ސުޕްރީމް ކޯޓުގައި މިދިޔަ ހަފްތާގައި އޮތް އިޖުރާއީ އަޑުއެހުމުގެ ތެރެއިން: އެ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ދިޔައިރު ނަޒާހާ ރުއި މަންޒަރު ފެނުނު.

ނަޒާހާ 6 އަހަރު ފަހުން ހުށަހެޅި އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

27 ސެޕްޓެމްބަރު 2021
1

މަރުގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާގެ އިސްތިއުނާފު މައްސަލަ ބަލައިގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ނަޒާހާ 25 އަހަރަށް ޖަލަށް ލާން 2011ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ވީ ކިހިނެއް؟ - އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މެއި 2015ގަ އެވެ.

ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ. ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅުމުން އެ ކޯޓުގެ ރެޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ވަރަށް ދިގު މުއްދަތެއް ފަހަނައަޅައި ގޮސްފައިވާތީ އެވެ. ނަމަވެސް، އެ ނިންމުން ވެސް ނަޒާހާގެ ފަރާތުން އިސްތިއުނާފުކުރި އެވެ.

އެ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް ބޭއްވީ މި މަހުގެ 22ގަ އެވެ. އެ ދުވަހު ނަޒާހާގެ ފަރާތުން ވަނީ އިސްތިއުނާފު ލަސްވި ސަބަބުތައް ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މައްސަލަ ބަލައިގަތުމާ މެދު ނިންމާ ގޮތެއް ދެ ފަރާތަށް ލިޔުމުން އަންގާނެ ކަމަށް ބެންޗުން ހާމަކުރެއްވުމަށް ފަހު އެވެ.

ތަފްސީލް - ނަޒާހާގެ ދިފާއީ ވަކީލު މަރްޔަމް ނިހާޔަތު މިއަދު 'ދައުރު'އަށް ވިދާޅުވީ މައްސަލަ ބަލައިގަތުމަށް ނިންމައި ސުޕްރީމް ކޯޓުން އެކަން އަންގާފައިވާ ކަމަށެވެ.

ނަމަވެސް ނަޒާހާއާ ބައްދަލުކުރެވޭ ގޮތް ނުވާތީ އިތުރު ތަފްސީލެއް ދެއްވަން ނިހާޔަތު އުޒުރުވެރިވެވަޑައިގަތެވެ. ނިހާޔަތު ވިދާޅުވީ މީޑިއާ އިން އެ މައުލޫމާތު ނަޒާހާއަށް ދިއުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ނޫން ކަމަށެވެ.

ނަޒާހާގެ އަޑު ސުޕްރީމް ކޯޓުގައި

އެ މައްސަލައިގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ނަޒާހާ ބުނީ އޭނާގެ އިސްތިއުނާފު ލަސްވީ، އޭނާގެ ހާލަތު ހުރި ގޮތުން މައްސަލައިގައި ކުރިއަށް ދާނެ ހިތްވަރު ނެތުމުން ކަމަށެވެ. އެގޮތުން އޭނާ ފާހަގަކުރި ކަންކަމަކީ:

  • ދަރިފުޅު ހަގުވެ، އެކުއްޖާއަށް މަލާމާތް ރައްދުވާން ބޭނުން ނުވާތީ

  • އާއިލާ އާއި ފިރިމީހާގެ އާއިލާ ތަހައްމަލު ކުރަން ޖެހުނު ކަންކަަމުގެ ސަބަބުން

  • އެތައް އަހަރެއް ވަންދެން ގެވެށި އަނިޔާ ލިބި ނަފްސާނީ ހާލަތު ހުރިގޮތުން

ނަޒާހާ އެ ދުވަހު ބުނީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ދަރިފުޅު މިހާރު ފުރާވަރަށް އަޅައި ކަންކަން ވިސްނޭތީ ކަމަށެވެ. މައްސަލައިގައި ކުރިއަށް ދާން ހިތްވަރު ދިނީ އެ ދަރިފުޅު ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.

ދިފާއީ ވަކީލު ވިދާޅުވީ ނަޒާހާގެ އަޑު، ދަށު ކޯޓު މަރުހަލާގަ އާއި ހައި ކޯޓު މަރުހަލާގައި އިއްވަން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ލިބިދީފަ ނެތުމުން، މައްސަލައިގައި ވަށައިގެންވާ އެއްވެސް ކަމެއް ޝަރީއަތުގެ މަރުހަލާއަކުން ވަޒަންކޮށް މުޅި މައްސަލަ އިޖުމާއީ ގޮތެއްގައި ބަލާފައި ނުވާ ކަމަށެވެ. އަދި މަރުގެ މައްސަލައެއްގައި މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނުބެލި މިހާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

އެހެންކަމުން، ނަޒާހާއަށް "ޝަރީއަތުގެ ދުވަހެއް" ލިބިދިނުމަށާއި އޭނާގެ އަޑު އެހުމަށް ކޯޓުގައި އެދުނެވެ.

ދައުލަތުން ބުނީ ކީކޭ؟ - ނަޒާހާގެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ދައުލަތުގެ ވަކީލުން އެ ދުވަހު ވިދާޅުވީ، މުއްދަތު ފަހަނައަޅައި ދާ ފަހުން އިސްތިއުނާފު ބަލައިގަނެވޭނީ އެކަށީގެންވާ، އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބެއް ދިމާވެގެން ކަމަށެވެ. ނަމަވެސް، ނަޒާހާ ފާހަގަކުރި ކަންކަމަކީ އެފަދަ ސަބަބެއް ކަމަށް ދައުލަތުން ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

އެނގުން މުހިންމު - ނަޒާހާ މިހާރު ވަނީ އޭނާގެ ހުކުމުން 11 އަހަރާއި ތިން މަސް ތަންފީޒުކޮށްފަ އެވެ. ހުކުމުން ފަސް އަހަރު ލުއިކޮށްދިނުމުން، ހުކުމުގައި އަދިވެސް ނުވަ ވަރަކަށް އަހަރު ބާކީ އެބަ އޮތެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ރަދީފް

27 ސެޕްޓެމްބަރު 2021
ނަޒާހާ 6 އަހަރު ފަހުން ހުށަހެޅި އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުން އެއީ ރަންގަޅު ފާލައެއްގެ ފެށުން. ސުޕްރީމް ކޯޓް މިނިވަން ވުމަކީ ވަރަށް މުހިއްމު ކަމެއް.
6 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް