'އިންޑިއާ އައުޓް' ކެމްޕޭނުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖޭގެ ރަށަކަށް ވަޑައިގަންނަވަނީ: މި ކެމްޕެއިން ހުއްޓުވުމަށް ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުން ، (ފޮޓޯ/ޕީޕީއެމް)

އިންޑިއާ އައުޓް ގޮވުން ހުއްޓުވުމަށް ބިލެއް؛ ބޮޑު ޖޫރިމަނާއަކާއި ޖަލު އަދަބު ހިމެނޭ

ބިލްގެ ޑްރާފްޓްގައިވާ ގޮތުން އަދަބުތަކުގެ ތެރޭގައި 20،000ރ. އިން ޖޫރިމަނާ ކުރުމާއި ގިނަވެގެން ހަ މަސް ދުވަހަށް ޖަލަށް ލުން ހިމެނޭ

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިން ހުއްޓުވުމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުން ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެނގުން މުހިންމު - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެގުމަކަށް އެ ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާ ކުރަމުންނެވެ. އެ ކެމްޕެއިންއަކީ:

  • އިދިކޮޅުން ބުނާ ގޮތުން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މި ގައުމުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމެއް

  • ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ވާހަކައަކީ، އިދިކޮޅުގެ އެ ކެމްޕެއިންގެ ސަބަބުން ދޭދޭ ގައުމުތަކާ ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން ގޯސްވެ، ދިވެހިންނަށް އެތައް ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް

  • އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް އަސަރު ކުރާނެ ކަމެއް ކަމަށް މި ސަރުކާރުން ނުދެކޭ

ވީ ކިހިނެއް؟ - އިދިކޮޅުން މި ކެމްޕެއިން ފުޅާކޮށްފައިވާ މި ދަނޑިވަޅުގައި، އެ ކެމްޕެއިން ހުއްޓުވުމުގެ ގޮތުން އެމްޑީޕީ ޕީޖީން ބިލެއް ޑްރާފްޓް ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ. 

"ދިވެހިރާއްޖެއިން ބޭރު ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަކުރާނެ ފަދަ އަމަލުތައް ހުއްޓުވުވުމުގެ ބިލު"ގެ ނަމުގައި ޑްރާފްޓެއް އެމްޑީޕީ ޕީޖީ ވަޓްސްއަޕް ގްރޫޕާ، އެ ޕާޓީގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާ މެންބަރު އަލީ އާޒިމް މިހާރު ވަނީ ހިއްސާކުރައްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި އަންނަ މަހު މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ހުޅުވުމުން މަޖިލީހަށް ބިލު ހުށަހެޅުމަށް ދަނީ ތައްޔާރުވަމުންނެވެ. އެމްޑީޕީގެ 64 މެންބަރުން ތިބޭ ޕީޖީ ގްރޫޕުގެ މެންބަރުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތަފްސީލު - އާޒިމް އެމްޑީޕީގެ ޕީޖީ ވަޓްސްއަޕް ގްރޫޕުގައި ހިއްސާ ކުރެއްވި ޑްރާފްޓްގެ ކޮޕީއެއް 'ދައުރު'އަށް ވަނީ ލިބިފަ އެވެ. ޖުމްލަ ނުވަ މާއްދާ ހިމެނޭ އެ ބިލުގެ ބޭނުމެއްގެ ގޮތުގައި ބުނެފައި ވަނީ:

  •  ރާއްޖޭގެއިން ހާރިޖީ ގުޅުންތައް ގާއިމްކޮށްފައިވާ ގައުމުތަކާ އަދި ދުޝްމަން ނޫން އެނޫން ވެސް ގައުމުތަކާ ދެކޮޅަށް، އެ ގައުމުތަކުގެ އިއްޒަތާއި ގަދަރު ކުޑަވާނެ ފަދަ ގޮތަކަށް ސިޔާސީ ހަރަކާތްތަކާއި އެނޫން ވެސް ހަރަކާތްތައް ހިންގުމުގެ ސަބަބުން ރާއްޖެ އާއި އެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ކޮށްފާނެ ނެދެވޭ އަސަރުތައް ހުއްޓުވުމެވެ. 

  • އަދި އެފަދަ ހަރަކާތްތައް ހިންގާ މީހުންނާއި އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުންނާ މެދު އަމަލުކުރާނެ ގޮތްތަކާއި އެފަރާތްތަކާ މެދު އަޅާނެ ގާނޫނީ ފިޔަވަޅުތައް ބަޔާންކުރުމެވެ.

އެ ޑްރާފްޓްގައިވާ ގޮތުން، ރާއްޖެއާ އެހެން ގައުމަކާ ދެމެދު ގާނޫނީ ނުވަތަ ބައިނަލްއަގުވާމީ ހަމަތަކާ އެއްގޮތަށް ނުވަތަ އެއްބަސްވުމަކާ އެއްގޮތަށް ނުވަތަ ދެ ގައުމުން ބަލައިގެންފައިވާ އުސޫލަކާ އެއްގޮތަށް އޮތް ކަމެއްގައި ރައްޔިތުންގެ ނަމުގައި ނުވަތަ ރާއްޖެ ރަމްޒުވާ ގޮތަށް ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރުމާއި ކެމްޕެއިން ކުރުމާއި ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ، ގާނޫނީ ކުށެކެވެ. އެފަދަ އަމަލުތަކަކީ، ބޭރު ގައުމުތަކާއި ރާއްޖެއާ އޮންނަ ގުޅުންތަކަށް އަސަރުކުރާނެ ފަދަ އަމަލުތައް ކަމަށް ބަޔާންކޮށްފައިވެ އެވެ. 

ބޭރު ގައުމުތަކުގެ އިއްޒަތާއި ގަދަރަށް ބުރޫއަރާނެ ފަދަ އަމަލުތައް ވެސް މި ޑްރާފްޓްގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން، އެ ގައުމެއްގެ އަޅުވެތިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ ނުވަތަ ސިޔާސީ ނުވަތަ އިގްތިސާދީ ބާރުވެރިކަމުގެ ދަށުގައި ރާއްޖޭގެ ސިޔާދަތާއި އިސްގުލާލުވާކަން ދެއްކުމުގެ ގޮތުން އެ ގައުމަކާ ދެކޮޅަށް މުޒާހަރާކޮށް، ކެމްޕެއިންކޮށް، އެނޫން ވެސް ސިޔާސީ އެއްވެސް ހަރަކާތެއް ހިންގުމަކީ އެފަދަ އަމަލެއް ކަމާއި އެއީ ގާނޫނީ ކުށެއް ކަމަށް ބަޔާންކުރެ އެވެ.

މައިގަނޑު ގޮތެއްގައި ޑްރާފްޓްގައި ހިމަނާފައިވަނީ އެ ދެ ކުށެވެ. އެ ދެ ކުށް ކޮށްގެން އެ އަމަލެއްގެ ކުޑަ ބޮޑުމިނަށް ބަލައި، ދޭ އަދަބުތަކަކީ:

  • ގިނަވެގެން 20،000ރ. އިން ޖޫރިމަނާކުރުން

  • އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދުކުރުން

  • ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

ގާނޫނަށް އަމަލު ކުރަން ފަށަން ޑްރާފްޓްގައި ބަޔާންކޮށްފައިވަނީ، ބިލު މަޖިލީހުން ފާސްވެ، ރައީސް ތަސްދީގުކުރާ ދުވަހުން ފެށިގެންނެވެ. އެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދު ހެދުމުގެ ޒިންމާ މަތިކޮށްފައި ވަނީ ފޮރިން މިނިސްޓަރާ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް