތުރު އަމަލުތަކެއް" ކަމަށް ސިފަކުރައްވައި އޭނާ ވަނީ ރައްދުދެއްވައިފަ އެވެ.

"ކޮރަޕްޝަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތް ފަސްޖެހުމެއްނެތި ކުރާނެ ވާހަކަ ދަންނަވަން،" ނަހުލާގެ ޓްވީޓުގައި އިތުރަށް ވިދާޅުވި އެވެ.

ޝިމާޒާއި ނަހުލާއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި އަލީ ސޯލިހް ވިދާޅުވީ، "ކޮަރަޕްޝަންގެ ތުހުމަތުތަކެއް ކުރެވޭ ނަމަ، އެކަމުގައި ސިޔާސީ މީހުންނާ މެދު ފިޔަވަޅު އަޅަން އޮންނަ އުސޫލުން ރައީސް އޮފީހަށް ފޮނުވުން އެއީ ނިޒާމުގެ ތެރެއިން ވަޒީރު ކުރައްވާ ކަމެއް" ކަމަށެވެ.

"އެއީ ޒާތީ ކަމެއް ނޫން. އެހެންވީމަ، އެކަން ޒާތީ ކަމެއްގެ ގޮތުގައި ސިފަ ވާނެ އެއްވެސް އަސްލެއް ނެތް ކަމެއް،" ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހް ނަހުލާގެ ދިފާއުގައި ވިދާޅުވި އެވެ.

ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު (ފައިލް ފޮޓޯ/ މިހާރު)

ގުޅުން ހުރި - ޝިމާޒާ ގުޅޭ ޝަކުވާތަކެއް ނަހުލާ ހުށަހެޅުއްވިކަން ރައީސް އޮފީހުން ވަނީ މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ހަމައެކަނި ވިދާޅުވީ، އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އޮތް ނަމަ އަޅާނެ ކަމަށެވެ.

ޝިމާޒުގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް، އޭނާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް މިދިޔަ އަހަރު ވަނީ ފޮނުވައިފަ އެވެ. ޝިމާޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

ފުލުހުންގެ ބަސް - ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ބުނީ، ޝިމާޒަށް ހަމަލާދޭން އުޅުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ޝިމާޒް ވަނީ ފުލުހުންގެ މައި އިދާރާއަށް ވަޑައިގެން ބަޔާނެއް ދެއްވައިފަ އެވެ.

އެނގުން މުހިންމު - ޝިމާޒު މި މަހު 11ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ބޮލުގައި "ދޮގު ތުހުމަތު އަޅުވާފައި" ސައިކަލަށް ގެއްލުންދީ، އިންޒާރުގެ މެސެޖުތައް ފޮނުވާފައިވެ އެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި އިންޒާރުދޭން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޭގެ ފަހުން މިރޭ، ގަލޮޅު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހުންނަ އޭނާގެ ގެއިން ނުކުތް ވަގުތު ބަޔަކު ވަނީ ހަމަލާދީފަ އެވެ. މިކަމުގެ މައުލޫމާތު އެނގޭ މީހަކު 'ދައުރު'އަށް ބުނީ، ހަމަލާގައި އޭނާގެ އަނގަމަތި ފަޅާލާފައިވާ ކަމަށެވެ.

މި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްއާރުއެމްއިން ވަނީ މިރޭ ގޮވާލާފަ އެވެ.

ކޮމެންޓް (1)

ހަސަން

19 ނޮވެމްބަރު 2022
ނަހުލާއަކީ ރަނގަޅު ކުއްޖެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް