ފާތިމަތު ދީމާ އަލީ، ސާފް ގޭމްސްގައި ކުޅެނީ: އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ އިއްޔެ ވަނީ އޮލިމްޕިކްސްއަށް ކޮލިފައިވެފައި -- (ފޮޓޯ/އޮލިމްޕިކް ކޮމިޓީ)
ދީމާ: މި ކުއްޖާއަށްޓަކައި މިއަދު މުޅި ގައުމު ފަހުރުވެރިވެއްޖެ
ފޭސްބުކް ހުޅުވާލައިފި ނަމަ މިހާރު ފެންނާނީ ފާތިމަތު ދީމާ އަލީއަށް އެކި މީހުން އޮއްސާލި ތައުރީފްގެ ބަސްތަކެވެ. މިއަދު އަނެއްކާވެސް ދިވެހި ގައުމު ފަހަރުވެރިވާ ކުއްޖަކަށް ދީމާ ވެއްޖެ އެވެ. އޭނާއަކީ އޮލިމްޕިކްސްއަށް ކޮލިފައިވެގެން ރާއްޖެ ތަމްސީލުކުރާ ފުރަތަމަ އެތުލީޓެވެ.
މި ބޮޑު ކާމިޔާބު ހޯދީ ނާޕާލުގައި މިއަދު ނިމުނު އޮލިމްޕިކް ކޮލިފިކޭޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދައިގެންނެވެ. އުމުރުން 16 އަހަރުގެ ދީމާ އެ ހިސާބަށް ދިޔައީ އެއްވެސް މެޗަކުން ބަލިނުވެ އެވެ. އޭނާއަށް ވުރެ މާ ދޮށީ ކުޅުންތެރިން ވެސް ބަލިކޮށްފަ އެވެ.
ފައިނަލްގައި ސްރީ ލަންކާގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ބިމަންދީ ބަންޑަރާއާ ވާދަކޮށް މޮޅުވީ 4-1 ގޭމުންނެވެ. މިއީ ގްރޫޕް ސްޓޭޖްގައި އޭނާގެ މައްޗަށް ދީމާ ހޯދި 4-3 ގޭމަށް ވުރެ ވެސް ފުރިހަަމަ މޮޅެކެވެ.
ދީމާ މިހާ ހިސާބަށް ދިއުމުގެ ކުރިން ސްރީ ލަންކާގެ މި ފެންވަރުގެ ކުޅުންތެރިންގެ އަތުން ރާއްޖޭގެ ކުޅުންތެރިޔަކު މޮޅުވެފައެއް ވެސް ނެތެވެ.
އޮލިމްޕިކްސްއަށް ކޮލިފައިވުން ކިހާ ބޮޑު ކަމެއް؟
މިއީ ދުނިޔޭގެ ކުޅިވަރުގެ މައިގަނޑު އުސޫލުތައް ނޭނގޭ މީހުންގެ ހިތުގައި އުފެދިދާނެ ސުވާލެކެވެ. ޖަވާބަކީ އެއީ ވަރަށް ބޮޑު، އެހާމެ މަތީ ޝަރަފެއް ކަމެވެ.
މީގެ ކުރިން ދެ ފަހަރެއްގައި ބެޑްމިންޓަން ފިޔަވައި، ރާއްޖެއިން އޮލިމްޕިކްސްގައި މުޅިން ވެސް ވާދަކޮށްފައި ހުންނާނީ ކޮންމެ ގައުމަކަށް ލިބޭ އޮޓަމެޓިކް ފުރުސަތުތަކުގަ އެވެ. އެގޮތުން އަބަދުވެސް އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރަނީ ދުވުމާއި ފެތުމުގަ އެވެ.
ލަންޑަންގައި 2012ގައި އޮތް އޮލިމްޕިކްސްއަށް މުހައްމަދު އަޖުފާން ރަޝީދާ އަދި ޖަޕާންގައި އޮތް 2020ގެ އޮލިމްޕިކްސްގައި ފާތިމަތު ނަބާހާ އަބްދުރައްޒާގު ބެޑްމިންޓަނަށް ހޮވުނެވެ. އެކަމަކު އެއީ ސީދާ ކޮލިފައިވެގެންނެއް ނޫނެވެ. ކޮލިފައިވި ކުޅުންތެރިންގެ އިތުރުން ދެން ކޮލިފިކޭޝަންގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ބައެއް ކުޅުންތެރިންނަށް ދިން ފުރުސަތެއްގަ އެވެ.
"މިއީ މުޅި ގައުމު ފަހަރުވެރިވާން ޖެހޭ ވަރުގެ ކަމެއް. އެހާމެ ބޮޑު ކަމެއް އަސްލު. އެއީ މީގެ ކުރިން ރާއްޖޭގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް ނޫނީ އެތުލީޓަކަށް ވެސް ކުރެވުނު ނޫން މިއަކީ،" ދީމާގެ ކުރީގެ ކޯޗު އަދި ރާއްޖޭގައި އުފެދުނު ފިރިހެން އެންމެ މޮޅު ޓީޓީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އިބްރާހިމް ޝިއުރީ ބުންޏެވެ.
ދީމާއާ ބެހޭ އިތުރު ލިއުންތައް
އޭނާ ބުނި ގޮތުގައި ދެކުނު އޭޝިއާއިން ވެސް އިންޑިއާ ކުޅުންތެރިން ފިޔަވައި ދެން އޮލިމްޕިކްސްގެ ޓީޓީއަށް ދާނީ ދީމާ އެވެ. އިންޑިއާއަކީ ދުނިޔޭގެ ފެންވަރުގައި ވެސް މޮޅު ގައުމަކަށް ވާތީ، އެ ގައުމުގެ ކުޅުންތެރިން ކޮލިފައިވެ އެވެ. ނޭޕާލުގައި މިއަދު އެ ނިމުނީ ދެކުނު އޭޝިއާއަށް އޮތް ކޮންމެ ޖިންސަކުން ވެސް ހަމައެކަނި ފުރުސަތަށް ވާދަކުރި ވާދަކުރުމެވެ.
"އޮލިމްޕިކަށް ކޮލިފައިވުމަކީ ކުޅިވަރުގައި އެންމެ ބޮޑު ހުވަފެން. އެ ހުވަފެން ދީމާ އެ ހާސިލްކުރީ. މިހާރު ދީމާ އެވީ ކޮލިފައިވެގެން އޮލިމްޕިކްސްއަށް ދާނެ އޮލިމްޕިއަނަކަށް،" ޝިއުރީ ބުންޏެވެ.
ފްރާންސްގެ ޕެރިސްގައި އޮލިމްޕިކް ގޭމްސް އޮންނާނީ 26 ޖުލައިން 11 އޮގަސްޓްއަށެވެ.
ދީމާގެ ކުރިއެރުން ވެސް އެހާމެ ފަހުރުވެރި
ދީމާއަކީ އުމުރުން އެންމެ 12 އަހަރުގައި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ކުޅުންތެރިއެކެވެ. އެ މުބާރާތުގެ އަންހެން ޓީމު އިވެންޓާއި ޑަބަލްސްގެ ޗެމްޕިއަންކަން ވެސް އޭނާ ހިއްސާކުރި އެވެ.
މިދިއަ އަހަރު މަޑަގަސްކަރާގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ބައިން އޭނާ ރަން މެޑެލް ދިފާއު ވެސް ކުރި އެވެ.
ދީމާ ވަނީ އުމުރު ފުރައިގެ ބައިނަލްއަގުވާމީ މުބާރާތްތަކުން ވެސް ބޮޑެތި ކާމިޔާބީތައް ހޯދައިފަ އެވެ.
އޮލިމްޕިކްސްއަށް ދީމާ ކޮލިފައިވި އިރު އޭނާ އަންނަނީ މިދިއަ ސަރުކާރުން ތައާރަފުކުރި 'އަރުތަ' ޕްރޮގްރާމް އާއި އޮލިމްޕިކް ސްކޮލޮޝިޕްގެ ދަށުން ކްރޮއޭޝިއާގައި ތަމްރީން ހަދަމުންނެވެ. އޭނާގެ ކޯޗަކީ ކްރޮއޭޝިއާގެ ޒެވޯނިމިރް ކޮރެނިޗް އެވެ. މިއީ މިދިއަ އަހަރު އޮތް އައިއޯއައިޖީގައި ޓީޓީން ރާއްޖެއަށް ކާމިޔާބީތައް ހޯދައިދިން ކޯޗު ވެސް މެ އެވެ.