ނަޝީދު މަޖިލީހުގެ ޖަލްސާގައި: އިންޑިއާ އައުޓް މައްސަލަ ބެލުމަށް 241 ކޮމިޓީއަށް އެމަނިކުފާނު ވަނީ ހުށަހަޅުއްވާފައި (ފައިލް ފޮޓޯ/ މަޖިލިސް)

'އިންޑިއާ އައުޓް' މައްސަލަ ބަލަން ނަޝީދު 241 ކޮމިޓީގައި އެދިވަޑައިގެންފި

ނަޝީދު 241 ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވީ، އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެކަމަށް

އިދިކޮޅުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނަކީ، ގައުމުގެ ސަލާމަތަށް ނުރައްކާވެދާނެ ކެމްޕެއިންކަމަށް ވިދާޅުވެ، އެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ހުށަހަޅުއްވައިފި އެވެ.

އެނގުން މުހިންމު - ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި، އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްނެގުމަކަށް އެ ކޯލިޝަނުން އަންނަނީ "އިންޑިއާ އައުޓް" ކެމްޕެއިންގެ ހަރަކާތްތައް މުޅި ރާއްޖެއަށް ފުޅާ ކުރަމުންނެވެ. އެ ކެމްޕެއިންއަކީ:

  • އިދިކޮޅުން ބުނާ ގޮތުން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަކީ މި ގައުމުގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމެއް

  • ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕާޓީތަކާއި ސަރުކާރުން ތަކުރާރުކޮށް ބުނަމުންދާ ވާހަކައަކީ، އިދިކޮޅުގެ އެ ކެމްޕެއިންގެ ސަބަބުން ދޭދޭ ގައުމުތަކާ ރާއްޖެއާ ދޭތެރޭ އޮންނަ ގުޅުން ގޯސްވެ، ދިވެހިންނަށް އެތައް ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް

  • އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަންކަމަށް އަސަރު ކުރާނެ ކަމެއް ކަމަށް މި ސަރުކާރުން ނުދެކޭ

ވީ ކިހިނެއް؟- އެ ކެމްޕެއިންގެ މައްސަލަ ބަލައިދިިނުމަށް އެދި ނަޝީދު ވަނީ 241 ކޮމިޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ސިޓީއެއް ފޮނުއްވައިފަ އެވެ.

ބުނީ ކީކޭ؟- އެ ސިޓީގައި ނަޝީދު ވިދާޅުވީ، ޔާމީން އިސްވެ ހުންނަވައިގެން ހިންގާ "އިންޑިއާ އައުޓް" ހަރަކާތަކީ، އެކަމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާވާނެ ކެމެއްކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ ތަހްޒީބު އެއްވެސް މުޖުތަމެއްގައި ބަލައިގަންނާނެ ފަދަ އަމަލަކަށް ނުވާނެ ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

"އެއީ ރާއްޖޭގެ މަސްލަހަތާ ހިލާފު، އެކަމުގެ ސަަބަބުން ރާއްޖޭގެ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ޒަމާނުއްސުރެ އޮތް ގާތްގުޅު ގާތް ގުޅުމަށް ހީނަރުކަން އަތުވުމުގެ ފުރުސަތު އޮތްކަމެކެވެ." ފެށުނީއްސުރެ އެ ކެމްޕްއިނާ ދެކޮޅަށް ވާހަކަ ދެއްކެވި ނަޝީދުގެ ސިޓީގައިވެ އެވެ. 

އިންޑިއާގައި މިހާރު ވެސް އެތައް ހާސް ދިވެހިން ދިރިއުޅެމުންދާކަން ފާހަގަ ކުރައްވައި، ނަޝީދު އިތުރަށް ވިދާޅުވީ، މި ކެމްޕެއިންގެ ސަބަބުން "އެގައުމުގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭނެ" ކަމަށެވެ.

އެހެން ކަމުން އެމަނިކުފާނު ސިިޓީގައި އެދިވަޑައިގެންނެވީ، 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، އެ މައްސަލަ ބައްލަވާދެއްވުމަށެވެ.

މަޖިލިސް އަދި އޮތީ ޗުއްޓީގަ އެވެ. އަންނަ ބުރާސްފަތި ދުވަހު މަޖިލިސް މިއަހަރަށް ހުޅުވުމަށް ހަމަޖެހިފައިވާ އިރު، މަޖިލިސް ހުޅުވުމާ އެކު ކޮމިޓީން އެ މަސައްކަތް ފަށާނެ ކަމަށް ބެލެވެ އެވެ.

ފަސް މަންޒަރު - މަޖިލީހުގެ241 ކޮމިޓީން މައްސަލަ ބެއްލެވުމަށް ނަޝީދު އެދިވަޑައިގެންނެވި އިރު، އެމަނިކުފާނު ނިސްބަތްވާ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ދަނީ އެ ކެމްޕެއިން ހުއްޓުވުމަށް ބިލެއް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރު ތައްޔާރުކޮށްފައިވާ ފުރަތަމަ ޑްރާފްޓްގެ ބިލްގައިވާ ގޮތުގައި އެފަދަ ހަރަކާތްތައް ހިންގައި، އޭގައި ބައިވެރިވުމަކީ ޖިނާއީ ކުށެކެވެ. އަދަބެއްގެ ގޮތުގައި:

  • ގިނަވެގެން 20،000ރ. އިން ޖޫރިމަނާކުރުން

  • އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދުކުރުން

  • ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން

އިދިކޮޅުން ދެކޭ ގޮތުގައި އެފަދަ ބިލަކީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށާއި އޭގެ ސަބަބުން އެ ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ.

އިތުރަށް ކިޔާލަން-

ކޮމެންޓް (2)

ސިކުނޑި

31 ޖެނުއަރީ 2022
އިންޑިއާ އައުޓް ކެމްޕޭނަކީ އުމަރުގެ އެއްޗެއް! އެހެންޏާވެސް ކަންކުރާ އުސޫލުން ޕީޕީއެމްއިން އެ ސްލޯގަން ވަގަށް ނެގީ! ޓިނާއި ދައުލަތުގެ ޚަޒާނާއާއި، ސިޔާސީ ޕާޓީއާއި، ސިޔާސީ ކެމްޕޭންތަކަކީ އަދުރޭމެން ވަރަށް ދޯޅު އެއްޗެހި! ޔާމީނާއި އޭނާގެ އައުވާނުން އަބަދުވެސް ފެންނަނީ ހިހޫތަނުން ކާލައިގެން އުޅޭ އަމިއްލަ ފައިދާއަށް މަސައްކަތް ކުރާ ބައިގަނޑެއްގެ ގޮތުގައި! ޕީޕީއެމްއިން ގައުމީ މަސައްކަތެއް ކުރާނަމަ، ފުރަތަމަ ޕާޓީ އޭގެ ހައްގުވެރިންނާ ހަވާލު ކުރޭ!
0 0

ސިކުނޑި

31 ޖެނުއަރީ 2022
ސިޔާސީ މީހުން ދައްކާ ސިޔާސީ ވާހަކަތަކަށް ގަވައިދު ހަދައި ފިޔަވަޅު އަޅުމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނަ ކަމެއް ނޫން! އިންޑިއާގައި ދިރިއުޅޭ ދިވެހީންނަށް އުނދަގޫވާނަމަ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރުމަކީ އެއްވެސް މައްސަލައެއް ނޫން! އިންޑިއާ ސިފައިން ރާއްޖޭގައި ތިބޭކަށް ނުޖެހޭނެ!
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް