އައިޝަތު ރަފާ ނާޒިމް 4-2 އިން ބަލިކުރުމަށް ފަހު ފާތުމަތު ދީމާ އަލީއަށް ރޮވިފައި: މިއީ 2019ގައި އޭނާ ހޯދި ރަން މެޑެލް ދިފާއުކުރުން (ފޮޓޯ/ރާއިފް ޔޫސުފް، އެމްއޯސީ)
އައިއޯއައިޖީ: ފައިނަލްގައި ރަފާ ބަލިކޮށް ދީމާ ޓީޓީގެ އަންހެން ސިންގަލްސް ރަން މެޑެލް ދިފާއުކޮށްފި
މަޑަގަސްކަރައިގައި މިހާރު ކުރިއަށް ދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ ޓީޓީގެ އަންހެން ސިންގަލްސް ފައިނަލްގައި އައިޝަތު ރަފާ ނާޒިމް 4-2 އިން ބަލިކޮށް ފާތުމަތު ދީމާ އަލީ ރަން މެޑެލް މިރޭ ދިފާއުކޮށްފި އެވެ.
މީގެ ހަތަރު އަހަރު ކުރިން 2019ގައި އޮތް މުބާރާތުގެ ވެސް އަންހެން ސިންގަލްސް ޗެމްޕިއަންކަން ދީމާ ހޯދީ، ފައިނަލްގައި ރަފާ ބަލިކޮށްފަ އެވެ.
މިއީ ބައިނަލްއަގުވާމީ މުބާރާތެއްގެ ރަން މެޑެލް ދިވެހި ކުޅުންތެރިޔަކު ދިފާއުކުރި ފުރަތަމަ ފަހަރެވެ.
ފައިނަލް މެޗު ދީމާ ގެންދިޔައީ 11-02 ،12-14، 09-11 ،07-11 ،11-08، 08-11 އިންނެވެ.
ދީމާ އާއި ރަފާ ވަނީ އަންހެން ޓީމު އިވެންޓުން ވެސް ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ.
ޓީޓީގެ ފިރިހެން ސިންގަލްސް ފައިނަލްގައި ރާއްޖޭގެ މުހައްމަދު ޝައްފާން ވަނީ ކުޅެފަ އެވެ. ނަމަވެސް މަޑަގަސްކަރައިގެ ނެޓިވެލް ޖޮނަތަން އަތުން އޭނާ ވަނީ 4-2 އިން ބަލިވެފަ އެވެ.
މިއީ ޓީޓީގެ ސިންގަލްސްގެ ރިހި މެޑެލް ޝައްފާންއަށް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ފައިނަލުން ބަލިވިޔަސް އޭނާއަށް މިފަހަރުގެ އައިއޯއައިޖީ ވީ ކާމިޔާބު މުބާރާތަކަށެވެ. ފިރިހެން ޓީމު އިވެންޓުން ރިހި މެޑެލް ހޯދި ޓީމުގައި ވެސް އޭނާ ހިމެނެ އެވެ.
ފައިނަލް މެޗުން ޖޮނަތަން މޮޅުވީ 11-06، 11-08 ،11-05، 11-13، 09-11، 11-09 އިންނެވެ.