ދީމާ ސެޓެއް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޓޭބަލް ޓެނިސް

ދީމާ އަންހެން ކެޑޭޓް ސިންގަލްސް ފައިނަލަށް

ފައިނަލުގައި ދީމާ ބައްދަލުކުރާނީ އިންޑިއާގެ ކުޅުންތެރިއަކާ

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ އަންހެން ކެޑޭޓް ސިންގަލްސް ފައިނަލުން ރާއްޖޭގެ ފާތިމަތު ދީމާ އަލީ ޖާގަ ހޯދައިފި އެވެ.

އޭނާ ފައިނަލަށް ދިޔައީ އިންޑިއާގެ ސަންދީކާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ފައިނަލުގައި ދީމާ މިއަދު ހަވީރު ބައްދަލުކުރާނީ ވެސް އިންޑިއާ ކުޅުންތެރިއަކާ އެވެ.

ފުރަތަމަ ސެޓު ދީމާ ކާމިޔާބުކުރީ 11-9 އިންނެވެ. ދެ ވަނަ ސެޓު ކާމިޔާބުކުރީ 11-6 އިންނެވެ. ދެ ވަނަ ސެޓު ގެންދިޔައީ 15-13 އިންނެވެ. މި ސެޓުގައި ދީމާ 10-7 އިން ލީޑުގައި އޮއްވާ ސަންދީކާ ފަހަތުން އަރައި އެއްވަރުކޮށް ލީޑު ވެސް ނެގި އެވެ. އެކަމަކު ދީމާ ފަހު ވަގުތު ހިތްވަރުކޮށް ސެޓު ކާމިޔާބުކުރީ އެވެ.

ދީމާ ވަނީ އަންހެން ޖޫނިއާ ސިންގަލްސް ސެމީ ފައިނަލުން އިންޑިއާ އަތުން ބަލިވެފަ އެވެ. ދީމާ އެ އިވެންޓުގެ ސެމީ ފައިނަލުން ޖާގަ ހޯދީ ނޭޕާލުގެ ޝުބާޝްރީ އަތުން 3-1 ސެޓުން މޮޅުވެގެންނެވެ. ފުރަތަމަ ސެޓު 11-4 އިން ދީމާ ކާމިޔާބުކޮށްފައި ވަނިކޮށް ޝުބާޝްރީ ވަނީ ދެ ވަނަ ސެޓު 9-11 އިން ކާމިޔާބުކޮށްފަ އެވެ. އެކަމަކު ދީމާ އަނެއް ދެ ސެޓު 11-1 އަދި 11-4 އިން ކާމިޔާބުކޮށް ސެމީން ޖާގަ ހޯދީ އެވެ.

ދީމާ މުބާރާތުގެ މެޗެއްގައި ކުޅެނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ދީމާ އަންހެން ކެޑޭޓް ސިންގަލްސް ސެމީ ފައިނަލުން ޖާގަ ހޯދީ މިއަދު ހެނދުނު ނޭޕާލުގެ އިވާނާ ތާޕާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. ސެޓުތައް ގެންދިޔައީ 11-4، 11-9 އަދި 11-7 އިންނެވެ.

މުބާރާތުގެ އަންހެން ކެޑޭޓް ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރާއްޖޭން ދެން ވާދަކުރި މިޝްކާ މުހައްމަދު އިބްރާހީމް ވަނީ އިންޑިއާގެ ސަންދީކާ އަތުން 3-1 ސެޓުން ބަލިވެ ކަޓައިފަ އެވެ. މިޝްކާ ފުރަތަމަ ސެޓު 12-10 އިން ކާމިޔާބުކުރި ނަމަވެސް ސަންދީކާ މޮޅުވީ އަނެއް ތިން ސެޓު 5-11، 9-11 އަދި 9-11 އިން ކާމިޔާބުކޮށްގެންނެވެ.

އަންހެން ޖޫނިއާ ސިންގަލްސްގެ ކުއާޓާ ފައިނަލުން ރާއްޖޭގެ އާއިޝަތު ރަފާ ނާޒިމް ބަލިވީ އިންޑިއާގެ ސުހާނާ ސައިނީ އަތުން ސީދާ ތިން ސެޓުންނެވެ. ސްކޯއަކީ 2-11، 7-11 އަދި 5-11 އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް