ދިފާއީ ވަކީލު ނިހާޔަތު (ވ) ގެވެށި އަނިޔާގެ ވާހަކަތައް ދައްކަމުން ދިޔަ އިރު ނަޒާހާ ދިޔައީ ރޮމުން.

އަނިޔާ އާއި މަރުގެ ވާހަކަތައް 11 އަހަރު ފަހުން؛ ނަޒާހާއަށް ކަރުނަ ނުހިފެހެއްޓުނު

ނަޒާހާގެ ދިފާއަކީ އެއީ ލިބިދާނެ އަނިޔާއަކުން ސަލާމަތް ވުމަށް އަމިއްލަ ދިފާއުގައި ގަސްތެއް ނެތި ކުރެވުނު ކަމެއް ކަމަށް

ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލިކަން ސާބިތުވެ ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާ، 25 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކުރީ 2011 ގަ އެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލި ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ވެސް ތާއީދުކުރި އެވެ.

ޖޫން 2010 ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެކަމަށް ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ނަޒާހާ އިންކާރުކޮށްފަ އެއް ނުވެ އެވެ. ޝާހިދުގެ ބުރަކައްޓަށް ވަޅި ޖެހުމަށް ފަހު އެކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އަދި ވަޅި އޮތް ތަން ފުލުހުންނަށް ކިޔައިދީ، އެ ވަޅި ދެއްކީ ވެސް ނަޒާހާ އެވެ.

މިއަދު އެ މައްސަލައިގެ ޝަރީއަތުގެ އެންމެ ފަހު މަރުހަލާ ސުޕްރީމް ކޯޓުގައި ފެށުމުން ވެސް، އެ ހަގީގަތަށް ނަޒާހާ އިންކާރު ނުކުރާ ކަމަށް ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު ވިދާޅުވި އެވެ.

ނަމަވެސް، ނަޒާހާގެ ފަރާތުން އެދުނީ ފިރިމީހާގެ ގަޔަށް ވަޅިއެއް ޖެހުމާ ހަމައަށް ނަޒާހާ ބަލިކަށިވެގެން ދިޔަ ހަގީގަތަށް ޝަރީއަތުން ރިއާޔަތްކޮށްދިނުމަށެވެ. ޝާހިދުއާ އެކު އޭނާ ހޭދަކުރި އަނިޔާވެރި، ބިރުވެރި ދުވަސްތަކުގެ ސަބަބުން އޭނާގެ ނަފްސާނީ ހާލަތު ގޯސްވެގެން ދިޔަ ކަމީ ވެސް ހަގީގަތެއް ކަމަށް ބަލައިގަތުމަށެވެ.

އެންމެ ކުރިން ފެށިގެން ވެސް ނަޒާހާ ބުނަމުން އަންނަނީ ޝާހިދަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށާއި އެއީ ހީނަރުވެފައިވާ ނަފްސާނީ ހާލަތެއްގައި ހުރެ، އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށެވެ. އެންމެ މަތީ ކޯޓުގައި ވެސް އަމިއްލަ ދިފާއުގައި ނަޒާހާގެ ފަރާތުން މިއަދު ދެއްކީ އެ ވާހަކަތަކެވެ.

މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މަރްޔަމް ނަޒާހާ (ކ) މިއަދު ސުޕްރީމް ކޯޓުގައި.

އިސްތިއުނާފީ ނުކުތާތައް ހުށަހަޅައިދެއްވުމަށް ފަހު، ޝާހިދަށް ނަޒާހާ ހަމަލާދިނުމާ ހަމައަށް ކަން ހިނގި ގޮތް ކިޔައިދެއްވީ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު އެވެ. ނިހާޔަތު އެ ވާހަކަތައް ކިޔައިދެއްވަން ފެއްޓެވުމާ އެކު، ގަދަ ރަތް ކުލައިގެ ޖަލު ޔުނީފޯމުގައި އިން ނަޒާހާގެ ލޮލުން ކަރުނަ ހިލެން ފެށި މަންޒަރު ފެނުނެވެ. އަދި އަނިޔާތަކުގެ ވާހަކަ ތަފްސީލުވަމުން ދިޔަ ވަރަކަށް އޭނާ ގިސްލަގިސްލާފައި ރޮމުން، އަތުގައި އޮތް މާސްކާއި ޓިޝޫއަކުން ކަރުނަތައް ފޮހެން މަސައްކަތް ކުރަމުން ދިޔަ ތަން ފެނުނެވެ.

އެ ހާދިސާއަށް މިހާރު 11 އަހަރު ވެއްޖެ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާއަށް އިއްވި 25 އަހަރުގެ ޖަލު ހުކުމުން ހަމަ އެ މުއްދަތު އެ ވަނީ ތަންފީޒުކޮށްފަ އެވެ. ހައި ކޯޓުން މައްސަލަ ނިންމިތާ ހަ އަހަރު ފަހުން އިސްތިއުނާފުގެ ފަހު މަރުހަލާ ފަށައި ސުޕްރީމް ކޯޓުގައި އަލުން ގެވެށި އަނިޔާގެ ވާހަކަތަކާއި ޝާހިދު މަރުވެ ދިޔަ ހާދިސާގެ ވާހަކަތައް ދައްކަން ޖެހުމުން ނަޒާހާއަށް ވަމުން ދިޔަ އުނދަގޫތައް ވަރަށް ސާފުކޮށް ފެންނަމުން ދިޔަ އެވެ.

'ދިފާއުގައި ވަޅި ނެގުނީ ބޭއިހްތިޔާރުގައި'

ނަޒާހާ އެކި މަރުހަލާތަކުގައި ކިޔައިދީފައިވާ ގޮތުން، ހާދިސާ ހިނގި ދުވަހު ގޭގައި ހުއްޓާ ނަޒާހާގެ ފޯނަށް ޝާހިދު ތަކުރާރުކޮށް ގުޅަމުން ދިޔަ އެވެ. ނަމަވެސް، އެ ފޯނު ކޯލުތަކަށް ނަޒާހާ ޖަވާބެއް ނުދެ އެވެ. ފޯނު ނުނެގުމުން ޝާހިދު އައިސް ރުޅިވެރިކަން ބޭލުމުގެ ގޮތުން އަނިޔާކުރަން ކޮންމެވެސް އެއްޗެއް ހޯދާނެކަން ނަޒާހާއަށް އެނގެ އެވެ. އެއީ ކޮންމެ ދުވަހެއްގެ ވެސް އާދަ ކަމަށް ވުމުން، ޝާހިދު އައިސް ހަމަލާ ދިނުމުގެ ކުރިން އަމިއްލަ ނަފްސުގެ ދިފާއުގައި އެ ވަޅި އިސްކުރެވުނީ ކަމަށް ނަޒާހާ ބުންޏެވެ.

"ނަޒާހާ އަކީ ޝާހިދުގެ ފަރާތުން އެތަކެއް އަހަރުތަކެއް ވަންދެން ތަކުރާރުކޮށް ގެވެށި އަނިޔާގެ އަމަލުތަކުން އަނިޔާ ލިބި ގިނަ ލަކުނުތަކެއް ހުރި ފަރާތަކަށް ވާތީ، ދެން އޭނާއަށް ކުރިމަތިވާން އޮތީ ކޮން އަނިޔާއެއް ކަމެއް ވެސް ނޭނގޭ ހާލުގައި [ނަޒާހާ ހުރީ]،" ނިހާޔަތު ވިދާޅުވި އެވެ.

"ނަޒާހާ އެއްވެސް އިރެއްގައި ވިސްނާފައެއް ނެތް ހަސަން ޝާހިދު މަރާލާނަމޭ، ހަސަން ޝާހިދު މަރާލަން ވެއްޖެޔޭ، އޭނާއަށް ހަމަލާއެއް ދޭން ވެއްޖެޔޭ."

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހިމް މިއަދުގެ ޝަރީއަތުގެ ބެންޗުގައި.

އެ ދުވަހުގެ ހަމަލާގެ ފަހަތުގައި އެތަކެއް ހަގީގަތްތަކެއް އެކުލެވިގެންވާ ކަމަށް ނިހާޔަތު ވިދާޅުވި އެވެ. ޝާހިދު އަބަދު ވެސް އަނިޔާކުރާ ވާހަކަ ނަޒާހާ އެކި މީހުން ގާތުގައި ބުނެފައި އެބަހުއްޓެވެ. ނަޒާހާގެ ހަށިގަނޑުގައި ނޫފައިގެންފައި ހުންނަ ތަންތަނާއި ލަކުނުތައް ފެނުނު އެތައް ބަޔަކު ވެސް އެއް ތިއްބެވެ. އޭނާއަށް ޝާހިދު އަނިޔާކުރުމުގެ ސަބަބުން އެތައް ފަހަރަކު ސިއްހީ ފަރުވާ ހޯދި އެވެ. އެތައް ފަހަރަކު ގެވެށި އަނިޔާގެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރި އެވެ.

ނަޒާހާގެ ފަރާތުން ބުނީ އެ ހުރިހާ ކަމެއްގެ ތަފްސީލުތައް ޝަރީއަތަށް ހިއްސާކުރި ނަމަވެސް، އެކަމުގެ ހަގީގަތްތަކަށް ތަހުގީގާއި ޝަރީއަތުން ވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ.

އަނިޔާގެ ވާހަކަތައް ތަފްސީލުކޮށް ކިޔައިދެއްވުމަށް ފަހު ނިހާޔަތު ވަނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަމަލުކުރާ ގޮތްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ އެތައް ގޮތަކުން ގެވެށި އަނިޔާ ތަހައްމަލުކުރަން ޖެހިފައިވާ މީހަކަށް، އެ އަނިޔާތަކުގެ ސަބަބުން ލިބިފައިވާ ނަފްސާނީ ގެއްލުމުން ސަލާމަތް ނުވެވި، އަނިޔާކުރާ ފަރާތުގެ ކިބައިން ސަލާމަތް ވާން ކުރާ ކަމަކުން އެ ފަރާތަށް ޖިނާއީ މަސްއޫލިއްޔަތު އުފުލުން ނުޖެހޭކަން މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ބަލައިގެންފައިވާ ކަމަށެވެ.

މަރުގެ މައްސަލައެއްގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ މަރްޔަމް ނަޒާހާ (މ) އާއި ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު: އިސްތިއުނާފުގެ ފަހު މަރުހަލާ ސުޕްރީމް ކޯޓުގައި މިއަދު ވަނީ ފަށާފައި.

ދިގު މުއްދަތެއް ވަންދެން ގެވެށި އަނިޔާ ލިބި، އެ ކަމުން ސަލާމަތް ނުވެވޭ މީހުންނަށް ލިބޭ ނަފްސާނީ ގެއްލުމަށް ކިޔަނީ 'ބެޓާޑް ވުމަން ސިންޑްރޯމް' އެވެ. އެއީ ޕީޓީއެސްޑީގެ ބާވަތެއްގެ ގޮތުގައި ހިމެނޭ ކަމެކެވެ. ނިހާޔަތު ވިދާޅުވީ ދަށު ކޯޓުގައި މި މައްސަލަ ހިނގި އިރު ވެސް 'ބެޓާޑް ވުމަން ސިންޑްރޯމް'އާ ގުޅިގެން ވާހަކަދެއްކި ނަމަވެސް އެ ކަމަށް ޝަރީއަތުން ރިއާޔަތް ނުކުރި ކަމަށެވެ.

އޭގެ އިތުރުން، އެއީ ނަޒާހާގެ އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށް ބުނެ ވެސް އޭރުގެ ދިފާއީ ވަކީލު ގިނަ ކަންތައްތަކެއް ހުށަހެޅުއްވި ކަމަށް ނިހާޔަތު ވިދާޅުވި އެވެ.

"އެތަކެއް އަހަރެއް ވަންދެން އެއް ސައިކަލް ތެރޭގައި އެ ކަމުން ސަލާމަތް ވެވޭނެ ގޮތެއް ނުވެފައި، މަގެއް ނުފެނިފައި، އެ ކަމުން ނުކުތުމަށް އެހީތެރިވެދޭނެ އެއްވެސް ވާގިވެރިޔަކު ނެތިފައި ހުރި މީހަކު އެކަމުގެ ތެރެއަށް ގޮސް ގޮތް ހުސްވެ އަމިއްލަ ނަފްސުގެ ދިފާއުގައި އެ ދުވަހު ވިސްނުމެއް ނެތި ކުރެވުނު ކަމެއްގެ ސަބަބުން ނަޒާހާ މިއަދު މި ތަނުގައި އިންނަން މި ޖެހުނީ،" ނިހާޔަތު ވިދާޅުވި އެވެ.

އެ ވާހަކަތައް ކިޔައިދެމުން ދިޔަ އިރު ނަޒާހާ ހުއްޓާނުލާ ރޮމުން ދިޔަ އެވެ.

'ހާދިސާ ހިނގި ދުވަހު އަނިޔާކުރިތޯ ބަލާކަށް ނުޖެހޭނެ'

ނިހާޔަތު ވިދާޅުވީ ނަޒާހާގެ ފަރާތުން ނެގި ދިފާއުތަކާ ގުޅިގެން، ހަމަލާ ދިން ދުވަހު ޝާހިދުގެ އަމަލުތައް ހުރި ގޮތް ބަލަން ދައުލަތުން އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް، އެ ދުވަހު ޝާހިދު ނަޒާހާ ގައިގައި ޖަހާފައި ވޭތޯ ނުވަތަ އިތުރު އަނިޔާއެއް ދިންތޯ ބަލަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ބައެއް މައްސަލަތަކަށް ވެސް ނިހާޔަތު އަލިއަޅުވާލެއްވި އެވެ. އޮސްޓްރޭލިއާގެ ސުޕްރީމް ކޯޓުގެ ނިންމުމަކާ ހަވާލައިދެއްވައި ނިހާޔަތު ވިދާޅުވީ އަމިއްލަ ނަފްސުގެ ދިފާއު މީހަކަށް ދޭން ބަލާއިރު، އެ މީހަކު އެ ވަގުތު ނުރައްކަލަށް ހުށަހެޅިފައި ވޭތޯ ބަލަން ނުޖެހޭ ކަމަށް އެ ނިންމުމުގައި ބުނާ ކަމަށެވެ. އަދި އޭގެ ކުރިން ތަކުރާރުކޮށް އެފަދަ އަނިޔާ ލިބެމުން ގޮސްފައިވާ ނަމަ، އެފަދަ އަނިޔާއެއް ކޮންމެ ދުވަހަކު ވެސް ލިބިދާނެ ކަމަށާއި އެއީ އެ ވަގުތު ވެސް އަމިއްލަ ނަފްސަށް ނުރައްކަލެއް އޮތް ކަމަށް ބަލަން ޖެހޭނެ ކަމަށް އެ ހުކުމްގައި ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޝާހިދު ކޮންމެހެން އެ ދުވަހު އަތް ނަގާފައި ހުރެގެނެއް ނޫނޭ ޝާހިދު އަނިޔާކުރާނެ ކަމަށް ނަޒާހާ ބަލަން ޖެހޭނީ. ނަޒާހާ އާއި ޝާހިދުއާ ދިމާވާ ކޮންމެ ދުވަހަކީ އޭނާ ނަޒާހާއަށް އަނިޔާކުރާ ދުވަހެއް ކަމުގައި ވަނީ ނަމަ ޝާހިދު އެ ދުވަހު ވެސް އައިސް ކުރާނީ އަނިޔާ ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް،" ނިހާޔަތު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން މިއަދުގެ ޝަރީއަތުގެ ރިޔާސަތުގައި.

ހާދިސާ ހިނގި ދުވަހުގެ ކުރިން ޝާހިދު ނަޒާހާއަށް ދިން އިންޒާރެއް ވެސް ވަކީލު ކޯޓުގައި ތަކުރާރުކުރެއްވި އެވެ.

"އެއީ ބަޔަކު މީހުން ގޮވައިގެން އައިސް ޖިންސީ ގޯނާ ކުރާނެ ކަމުގެ. އޭނާގެ އިއްފަތްތެރިކަން ނަގާލާނެ ކަމުގެ އިންޒާރު ޝާހިދުގެ ފަރާތުން ނަޒާހާއަށް ލިބިފައިވޭ،" އޭނާ ވިދާޅުވި އެވެ.

"އެހެން ކަމަށް ވާނަމަ، އެ ދުވަހު ޝާހިދު އަޑު ހަރުކޮށް އަންނާށޭ އަންނާށޭ މި ހުރީއޭ މިހެން ބުނުމުން ނަޒާހާއަށް ސިފަކުރުމުގެ ފުރުސަތު އެބަ އޮތޭ އޭނާ ބަޔަކު މީހުންނަށް ގޮވަނީއޭ، ބަޔަކު މީހުން ގޮވައިގެންނޭ އެ އައީ ދީފައި އޮތް އިންޒާރާ އެއްގޮތަށް އެކަން ފުރިހަމަ ކުރުމަށް. އެހެންވެ އެ ބިރުވެތިވެ ހުރި ހާލުގައި އެކަން ކުރެވުނީ. އެއްވެސް ހާލެއްގައި އެކަން ކުރުމުގެ [ވަޅި ޖެހުމުގެ] ކުރިއަށް ޝާހިދު އިސްވެ ކަމެއް ކޮށްފައި އޮންނާކަށް ނުޖެހޭ. އެ ވަގުތު އަތް އިސްވެފަ އޮންނާކަށް ނުޖެހޭނެ."

'ވާރިސުން މަރަށް މަރު ނުހިފުމަކީ ވެސް ބޮޑު ވާހަކައެއް'

ނަޒާހާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވި ނަމަވެސް، އޭނާއަށް މަރުގެ އަދަބު ދޭން ބޭނުންވީ ޝާހިދުގެ އާއިލާގެ އެންމެ މީހެކެވެ. ދެން ތިބި ހުރިހާ ވާރިސުން ވެސް ބުނީ ނަޒާހާގެ ފަރާތުން ގިސޯސް ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު މިއަދުގެ ޝަރީއަތުގައި.

ނިހާޔަތު ވިދާޅުވީ ނަޒާހާއަށް ޝާހިދު އަނިޔާކުރާ ކަމަށާއި އެތައް އަނިޔާއެއް ލިބިފައިވާކަން ޝާހިދުގެ އާއިލާއަށް ވެސް އެނގެ އެވެ. އެހެންކަމުން، ނަޒާހާއަށް އިތުރު އަނިޔާއެއް ދޭން އާއިލާއިން ބޭނުން ނުވީ ކަމަށް ނަޒާހާ ގަބޫލުކުރާ ކަމަށެވެ.

"ޝާހިދަށް އަނިޔާއެއް ލިބި އެ އަނިޔާގައި ނިޔާވި ނަމަވެސް ނަޒާހާއަށް އިތުރު ތަކުލީފެއް ޖައްސަން އާއިލާއިން ބޭނުން ނުވި،" ނިހާޔަތު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތް

ސުޕްރީމް ކޯޓުގައި މިއަދު މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް ފެށިއިރު، ނަޒާހާގެ ފަރާތުން އެދޭ ގޮތަށް ކުޑަ ބަދަލެއް ވަނީ ގެނެސްފަ އެވެ. ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން، އެ ގޮތަށް ހުށަހެޅޭ ބަދަލާ މެދު ގޮތް ނިންމުމުގެ އިހްތިޔާރު ފަނޑިޔާރުންނަށް ލިބެ އެވެ.

މި މައްސަލައިގައި ހުށަހެޅި ބަދަލު ބަލައިގަނެ އެގޮތަށް ކުރިއަށް ގެންދަން ފަސް ފަނޑިޔާރުންގެ ބެންޗުން ނިންމެވި އެވެ.

މިއަދުގެ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ވަނީ ފަސް އިސްތިއުނާފީ ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެއީ:

  • 1-

    ކްރިމިނަލް ކޯޓާއި ހައި ކޯޓުން ދައުވާ ސާބިތުވާ ކަމަށް ނިންމީ ނަޒާހާގެ ފަރާތުން ހުށަހެޅި ދިފާއުތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތް ނުކޮށް ކަމަށް

  • 2-

    ހައި ކޯޓުން ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ނަޒާހާގެ މައްޗަށް އިއްވި އުމުރަށް ޖަލަށްލުމުގެ އަދަބަށް ލުއި ދެވިދާނެ ކަމަށް ބަޔާންކުރި ނަމަވެސް އެ ގޮތަށް އަމަލުކޮށްފައި ނުވުން

  • 3-

    ތަހުގީގު ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި ނަމަވެސް، ހެކިން ހާޒިރުނުކޮށް، ހަމައެކަނި ނަޒާހާ ޝަރީއަތުގައި ދެއްކި ވާހަކަތަކަކީ އޭނާ ވީ އިއުތިރާފެއް ކަމަށް ބަލައިގެން، އެއީ ސައްހ އަދި ހަގީގަތްތަކުގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަން ޝަރީއަތުން ކަށަވަރުނުކޮށް ދައުވާ ސާބިތުވާކަމަށް ނިންމުން 

  • 4-

    ނަޒާހާ އަކީ މަރުވި ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުން ދިޔަ، އަދި ދިގުމުއްދަތަކަށް އެ އަނިޔާއިން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައި ހުރި މީހަކަށް ވާއިރު އޭނާގެ ނަފްސާނީ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ނުކޮށް މައްސަލަ ނިންމުން 

  • 5-

    ހާދިސާ ހިނގާފައި ވަނީ 2010ގައި ކަމަށް ވެފައި، 2015ގައި ހައި ކޯޓުން މައްސަލަ ނިންމިއިރު، 2014ގައި އަމަލުކުރަން ފެށި އާ ގާނޫނުލްއުގުބާތުގެ ދަށުން ހުކުމް ނަޒާހާއަށް ލިބެން ޖެހޭ ލުއި ދީފައި ނުވުން 

ނަޒާހާގެ ފަރާތުން ދެއްކި ވާހަކަތަކާ ގުޅިގެން ދައުލަތުން ބުނީ، އިސްތިއުނާފުގައި އެދޭ ގޮތަށް ބަދަލެއް ގެނެސްފައި ވާތީ، ޖަވާބުދާރީވާނީ އެ ބަދަލާ ގުޅުވައިގެން ކަމަށެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (2)

މުހައްމަދު

31 މާރިޗު 2022
ހީވަނީ ނަޒާހާ މިދައްކަނީ ރަގަޅު ވާހަކައެއް ހެން
2 0

އިންސާފު

31 މާރިޗު 2022
ވަރަށް ހީވޭ ތެދު ވާހަކަހެން ނަޒާހާ އެކިޔަނީ. ޝާހިދުގެ އާއިލާއަށްވެސް އެކަން އިނގޭހެން. އުއްމީދުކުރަން ސުޕްރީމް ކޯޓުން މިކަންތަކަށް ރިއާޔަތްކޮށް ރަނގަޅު ނިންމުމެއް ނިންމާނެ ކަމަށް. އަހަރުމެން ކޮންމެ މީހެއްވެސް ނަޒާހާ ހުރި ހާލަތުގައި ހުރިނަމަ އެހެން ކަންނޭގޭ ކަންކުރާނީ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް