ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި އޮތް އިޖުރާއީ އަޑުއެހުމުގެ ތެރެއިން: އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ދިޔައިރު ނަޒާހާ ރުއި މަންޒަރު ފެނުނު.

ނަޒާހާ މިނިވަންކުރަން ގޮވާލައި އަޑު އުފުލަނީ

ބައެއް މީހުން ދެކޭގޮތުގައި ނަޒާހާގެ މައްޗަށް ކުރި ހުކުމަކީ، ގެވެށި އަނިޔާއަށް ދެވޭ ހިތްވަރެއް. އަދި އޭނާ މިނިވަން ކުރަން ޖެހޭ ކަމަށް ގަބޫލު ކުރޭ
29 ސެޕްޓެމްބަރު 2021

ފިރިމީހާ މަރާލި ކަން ސާބިތުވެ، ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާ ޖަލުގައި ހުންނަތާ މިހާރު 11 އަހަރު ވެއްޖެ އެވެ. ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ނަޒާހާ، އަހަރުތަކެއް ޖަލުގައި ވޭތުކުރުމަށް ފަހު އިންސާފު ހޯދުމަށް އަނެއްކާ ވެސް ނިކުތީ، ޝަރުއީ ދާއިރާއަށް ކުރިއެރުންތަކެއް އައިސް، އޭނާގެ މައްސަލަ އަލުން ބަލައިދޭނެ ކަމުގެ އުއްމީދުގަ އެވެ. އެއާއެކު، ނަޒާހާގެ ދިފާއުގައި ނުކުންނަ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ވީ ކިހިނެއް - ފަންސަވީސް އަހަރަށް ޖަލަށް ލާން 2011 ގައި ދަށު ކޯޓުން ހުކުމްކުރީ، ނަޒާހާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010 ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

އެ ހުކުމް އިންސާފުވެރިކަމަކަށް ނަޒާހާ ގަބޫލެއް ނުކުރެ އެވެ. ފުރަތަމަ ކަމަކަށް، ގިނަ ދުވަސްތަކެއް ވާންދެން ފިރިމީހާ ދެމުން ދިޔަ ގެވެށި އަނިޔާތަކުން ދިފާއުވުމަށް އަދި އޭނާގެ ނަފްސާނީ ހާލަތު ވަރަށް ދަށްވެފައި ހުއްޓާ ދިން އެ ހަމަލާގައި އޭނާގެ ވާހަކަ ކޯޓުން އަޑުއަހާފައި ނުވުމެވެ.

އޭގެ އިތުރުން -

  • މުޅި ތަހުގީގު ވެސް މުޅިން ބިނާކުރީ އޭނާއަކީ ކުށްވެރިއެއް ކަމަށް ކަނޑައަޅަން 

  • ފިރިމީހާ އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ އަށް ހުށަހަޅާފައި ހުރި ރިޕޯޓުތަކަށް ނުބަލައި، އޭނާގެ މަޖުބޫރީ ހާލަތާއި ވަށައިގެންވާ އެއްވެސް ކަމަކަށް ބަލާފައި ނުވުން

ނަޒާހާގެ މައްސަލަ 2015ގައި ހައި ކޯޓުން ނިންމިތާ ހަ އަހަރު ފަހުން، އެ މައްސަލަ އިސްތިއުނާފް ކުރަން އޭނާ ހުށަހެޅުމުން މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ނަޒާހާ ވަނީ، އެހާ ދުވަސް ފަހުން އޭނާ އިންސާފު ހޯދަން ބޭނުންވި ސަބަބުތައް ކިޔައިދީފަ އެވެ.

ނަޒާހާ ބުނިގޮތުގައި އެ މައްސަލައިގައި ކުރިއަށް ދާން ކުރިން ބޭނުން ނުވީ، އޭރު ދެ އަހަރު ވެފައިވާ އޭނާގެ ދަރިފުޅަށް ވިސްނާފަ އެވެ. އެކަމަކު މިހާރު ދަރިފުޅު ފުރާވަރަށް އަރައި، މަންމަ ދައްކާ ވާހަކަ ވިސްނޭ ކަމަށާއި މައްސަލައިގައި ކުރިއަށް ދާން ލިބުނު އެންމެ ބޮޑު ހިތްވަރަކީ ވެސް ދަރިފުޅު ކަމަށް އޭނާ ބުންޏެވެ.

ކޯޓުގައި އޭނާ އެދުނީ، އެންމެ ފަހަރަކު ވެސް އޭނާގެ އަޑު އަހާލަ ދިނުމަށެވެ.

އާއްމުންގެ ހަމްދަރުދީ ނަޒާހާއަށް

އެ އަޑުއެހުމަށް ފަހު، ނަޒާހާ މިނިވަން ކުރުމަށް ގޮވާލާ އަޑު ވަނީ ސޯޝަލް މީޑިއާގައި ގަދަވެފަ އެވެ.

ޓްވިޓާގައި އެކަކު ލިޔުނެވެ.

"ޝަރުއީ ދާއިރާގައި ހުރި ބާގަނޑުތަކުގެ ތެރޭގައި، މި ފަދަ ކިތައް ނަޒާހާ ތާށިވެފައިވާނެ ބާއޭ ހިތަށް އަރާ. އެކަމާ ދެރަވޭ. ނަޒާހާއަށް ހިތްވަރަށް އެދެން،"

އެހެން މީހަކު ބުނިގޮތުގައި އަނބިންނާއި ދަރިންނަށް އަނިޔާ ކުރާ ފިރިހެނުންނަށް އަދަބު ނުދީ، ކަމާ ގުޅޭ އިދާރާތަކުން އެދެވެނީ ގެވެށި އަނިޔާއަށް ހިތްވަރެކެވެ. އޭގެ ސަބަބުން މި ފަދަ ނަޒާހާތައް އުފެދިގެން ދާނެ ކަމަށް އޭނާ އިންޒާރު ދިނެވެ.

"އަހަރެން ނަޒާހާގެ ވާހަކަތައްް ގަބޫލު ކުރަން. އޭނާ މިނިވަން ކުރޭ،" ޓްވިޓާގައި މީހަކު ބުންޏެވެ.

ނަޒާހާއަށް ހަމްދަރުދީވި ގިނަ މީހުން ދެކޭ ގޮތުގައި، 25 އަހަރަށް އޭނާ ޖަލަށް ހުކުމް ކުރީ ބޭއިންސާފުންނެވެ. އަހަރުތަކެއް ފަހުން އޭނާ އިންސާފު ހޯދަން އެ ނިކުތީ، ޝަރުއީ ދާއިރާއަށް ރަނގަޅު ބަދަލުތަކެއް އައިސްފައިވާ ކަމުގެ އުއްމީދުގައި ކަމަށާއި އެހެންވެ، އެ ބަދަލު އޭނާއަށް ފެންނަން ޖެހޭ ކަމަށް އެ މީހުން ބުންޏެވެ. އެ އެންމެން ވެސް ގޮވާލީ ނަޒާހާ މިނިވަން ކުރަން ނުވަތަ ހުކުމް ކުޑަކޮށްދިނުމަށެވެ. 

ފަންސަވީސް އަހަރަށް ޖަލަށް ލާން ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށް، 2015 ވަނަ އަހަރު މައްސަލަ ނިންމުމުން، ނަޒާހާ އެ މައްސަލަ އިސްތިއުނާފް ކުރަން ހުށަހެޅީ ހަ އަހަރު ފަހުންނެވެ. އެކަމަކު، ދިގުމުއްދަތެއް ފާއިތުވެގެން ގޮސްފައިވާތީ، ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. ނަމަވެސް އެ ނިންމުން ވެސް އިސްތިއުނާފް ކުރުމުން، ކޯޓުން މިހާރު ވަނީ އިސްތިއުނާފް މައްސަލަ ބަލައިގެންފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް