ސުޕްރީމް ކޯޓުގައި މިއަދު އޮތް އިޖުރާއީ އަޑުއެހުމުގެ ތެރެއިން: ވާހަކަދައްކަމުން ދިޔައިރު ނަޒާހާ ރުއި މަންޒަރު ފެނުނު.

ނަޒާހާ ސުޕްރީމް ކޯޓުގައި: އެންމެ ފަހަރަކު ވިޔަސް އަޑު އަހާލަދީ

ނަޒާހާ މިހާރު ވަނީ އޭނާގެ ހުކުމުން 11 އަހަރާއި 3 މަސް ތަންފީޒުކޮށްފައި. ހުކުމުން 5 އަހަރު ލުއިކޮށްދިނުމުން، ހުކުމުގައި އަދިވެސް 9 ވަރަކަށް އަހަރު ބާކީ އެބަ އޮތް.
22 ސެޕްޓެމްބަރު 2021

ހ. ބައިކެނޑިގޭ، މަރިޔަމް ނަޒާހާ، 25 އަހަރަށް ޖަލަށް ލާން 2011 ގައި ދަށު ކޯޓުން ހުކުމްކުރީ، އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު މަރާލި މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. ޖޫން 2010 ގައި ހަސަން ޝާހިދު މަރުވީ ނަޒާހާ އޭނާގެ ބުރަކައްޓަށް ވަޅިއެއް ޖެހުމުން ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށެވެ. އެ މައްސަލައިގައި ދައުލަތުން ނަޒާހާގެ މައްޗަށް އުފުލީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލަ ނަޒާހާގެ މައްޗަށް ސާބިތުވި ނަމަވެސް، ޝާހިދުގެ އެންމެ ވާރުތަވެރިއަކު ފިޔަވައި އެހެން މީހުން ބުނީ މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށާއި މަރުގެ ދިޔަ ވެސް ބޭނުން ނޫން ކަމަށެވެ.

ޝާހިދު މަރުވީ ނަޒާހާ ކުރި އަމަލެއްގެ ސަބަބުން ކަމަކަށް އޭނާ އިންކާރެއް ނުކުރެ އެވެ. ޝާހިދުގެ ބުރަކައްޓަށް ވަޅި ޖެހުމަށް ފަހު އެކަން ފުލުހުންނަށް ރިޕޯޓުކުރީ ވެސް އަދި ވަޅި އޮތް ތަން ފުލުހުންނަށް ކިޔައިދީ، އެ ވަޅި ދެއްކީ ވެސް ނަޒާހާ އެވެ.

ނަމަވެސް، ޝާހިދަށް ހަމަލާ ދިނީ މަރާލުމުގެ ގަސްދުގައި ނޫން ކަމަށާއި އެއީ ހީނަރުވެފައިވާ ނަފްސާނީ ހާލަތެއްގައި ހުރެ، އަމިއްލަ ދިފާއުގައި ކުރެވުނު ކަމެއް ކަމަށް ނަޒާހާ ދަށު ކޯޓާއި ހައިކޯޓުގައި ވެސް ބުންޏެވެ.

ނަޒާހާ ގަބޫލުކުރައްވަނީ މިކަމުގައި ލަސްކޮށް ނަމަވެސް ނަޒާހާގެ އަޑު ޝަރީއަތަށް އިވެން އެބަ ޖެހެޔޭ.

ދިފާއީ ވަކީލު

ހައިކޯޓުން ނަޒާހާގެ މައްސަލަ ނިންމީ މެއި 2015 ގަ އެވެ. ޖިނާއީ ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ކުރި ހުކުމް އޭނާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހެޅީ އޭގެ ހަ އަހަރު ފަހުންނެވެ. ސުޕްރީމް ކޯޓަށް އިސްތިއުނާފު ހުށަހެޅުމުން އެ ކޯޓުގެ ރެޖިސްޓްރާ ނިންމީ މައްސަލަ ބަލައިނުގަތުމަށެވެ. އެއީ ވަރަށް ދިގު މުއްދަތެއް ފަހަނައަޅައި ގޮސްފައިވާތީ އެވެ. ނަމަވެސް، އެ ނިންމުން ވެސް ނަޒާހާގެ ފަރާތުން އިސްތިއުނާފުކުރި އެވެ.

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި މިއަދު ވަނީ މައްސަލަ ބަލައިގަތުމާ ގުޅޭ އިޖުރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައި ފަނޑިޔާރުން އެދިވަޑައިގަތީ، އެހާ ގިނަ ދުވަސް ފަހުން މައްސަލަ އިސްތިއުނާފު ކުރި ސަބަބު ސާފުކޮށްދިނުމަށެވެ.

"ނަޒާހާ ގަބޫލުކުރަނީ ލަހުން ވިޔަސް ވެސް، ފަހުން ވިޔަސް ވެސް ނަޒާހާގެ އަޑު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި ހާދިސާ ހިނގި ދުވަހު އެ މަގާމަށް ނަޒާހާ އަށް އާދެވުނު ގޮތާއި އެ ކަންކަން ޝަރީއަތުގެ ކުރިމަތީގައި، ނަޒާހާ އަށް ޝަރީއަތުގެ ދުވަހެއް ލިބި، ނަޒާހާގެ ފަރާތުން ދައްކަންޖެހޭ ވާހަކަ ދައްކައި ހުށަހަޅަންޖެހޭ ހެކި ހުށަހަޅައި އެ ފަރާތަށް ވެސް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަދުލުވެރި އިންސާފުވެރި ޝަރީއަތެއް ހާމަކަން ބޮޑު ގޮތެއްގައި އެ ފުރުސަތު ލިބިގެން ދިއުން،" ނަޒާހާގެ ދިފާއީ ވަކީލު، މަރްޔަމް ނިހާޔަތު ވިދާޅުވި އެވެ.

އަނިޔާގައި އެތައް އަހަރެއް، ނަފްސާނީ ހާލަތަށް ކޯޓުން ނުބަލާ

ވަކީލު ވަނީ ނަޒާހާގެ ހާލަތާ ގުޅޭ ގޮތުން މިއަދު ވަރަށް ދިގުކޮށް ވާހަކަދައްކަވައިފަ އެވެ. އެގޮތުން، ނަޒާހާ އަކީ މަރުވި ޝާހިދުގެ ފަރާތުން އެތައް އަހަރެއް ވަންދެން ގެވެށި އަނިޔާ ލިބެމުން ދިޔަ މީހެއްކަން ވަކީލު ފާހަގަކުރެއްވި އެވެ. އެކަމާ ގުޅޭ ރިޕޯޓުތައް ވެސް ނަޒާހާގެ ފަރާތުން ޖިނާއީ ކޯޓާއި ހައިކޯޓަށް ވެސް ހުށަހެޅި އެވެ.

ނަޒާހާ ބުނީ އޭގެން އެއްވެސް ކަމަކަށް ކޯޓުން ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. ވަކީލް ވިދާޅުވީ، ނަޒާހާ އަކީ ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައިވާ މީހަކަށް ވާއިރު، އޭނާގެ ހާލަތު ދެނެގަތުމަށް އެއްވެސް އެސެސްމަންޓެއް، އެއްވެސް މަރުހަލާއެއްގައި ހަދާފައި ނުވާ ކަމަށެވެ.

"ހުކުމް ތަންފީޒު ކުރަން މި ހޭދަވި 11 އަހަރުގައި ވެސް ނެތް. އޭރު ތަހައްމަލުކުރި ކަންކަން، އެ އަނިޔާގައި އެ ފަރާތް މިހާތަނަށް ވެސް ދިރިއުޅެމުން އެ އައީ،" ވަކީލް ވިދާޅުވި އެވެ.

ވަކީލު ވިދާޅުވީ އޭނާގެ ހާލަތަށް ކޯޓުން ރިއާޔަތްކޮށްފައި ނުވުމުގެ ސަބަބުން، ހައިކޯޓު މަރުހަލާ ނިންމައި ދެން މައްސަލައިގައި ކުރިއަށް ދިއުމުގެ ހިތްވަރު އެއްކޮށް ގެއްލުނީ ކަމަށެވެ. އޭގެ އިތުރުން، އެކަން ހިނގިއިރު ޝާހިދާއި ނަޒާހާގެ 2 އަހަރުގެ ކުއްޖަކު ވެސް ހުއްޓެވެ. އެހެންކަމުން، އެ ދަރިފުޅުގެ ކަންތައްތަކާ ދޭތެރޭ ވިސްނައި މައްސަލަ މަޑުޖައްސާލަން ހާލަތު މަޖުބޫރުކުރުވީ ކަމަށް ވަކީލު ވިދާޅުވި އެވެ.

"ހާލަތު ހުރި ގޮތުން، އެ ފަރާތުގެ އިތުރު ހިތްވަރެއް ނެތް ހަގީގަތުގައި އިތުރަށް މިކަމުގައި ކުރިއަށް ދާކަށެއް. އެއީ އެ ފަރާތުން ހައިކޯޓުގެ މަރުހަލާ ކަޑައްތުކުރި. ހައިކޯޓުގައި މަސައްކަތް ކުރި  އެހެން ނަމަވެސް އެއްވެސް އަލިމަގެއް ފެނިގެންނެއް ނުދިޔަ،" ވަކީލު ވިދާޅުވި އެވެ.

މީހުންގެ ބަސްތައް ކުޑަ ދަރިފުޅަށް

ނަޒާހާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް ދިޔައިރު، އޭނާގެ ދަރިފުޅު ހުރީ ސްކޫލަށް ދާ އުމުރަށް އަޅައިފަ އެވެ. އެހާ ހިސާބުން، ނޫސްތަކުން ހަބަރު ފެނި ސްކޫލު ޓީޗަރުންނާއި ބެލެނިވެރިންނާއި އެހެން މީހުންގެ ފަރާތުން ވެސް އެ ކުޑަކުއްޖާ އަށް ތަފާތު ބަސްތައް އަމާޒުވާން ފެށި ކަމަށް ވަކީލު ވިދާޅުވި އެވެ.

ރޮވިފައި އިނދެ، ވަރަށް އުނދަގުލުން ނަޒާހާ ވެސް މިއަދު އެ ވާހަކަތައް ކޯޓަށް ކިޔައިދިނެވެ. އޭނާ ބުނި ގޮތުން، ދަރިފުޅަށް އަމާޒުވަމުން ދިޔަ ބަސްތަކުގެ ސަބަބުން، އެ ކުއްޖާ އަށް އަސަރުކުރަން ފެށުމުން އޭނާގެ ވާހަކަ އިތުރަށް "ޕަބްލިކް" ވާން ބޭނުން ނުވީ އެވެ. އެހެންކަމުން، ދަރިފުޅު ތަންކޮޅެއް ބޮޑުވަންދެން މަޑުކޮށްލަަން ބޭނުންވީ ކަމަށް ނަޒާހާ ބުންޏެވެ.

"ދަރިފުޅު އޭރު ސްކޫލަށް ދާން ފަށައިގެން ޓީޗަރުންނާއި ކުދިންގެ ޕޭރެންޓްސް ފަރާތުން އޭތި އައިސް، ޝަރީއަތަށް މީތި ދިޔައީމަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މީތި ކީމަ އެ ކުއްޖާގެ ކެއުމަށާއި ނިންޖަށާ އަދި ހާއްސަކޮށް ޝާހިދުގެ މަންމަގެ މެންޓަލް ބަލިމަޑުކަން އަންނާތީ އަޅުގަނޑުގެ ފެމެލީ އަށް ވެސް އެ ޑިފިކަލްޓީތައް އަންނާތީވެ ތަންކޮޅެއް ބޮޑުވަންދެން މަޑުކުރަން [ބޭނުންވީ]،" ނަޒާހާ ކިޔައިދިނެވެ.

ނަޒާހާ ބުނީ އޭނާގެ ޅައުމުރު ވެސް ހޭދަކުރީ "ރަފް"ކޮށް ކަމަށެވެ. އެހެންކަމުން، ކުޑައިރު ދިމާވާ ކަންކަމުގެ އަސަރު މުޅި ހަޔާތަށް ވެސް ދެމިގެން ދާކަން ވިސްނޭ ކަމަށާއި ދަރިފުޅަށް އެހެން ވާން ބޭނުން ނޫން ކަމަށް އޭނާ ބުންޏެވެ.

"އެހެންވީމަ އަޅުގަނޑު މަޑުކޮށްލީ،" ނަޒާހާ ބުންޏެވެ.

ނަމަވެސް، ފަހުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ދަރިފުޅު މިހާރު ފުރާވަރަށް އަޅައި އޭނާގެ މަންމަ ޖަލުގައި ހުރި ސަބަބު ވިސްނެން ފެށުމުންނެވެ. މާފުށީ ޖަލުގައި ހުރެ ފޯނުން ދަރިފުޅާ މި ވާހަކަދައްކަން ފެށީ 2019 ގައި ކަމަށް ނަޒާހާ ބުންޏެވެ. މައްސަލައިގައި ކުރިއަށް ދާން ހިތްވަރު ދިނީ އެ ދަރިފުޅެވެ.

"ދަރިފުޅު ވެސް ބުނޭ ކޯޓަށް އޭތި ލީމަ އޭތި ޓޭކް ކުރެވޭނެ ކަމަށް. މީޑިއާގައި އޭތި ކިޔަސް، ގޯތުރޫ ކުރެވޭނެ ކަމަށް. ހިތްވަރު ކުރާނެ ކަމަށް، ޓްރައި ކުރާނެ ކަމަށް ބުނީމަ މިހާރު އެހެންވެގެން ސުޕްރީމް ކޯޓަށް މި ލީ،" ނަޒާހާ ބުންޏެވެ.

"ކުށް ގަބޫލުކުރަން، އެކަމަކު އަޑު އަހާލަދީ"

"އަޅުގަނޑު ގަބޫލުކުރަމޭ ކުށްކަން އެ އޮތީ ކުރެވިފަ. އެހެންވީމަ އެ އަށް އަދަބު ވެސް ލިބެން ވާނޭ. އޭތި ގަބޫލުކުރަމޭ. އެ ދުވަހުން ފެށިގެން ވެސް ހަމަ ދަރިފުޅުގެ ބައްޕައޭ އެއީ. އަޅުގަނޑު ރިގްރެޓް ކުރަމޭ ވަރަށް ބޮޑަށް އެކަން. އެކަމަކު، އިންސާފާ ހަމައަށް ދާން، އެއީ ބައްޕައޭ، މީ މަންމައޭ،" ނަޒާހާ ބުންޏެވެ.

ނަޒާހާ ބުނީ މައްސަލައިގެ ތަހުގީގުގައި ވެސް އަދި މުޅި ކޯޓު މަރުހަލާގައި ވެސް އެއްވެސް ވަރަކަށް އޭނާގެ "ސައިޑް" އިވިފައި ނުވާ ކަމަށެވެ. ތަހުގީގު ވެސް މުޅިން ބިނާކުރީ އޭނާއަކީ ކުށްވެރިއެއް ކަމަށް ކަނޑައަޅަން ކަމަށާއި އޭނާގެ މަޖުބޫރީ ހާލަތާއި ވަށައިގެންވާ އެއްވެސް ކަމަކަށް ބަލާފައި ނުވާ ކަމަށެވެ. ފިރިމީހާ އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ އަށް ހުށަހަޅާފައި ހުރި ރިޕޯޓުތަކަށް ވެސް ނުބަލާ ކަމަށެވެ.

ނަޒާހާގެ ވަކީލު ވިދާޅުވީ އޭނާގެ ފަރާތުން ދިފާއުގައި ފާހަގަކުރި ކަންކަން ސާބިތުކޮށްދިނުމަށް ގިނަ ހެކިތަކެއްގެ މައުލޫމާތު ހުށަހެޅި ނަމަވެސް، ކޯޓުގެ ދެ މަރުހަލާގައި ވެސް ހެކިންގެ ބަސް ހޯދާފައި ނުވާ ކަމަށެވެ. ޝަރީއަތުގެ ދެ މަރުހަލާގައި ވެސް އުނި ކަންކަން ހުރި ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭރު ތަހައްމަލުކުރި ކަންކަން، އެ އަނިޔާގައި އެ ފަރާތް މިހާތަނަށް ވެސް ދިރިއުޅެމުން އެ އައީ.

ދިފާއީ ވަކީލު

ވަކީލު ވިދާޅުވީ ނަޒާހާގެ އަޑު، ދަށު ކޯޓު މަރުހަލާގަ އާއި ހައިކޯޓު މަރުހަލާގައި އިއްވަން މަސައްކަތް ކުރި ނަމަވެސް އެ ފުރުސަތު ލިބިދީފަ ނެތުމުން، މައްސަލައިގައި ވަށައިގެންވާ އެއްވެސް ކަމެއް ޝަރީއަތުގެ މަރުހަލާއަކުން ވަޒަންކުރެވި މުޅި މައްސަލަ އިޖުމާއީ ގޮތެއްގައި ބެލިފައި ނުވާ ކަމަށެވެ. އަދި މަރުގެ މައްސަލައެއްގައި، މުޅި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ނުބެލި މިހާ ގިނަ ދުވަސްތަކެއް ވަންދެން އޮތުމަކީ ބޮޑު ބޭއިންސާފެއް ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.

"އެހެންވީމަ ނަޒާހާ ގަބޫލުކުރައްވަނީ މިކަމުގައި ލަސްކޮށް ނަމަވެސް ނަޒާހާގެ އަޑު ޝަރީއަތަށް އިވެން އެބަ ޖެހެޔޭ،" ވަކީލު ވިދާޅުވި އެވެ.

ވަކީލް ވިދާޅުވީ ނަޒާހާ މިއަދު ހިތްވަރާއެކު ފަށާފައި ވަނީ އޭނާއަށް "ޝަރީއަތުގެ ދުވަހެއް" ހޯދުމުގެ މަސައްކަތް ކަމަށެވެ.

"ނަޒާހާ އަށް އެހާ ފަސޭހަ ކަމަކަށް ނޫން މިކަން މިވަނީ. އެހެން ނަމަވެސް އެ މަސައްކަތް ކުރުމަށް ނަޒާހާ މިހާރު ބޭނުންވޭ،" އޭނާ ވިދާޅުވި އެވެ.

ނަޒާހާގެ ފާހަގަކުރީ މަގުބޫލު ސަބަބެއް ނޫން: ދައުލަތް

ނަޒާހާގެ ފަރާތުން ދެއްކި ވާހަކަތަކަށް ފަހު ދައުލަތުގެ ވަކީލުން ވިދާޅުވީ، މުއްދަތު ފަހަނައަޅާ ދާ ފަހުން އިސްތިއުނާފު ބަލައިގަނެވޭނީ އެކަށީގެންވާ، އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބެއް ދިމާވެގެން ކަމަށެވެ. ނަމަވެސް، ނަޒާހާ ފާހަގަކުރި ކަންކަމަކީ އެފަދަ ސަބަބެއް ކަމަށް ދައުލަތުން ގަބޫލު ނުކުރެވޭ ކަމަށް ދައުލަތުގެ ވަކީލުން ވިދާޅުވި އެވެ.

"އެކަށީގެންވާ އަމިއްލަ ބާރު ނުފޯރުވޭ މަގުބޫލު ސަބަބެއް ކަމަށް ދައުލަތަކަށް ގަބޫލެއް ނުކުރެވޭ،" ދައުލަތުގެ ވަކީލާ ފާތިމަތު ޝިފާޒާ ވިދާޅުވި އެވެ.

އެހެންކަމުން، ރެޖިސްޓްރާގެ ނިންމުން ރަނގަޅު ކަމަށް ދައުލަތުން ބުންޏެވެ. ދައުލަތުން ބުނީ، ކްލެމެންސީ ބޯޑުން ނަޒާހާގެ ހުކުމުން 5 އަހަރު އުނިކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް، ނަޒާހާގެ ވަކީލު ވިދާޅުވީ، އެއީ ނަޒާހާގެ އިސްތިއުނާފީ ހައްގު ނުލިބޭންޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ނަޒާހާ މިހާރު ވަނީ އޭނާގެ ހުކުމުން 11 އަހަރާއި 3 މަސް ތަންފީޒުކޮށްފަ އެވެ. ހުކުމުން 5 އަހަރު ލުއިކޮށްދިނުމުން، ހުކުމުގައި އަދިވެސް 9 ވަރަކަށް އަހަރު ބާކީ އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް