ކ. ގުރައިދޫގައި ބޭއްވި 'އިންޑިއާ އައުޓް' ކެމްޕޭނު ހަރަކާތެއްގައި ޔާމީން (މ) ވާހަކަ ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ގާނޫނު ހެދިޔަސް 'އިންޑިއާ އައުޓް' ނުހުއްޓުވޭނެ: ޔާމީން

ކެމްޕޭނު ފުޅާކުރަން ފެށުމުން އެމްޑީޕީން ވަނީ ޖަލު އަދަބު ހިމެނޭ ބިލު މަޖިލީހަށް ވެއްދުމުގެ މަސައްކަތް އަވަސްކޮށްފައި
2 ފެބްރުއަރީ 2022

އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ 'އިންޑިއާ އައުޓް' ކެމްޕޭނަކީ ދިވެހި ރައްޔިތުންގެ ފިކުރު ކަމަށާއި ކެމްޕޭނު ހުއްޓުވަން ގާނޫނު ހަދައި އަދަބު ދިން ނަމަވެސް އެކަން ނުހުއްޓުވޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، ޔާމީން އިސްވެ ހުންނަވައިގެން ހިންގަމުންދާ 'އިންޑިއާ އައުޓް' ހަރަކާތްތައް ހުއްޓުވުމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދަނީ ބިލެއް ޑްރާފްޓް ކުރަމުންނެވެ. މިހާރު ތައްޔާރުކޮށްފައިވާ ޑްރާފްޓްގައި އޮތް ގޮތުން އެފަދަ ހަރަކާތްތައް ހިންގައި، އޭގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ. އަދި އެ ކުށުގެ އަދަބުތަކުގެ ތެރޭގައި ޖަލަށް ލުން ހިމެނެ އެވެ. އެ އަދަބުތަކަކީ:

  • ގިނަވެގެން 20،000ރ. އިން ޖޫރިމަނާކުރުން 

  • އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭ ބަންދުކުރުން 

  • ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

ތަފްސީލް - އެކަމާ ގުޅޭގޮތުން 'ޗެނަލް13'ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ލީޑަރު، ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވީ 'އިންޑިއާ އައުޓް' ހުއްޓުވަން މިހާރު ވެސް "މުޅި ދައުލަތް" ނުކުމެ މަސައްކަތް ކުރަމުންދާ ކަމަށާއި ނަމަވެސް އެ ކެމްޕޭނު ނުހުއްޓުވޭ ކަމަށެވެ.

"ގާނޫނެއް ފާސްކުރެވިދާނެ. އެކަމަކު މިކަމެއް ނުހުއްޓުވޭނެ. އަޅުގަނޑުމެންގެ އަސާސީ ހައްގެއް ދެއްތޯ އެއީ؟" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް 'އިންޑިއާ އައުޓް' ޖަހާފައި ހުންނަ ޓީޝާޓު ލައިގެން މަގުމަތީ އުޅޭ ނަމަ ފުލުހުން ހުއްޓުވައި، ޓީޝާޓު ބާލަން އަންގައި އެފަދަ ކަންކަން ކުރާ ކަމަށެވެ.

ބުނީ ކީކޭ؟ - "އެއަށްވުރެ މާ ރަނގަޅު ނޫންތޯ ބިޑި އަޅުވައިގެން ގެންގޮސް ޖަލަށް ލާން؟ ޖަލުގައި ބައިންދަންވީ ނޫންތޯ؟ އެގޮތަށް ދައުލަތް ހިންގާ ކަމަށް ވާނަމަ ދައުލަތް ހިންގިދާނެ ދުވަސްކޮޅެއް ވަންދެން،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހަކުން އެ ބިލު ފާސްކުރެވިދާނެ ކަމަށާއި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅު ވިސްނުން ބަދަލު ނުކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެ ބިލު ފާސްކުރި ނަމަވެސް ވެގެންދާނީ ގާނޫނުއަސާސީއާ ހިލާފު ގާނޫނަކަށް ކަމަށެވެ.

"ދެން ސުޕްރީމް ކޯޓުގައި ވެސް ނޫނީ ދުސްތޫރީ އެހެން ކޯޓެއްގައި ވެސް ކިހާ ހިތްވަރެއްތޯ ހުންނާނީ އަޅުގަނޑުމެން މި މައްސަލަ ޗެލެންޖު ކުރީމަ ގާނޫނުއަސާސީގައި އެ ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ކަށަވަރުކޮށްދޭން؟ އެއީ ދެން ހަމަ ޓެސްޓު ކޮށްލަންޖެހޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.

"އެކަމަމު މިއީކީ ހުއްޓުވޭނެ ކަމެއް ނޫން." 

ޔާމީން ވިދާޅުވީ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ސަލާމަތަށް ނުރައްކަލެއްވާ ނަމަ، ނުރައްކާވާ ގޮތާއި ސަބަބު ވެސް ސަރުކާރުން ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ސަބަބެއް ސަރުކާރަށް ނުދެއްކޭ ކަމަށާއި ސަރުކާރުން ދައްކަނީ ހުސް ބަހަނާ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ކެމްޕޭނުގެ ސަބަބުން އިންޑިއާގައި ތިބި ދިވެހިންނަށް އުނދަގޫވާނެ ކަމަށް ބުނެ ސަރުކާރާއި އެމްޑީޕީގެ އިސް ވެރިން ދެއްކެވި ވާހަކަތަކަށް ސަމާލުކަން ނުލިބުމުން ވާހަކަ ބަދަލުކޮށް، ރާއްޖޭގައި ތިބި އިންޑިއާ މީހުންނަށް ނުރައްކާވާ ކަމަށް ބުނަން ފެށީ ކަމަށެވެ.

"އެ ވާހަކަ ވެސް ނުހިނގާނެ. އެމީހުންނަށް ނުރައްކާ ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް. އެމީހުންނަށް ވީ ނުރައްކަލެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖޭގައި އުޅޭ އިންޑިއާ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިކުރުވާނީ ވެސް އެމްޑީޕީން ކަމަށެވެ.

"އެއިން ކޮންމެވެސް މީހަކަށް ގެއްލުމެއް ދެންޏާ ދޭނީ ވެސް އެމްޑީޕީގެ ފަރާތުން. ދީފައި ބުނާނީ މި އޮތީ މި ހަރަކާތުގެ ސަބަބުން ނުރައްކަލެއް އައިސްފައޭ. އެއީ މިހާތަނަށް ވެސް އެމްޑީޕީން ރާއްޖޭގައި ކަންކަން ކޮށްފައި ހުރި ގޮތް،" ޔާމީން ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

ޕޮޑްކާސްޓް -

އިތުރު އާޓިކަލް

އިތުރު އާޓިކަލް