ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒު (ފައިލް ފޮޓޯ/ މިހާރު)

މާރާމާރީ

އިންޒާރުތަކަށް ފަހު ޝިމާޒަށް ހަމަލާދީ ޒަހަމްކޮށްލައިފި

އެ ހަމަލާ ދިން މީހުން ހޯދައި ތަހުގީގުކުރުމަށް އެމްއާރުއެމް އިން ވަނީ ގޮވާލާފައި
18 ނޮވެމްބަރު 2022

ޓްރާންސްޕޯޓު މިނިސްޓަރުގެ ނާއިބު ޝިމާޒް އަލީއަށް މިރޭ ބަޔަކު މަގުމަތިން ހަމަލާދީފައިވާ ކަމަށް އޭނާ ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި ޝިމާޒަށް ހަމަލާދިނީ ގަލޮޅު ފުޓްބޯޅަ ދަނޑު ސަރަހައްދުގައި ހުންނަ އޭނާގެ ގެއިން ނުކުތް ވަގުތު އެވެ. ހަމަލާގައި އޭނާގެ އަނގަމަތި ފަޅާލާފައިވާ ކަމަށްވެ އެވެ.

ހަމަލާއަށް ފަހު ޝިމާޒް ވަނީ ފުލުހުންނަށް އެ މައްސަލަ ހުށަހެޅުއްވުމަށް ވަޑައިގެންފަ އެވެ.

ތަފްސީލް - ޝިމާޒަށް ދިން ހަމަލާ ކުށްވެރިކޮށް އެމްއާރުއެމް އިން ވަނީ އެ ހަމަލާ ދިން މީހުން ހޯދައި ކަމާބެހޭ ފަރާތްތަކުން އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.

އެނގުން މުހިއްމު - ޝިމާޒު މި މަހު 11ގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާގެ ބޮލުގައި "ދޮގު ތުހުމަތު އަޅުވާފައި" ސައިކަލަށް ގެއްލުންދީ، އިންޒާރުގެ މެސެޖުތައް ފޮނުވާފައިވެ އެވެ. އަދި އޭނާގެ އާއިލާއަށް ގުޅައި އިންޒާރުދޭން ފަށާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޝިމާޒުގެ ޓްވީޓް

 ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މިފަހުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ޝިމާޒުއާ ބެހޭގޮތުން ޝަކުވާތަކެއް ހުށަހަޅުއްވާފައިވާ ކަމަށް މީޑިއާގައި ރިޕޯޓުކޮށްފައިވެ އެވެ. އެކަމާ ބެހޭގޮތުން ރައީސް އޮފީހުން ބުނެފައިވަނީ ނަހުލާގެ ސިޓީއެއް ލިބިފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ޝިމާޒުގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރިންސުރެ ކުރެވެ އެވެ. އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި، ޝިމާޒްއާ އެކު، ޓްރާންސްޕޯޓް މިނިސްޓްރީގެ ބިޑް ކޮމިޓީގެ ހަ މެމްބަރުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްއަށް މިދިޔަ އަހަރު ވަނީ ފޮނުވައިފަ އެވެ. ޝިމާޒު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް