އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: ދެ ޕާޓީންވެސް ބުނަނީ އިންޑިއާ އައުޓް ބިލަކީ ގާނޫނުއަސާސީއާ ހިލާފް ބިލެއް ކަމަށް (ފޮޓޯ/ޕީޕީއެމް)

'އިންޑިއާ އައުޓް'ބިލް ގާނޫނު އަސާސީއާ ހިލާފު؛ ނުހުއްޓާނަން: އިދިކޮޅު

އިދިކޮޅުން ބުނަނީ، އެ ބިލުން ވެސް އިންޑިއާގެ ނުފޫޒު އޮތް މިންވަރު ހާމަވެގެންދާ ކަމަށް

'އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް އޮތް އެމްޑީޕީން ތައްޔާރުކުރަމުން އަންނަ ބިލަކީ ގާނޫނު އަސާސީއާ ހިލާފު ބިލެއް ކަމަށާއި އެފަދަ ގާނޫނާކުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށް އިދިކޮޅު ޕީޕީއެމް-ޕީއެންސީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެގުމަކަށް އެ ކޯލިޝަނުން ހިންގަމުން އަންނަ 'އިންޑިއާ އައުޓް' ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން ދަނީ ބިލެއް ޑްރާފްޓް ކުރަމުންނެވެ. މިހާރު ތައްޔާރުކޮށްފައިވާ ފުރަތަމަ ޑްރާފްޓްގެ ބިލްގައިވާ ގޮތުގައި އެފަދަ ހަރަކާތްތައް ހިންގައި، އޭގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ. އަދަބެއްގެ ގޮތުގައި:

  • ގިނަވެގެން 20،000ރ. އިން ޖޫރިމަނާކުރުން

  • އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދުކުރުން

  • ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

ޖަލަށްލިޔަސް މިކަން ނުހުއްޓުވޭނެ، ޖަލުގައި ވެސް އިހްތިޖާޖް ކުރާނަން.

އާދަމް ޝަރީފް އުމަރު/ ޕީއެންސީގެ ނައިބު ރައީސް

ތަފްސީލު - އިދިކޮޅު މައި ޕާޓީ ޕީޕީއެމް އަދި ޕީއެންސީން ވެސް ބުނަނީ އެފަދަ ބިލަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ބިލެއް ކަމަށާއި އޭގެން ރަމްޒުކޮށްދެނީ، އިންޑިއާގެ ނުފޫޒު ރާއްޖޭގެ މައްޗަށް އޮތް މިނަވަރު ކަމަށެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާ މެންބަރު އަހްމަދު ޝިޔާމް މިއަދު 'ދައުރު'އަށް ވިދާޅުވީ، ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަމަކީ، ގާނޫނު އަސާސީން ރައްޔިތުންނަށް ލިބިދޭ ހައްގެއް ކަމަށެވެ. "އެ ހައްގު ނިގުޅައިގަނެވޭނެ އެއްވެސް ގާނޫނެއް ވުޖޫދު ނުކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިއީ ގާނޫނު އަސާސީއާ ހިލާފު ބިލެއް. ވެރިކަމުގައި މިތިބީ ޑިމޮކްރަސީގެ ޗެމްޕިއަނުން ކަމަށް ދައުވާ ކުރާ ބައެއް، ދެން ގާނޫނަކަށް ވެއްޖިއްޔާ ތިއީ ޑިމޮކްރަސީގައި ފަހަތަށް އެޅޭ ވަރަށް ބޮޑު ފިޔަވަޅެއް،" ޝިޔާމް ވިދާޅުވި އެވެ.

އިދިކޮޅުން ބޭއްވި ޖަލްސާއެއްގައި  ޝިޔާމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވީ، އެ ބިލު ގާނޫނަކަށް ހެދިޔަސް އިންޑިއާ އައުޓް ނުހުއްޓުވޭނެ ކަމަށް

އިދިކޮޅުގެ ކެމްޕެއިނަކީ، އިންޑީއާއާ ޖައްސާލުމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ތިބުމާ ނުރުހުން ވެގެން ހިންގާ "ގައުމީ ކެމްޕެއިނެއް" ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ގައުމުގެ ހައްގުގައި ބަސް ބުނުމުގެ ހައްގު އެ ދިޔައީ. ޝުއޫރު ފާޅުކުރުން ޖިނާއީ ކުށަކަށް ހެދުން އުޅުން ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް. އެއީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން، ޕީޕީއެމްގެ ނައިބު ރައީސްގެ ހައިސިއްޔަތު އަދި ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ވެސް ކަންބޮޑުވާ ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ މި ކެމްޕެއިން ހުއްޓުވުމަށް މިހާތަނަށް އިންޑިއާއިން އެކި ގޮތްގޮތަށް މަސައްކަތްކޮށް ވަރަށް ގިނަ ހޭދަތަކެއް ކުރަމުންދާ ކަމަށެވެ. އަދި މި ބިލަކީ އޭގެ ހެއްކެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

ސަތޭކަ ޕަސެންޓް ރައްޔިތުން ތިބީ މިކަން ހުއްޓަން ނޫންކަން އެނގޭތީ ގާނޫނުން ކުށަކަށް ހަދައި، ސީދާ އިންޑިއާ ބުނެގެން ވައްދާ ބިލެއް، އެމީހުން ކަންނޭނގެ ރަނގަޅަށްވިއްޔާ [އެ ބިލް] ޑްރާފްޓްކޮށްފައި ވެސް އެއޮތީ،" ޝިޔާމް ވިދާޅުވި އެވެ.

"ނުހުއްޓާނަން، ނުވެސް ހުއްޓުވޭނެ. މިކުރަނީ ގައުމީ މަސައްކަތެއް."

އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅުން ބޭއްވި މުޒާހަރާއެއް: މިހާރު ޑްރާފްޓްކޮށްފައި އޮތް ބިލު ގާނޫނަކަށްވެއްޖެ ނަމަ މިފަދަ މުޒާހަރާތައް ކުރުމަކީ ގާނޫނީ ކުށަކަށް ވާނެ

ޕީއެންސީގެ ނައިބު ރައީސް، މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފު އެފަދަ ބިލެއްގެ ސަބަބުން އެ ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ކެމްޕެއިން ނުހުއްޓުވޭނެ ކަމަށެވެ.

"މި ހަރަކާތް ހުއްޓުވުމަށް މި ބޭފުޅުން އެކި ގޮތްގޮތުން ވަރަށް މަސައްކަތްކޮށްފި. މިހާރު ގާނޫނެއް ހަދާ ހިސާބަށް ދިޔުމުން އެނގުނު އެއްޗަކީ، މި ހަރަކާތް މުޅި ރައްޖޭގައި ވައިގައި ހިފައިފިކަން، ދެން އެކަން ހުއްޓުވުމަށް އެމީހުންނަށް ހަމައެކަނި ކުރެވެން އޮތް ކަމަކީ އެކަން ކުރާ މީހުން ޖަލަށްލުންކަން،" ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

"ޖަލަށް ލިޔަސް މިކަން ނުހުއްޓުވޭނެ، ޖަލުގައި ވެސް އިހްތިޖާޖު ކުރާނަން. މިނިވަންކަމުގެ ދިފާއުގައި މަސައްކަތްކުރާ ބަޔަކު ލައިގެން ޖަލުތައް ފުރާލާކަމުގައިވާ ނަމަ، ޖަލުތަކުގައި ވެސް އެ އިހްތިޖާޖު ކުރިއަށް ގެންދާނަން."

 މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާވެސް ވިދާޅުވީ، އެ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް (ފޮޓޯ/ މަޖިލިސް)

އާދަމް ޝަރީފް ވިދާޅުވީ މި މައްސަލައަށް ގާނޫނު ހެދުމަކީ ހައްލެއް ނޫނެވެ. މިކަމުގައި ހައްލަކީ، އިންޑިއާ އެކު ހަދާފައިވާ ސިއްރު އެއްބަސްވުންތައް ހާމަކޮށް، މިނިވަންކަމަށް އަސަރު ކުރާ ގޮތަށް ހަދާފައިވާ އެއްބަސްވުންތައް ބާތިލުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އިންޑިއާ ސިފައިން ވެސް މިގައުމުން ފައިބައިގެން ދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ރައްޔިތުންނަށް އެބަ އޮތް ތުހުމަތު ކުރުމުގެ ޖާގަ މިފަދަ ގާނޫނުތައް މި ހަދަނީ އިންޑިއާގެ ނޫޒުންކަމަށް. އޭގެ މާނައަކީ މަޖިލީހުގެ މަސައްކަތަށް ވެސް އިންޑިއާގެ ނުފޫޒު ފޯރުވައި، އިންޑިއާގެ ދިފާއުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުން ވެސް ބިލްތައް ހަދާ ހިސާބަށް ދިޔައީއޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ނުހުއްޓާނަން، ނުވެސް ހުއްޓުވޭނެ. މިކުރަނީ ގައުމީ މަސައްކަތެއް

އަހްމަދު ޝިޔާމް/  ޕީޕީއެމްގެ ނައިބު ރައީސް

އޭނާ ވިދާޅުވީ، ޕީޕީއެމް-ޕީއެންސީން 2023ގައި އިންތިހާބު ކާމިޔާބުކޮށް، މަޖިލީހުގެ މެޖޯރިޓީ ނަގައި އެފަދަ ގާނޫނެއް ހެދިޔަސް އުވާލާނެ ކަމަށެވެ.

"ވަރަށް ނާތަހުޒީބު، ވަރަށް ހުދުމުހުތާރު އަދި އަނިޔާވެރިކަން ވެސް ގައުމެއްގެ އިންތިހާއަށް ދިޔައިމާ ކުރާނެ ކަންތައް މި ކުރަނީ. އަޅުގަނޑުމެންގެ މައްސަލައަކީ އިންޑިއާ މީހުންނެއް ނޫން، އިންޑިއާގެ އަސްކަރިއްޔާ މިތާ ތިބޭ ތިބުމާ." ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް